ޚަބަރު

ބަންކަރިން ޚިދުމަތްދިނުމުގެ ޢަމަލީ މަސައްކަތް އަހަރުގެ މެދުތެރޭގައި ފަށާނަން: އެސްޓީއޯ


  • މިއީ އެސްޓީއޯން ކުރާނެ ބޮޑު އިންވެސްޓްމަންޓެއް

  • ރާއްޖެއިން ބޭރަށް ތެޔޮ ރީއެކްސްޕޯޓް ކުރުމުގެ ފުރުސަތުވެސް އެބައޮތް

  • މިއީ ވަރަށް އިސްކަންދޭ ޕްރޮޖެކްޓެއް

ބަންކަރިންގެ ޚިދުމަތް ދިނުމަށް އަމަލީ މަސައްކަތް މިއަހަރުގެ މެދުތެރޭގައި ފަށްޓަވާނެކަމަށް ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން، އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ. ބަންކަރިން ޚިދުމަތަކީ ކަނޑު ބޯޓުތަކާއި އުޅަނދުތަކަށް ތެޔޮ ފޯރުކޮށްދިނުމެވެ. ބޯޓް ފަހަރު އާއްމުކޮށް ދަތުރުކުރާ ސަރަހައްދުތަކުގައި އެފަދަ ހިދުމަތެއް ފެށިއްޖެ ނަމަ ބޯޓް ފަހަރު އެތަންތަނަށް މަޑުކޮށް ތެޔޮ އަޅައިހަދައެވެ. މިގޮތަށް ތެޔޮ ވިއްކުމަކީ ރަނގަޅު ފައިދާއެއް ލިބޭ ޚިދުމަތެކެވެ.


ބަންކަރިންގެ ޚިދުމަތް ދިނުމަށް އެސްޓީއޯއިން މަސައްކަތް ކުރަމުން އަންނައިރު، މި ޚިދުމަތް ދިނުމަށް ބޭނުންވާ ހުއްދަވެސް އެ ކުންފުންޏަށް މިހާރު ވަނީ ލިބިފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާޙީމް ވިދާޅުވީ، އެސްޓީއޯގެ އެންމެ މައިގަނޑު އެއް ވިޔަފާރިއަކީ ތެލުގެ ވިޔަފާރިކަމަށެވެ. އެގޮތުން މިހާރު އެސްޓީއޯއިން ޑީސަލް، ޕެޓްރޯލް އަދި އޭވިއޭޝަން ފިއުލްވެސް ވިއްކަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެހެންކަމުން ބަންކަރިންއަކީ އެސްޓީއޯގެ ވިޔަފާރި އިތުރު ހަރުފަތަކަށް ގެންދިއުމަށް ކުރެވޭނެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓްކަމަށް ސިފަކުރައްވާ ޝިމާދު ވިދާޅުވީ، ބަންކަރިންގެ ޚިދުމަތައް ވަދެގެން ރާއްޖެ މިއޮތް ލޮކޭޝަންގެ ބޭނުންހިފައިގެން ރާއްޖެއިން ބޭރަށް ތެޔޮ ރީ-އެކްސްޕޯޓް ކުރުމުގެ ފުރުޞަތުވެސް އޮތްކަމަށެވެ.

"ބަންކަރިންގެ ޚިދުމަތްތަކުގެ ތެރޭގައި އަޅުގަނޑުމެންނަށް ފޯރުކޮށްދެވޭނެ މިދެންނެވި 3 ބާވަތުގެ ތެލުގެ އިތުރުން ފިއުލް އޮއިލް އަދި އެހެނިހެން ތެލުގެ ބާވަތްތައް. އެހެންވީމަ އަޅުގަނޑުމެން މިވަގުތު ޕްލޭނިން ޕްރޮސެސްއެއްގައި މިއުޅެނީ ލީގަލް ފްރޭމްވޯކްގެ މަސައްކަތް ކުރުމާއި، ޓެކްނިކަލް ފީސިބިލިޓީ ހެދުމުގައި ބަންކަރިންގެ ހިދުމަތް ފޯރުކޮށްދޭނެ މެކޭނިޒަމްއެއް ޤާއިމްކުރަން. އެއީ އަޅުގަނޑުމެންގެ ވަރަށް ޕްރިއޮރިޓީ ޕްރޮޖެކްޓެއް. އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި މިއަހަރު މެދުތެރޭގައި އަޅުގަނޑުމެންނަށް އަމަލީ މަސައްކަތް ކުރެވޭނެ." އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވިއެވެ.

އެސް.ޓީ.އޯއިން މަސައްކަތް ކުރަމުންދަނީ އައު ވިޔަފާރިތަކަށް ވަދެ އެ ކުންފުނީގެ އާމްދަނީ އިތުރުކޮށް ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ރަނގަޅު އަދަދެއް ދިނުންކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.