ޚަބަރު

ޤިޔާމަތް ދުވަހުން ހިޔާވަހިކަން ލިބޭ އެއްބަޔަކީ އަދުލުވެރި ވެރިން: ހުކުރު ޚުޠުބާ


  • ޚުޠުބާގެ މަޢުޞޫއަކީ "މަޙްޝަރު ދުވަހުގެ ހޫނުން ރައްކާތެރިވާށެވެ!"

  • ވެރި މީހާއަކީ ރައްޔިތުންނަށް ރަނގަޅު މީހަކަށް ވާންވާނެކަން ފާހަގަކުރި

  • ޤިޔާމަތް ދުވަހުން މާތް ﷲ 7 ބާވަތެއްގެ ބަޔަކަށް ހިޔާވަހިކަން ދެއްވާނެ

ޤިޔާމަތް ދުވަހުން ހިޔާވަހިކަން ލިބޭ އެއްބަޔަކީ އަދުލުވެރި ވެރިން ކަމަށާއި ވެރި މީހާއަކީ ރައްޔިތުންނަށް ރަނގަޅު މީހަކަށް ވާންވާނެކަމަށް ޚުތުބާގައި ގޮވާލައިފިއެވެ.

މިއަހަރުގެ ފުރަތަމަ ހުކުރު ޚުޠުބާގެ މަޢުޞޫއަކީ "މަޙްޝަރު ދުވަހުގެ ހޫނުން ރައްކާތެރިވާށެވެ!"

ހުކުރު ޚުތުބާގައި ވަނީ ޤިޔާމާތް ދުވަހުގެ ބިރުވެރިކަމާއި ބޮޑުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޤިޔާމަތް ދުވަހުން ހިޔާވަހިކަން ލިބޭ މީހުން ތަފްޞީލްކޮށްދެއްވާފައިވެއެވެ.

ޤިޔާމަތް ދުވަހުން މާތް ﷲގެ ހިޔާވަހިކަން ލިބޭ މީހުންގެ ތެރެއިން އެންމެ ފުރަތަމަ އަދުލުވެރި ވެރިމީހާގެ ގިންތި ގެންނެވީ އޭގެ ފައިދާއާއި ލާބަ ބޮޑުކަމުންކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ، ވެރިމީހާ ރަނގަޅު ވެއްޖެނަމަ ޤައުމު ތަރައްޤީވެ ރައްޔިތުންނަށް ރަނގަޅުވެ ފާޤަތިކަން ޢާންމުވާނެކަމަށެވެ.

ކީރީތި ރާޞޫލާގެ އަލްޚުލަފާއުއްރާޝީދޫންއިން މިސާލު ޖައްސަވާ ޚުތުބާގައި ވިދާޅުވީ އެއީ އުންމަތަށް ލިބިގެންދިޔަ ހެޔޮ ނަމޫނާއެއްކަމަށެވެ. އަދި އެބޭކަލުންނަކީ އުންމަތަށްޓަކައި ޤުރުބާންވެވަޑައިގެންނެވި ބޭކަލުންކަމަށާއި، އެންމެ އިސްކެމެއް ދެއްވީ ރައްޔިތުންގެ މެދުގައި ޢަދުލު އިންސާފު ޤާއިމްކުރެއްވުމަށްކަށާއި އަނިޔާވެރިކަން ނައްތާލުމަށްކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

"ހަމަކަށަވަރުން ޤިޔާމަތްދުވަހުން މާތްﷲ ޢައްޒަ ވަޖައްލަ ވަޙީކުރައްވާނެތެވެ. ތިމަންރަސްކަލާނގެ ކީރިތި ވަންތަކަމަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވި މީހުން ކޮބައިހެއްޔެވެ؟ ތިމަންރަސްކަނލާންގެ ހިޔާވަހިކަންނޫން އެހެން ހިޔާވަހިކަމެއް ނުވާ މި ދުވަހު ރިތިމަންރަސްކަލާނގެ ހިޔާވަހިކަމުން އެއްބައިމީނުންނަށް ހިޔާވަހިކަން ދެއްވާހުށީމެވެ." ކީރިތި ރަޞޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަ ހަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.

ޤިޔާމަތް ދުވަހަކީ ބިރުވެރިކަން ގަދަ ބޮޑުވެގެންވާ ދުވަހެއްކަން ފާހަގަކުރައްވާ ޚުޠުބާގައި ވަނީ މަހްޝަރުދުވަހުގެ ގަދަހޫނުން ސަލާމަތް ކޮށްދޭ ފުރަތަމަ ކަމަކީ އަތްމަތި ދަތި މީހާއަށް އޭނާގެ ދަރަނި ލުއިކޮށްދިނުންކަން ފާހަގަކުރައްވާފައެވެ. އެއީ ދަރަންޏެއް ނެގިފަހުން ވެސް ތަނަވަސްކަމެއް ނުލިބި ދަރަނި ދައްކަން ނުކުޅެދިފައިވާ މީހާއަށް މުޙުލަތުދިނުންކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

ވިޔަފާރިވެރިއަކުވެސް ބަނގުރޫޓް ވެއްޖެނަމަ އޭނާގެ ދަރަނި އަދާކުރުމުގެ މުއްދަތު އިތުރުކޮށް ދެވިދާނެކަމަށް ޚުޠުބާގައި ވަނީ ފާހަގަކުރައްވާފައެވެ. ދަރަނިވެރިޔާއަށް ލުއިކޮށްދޭ މީހާއަށް ޤިޔާމްތަދުވަހުން މަތްﷲ އެކަލާނގެ ޢަރްޝީފް ހިޔާވަހިކަން ދެއްވާނެކަމަށް ޚުޠުބާގައި ހަނދާންކޮށްދެއްވިއެވެ.

"އަތްމަތި ދަތިވެގެން ދަރަނި އަދާ ނުކުރެވުނު މީހާގެ ދަރަނި ފަސްކޮށްދިން މީހާއަށް، ނުވަތަ އެ ދަރަނިން ބައެއް އުނިކޮށްދިން މީހާއަށް، ޤިޔާމަތްދުވަހުން މާތް ﷲ އެކަާލނާގެ ޢަރްޝީފްގެ ހިޔާވަހިކަން ދެއްވާނެވެ. ދަރަނި އަދާކުުރން ލަސްކޮށްދިން މީހާއަށް އެއީ ކޮންމެ ދުވަހަކު އެ މިންވަރުން ކުރެވޭ ޞަދަޤާތެކެވެ.އަދި ދަރަނި އަދާކުރުމުގެ މުއްދަތު ހަމަވެއްޖެނަމަ އެއީ އެ މިންވަރުން ކުރެވޭ ދެ ޞަދަޤާތެވެ." ކީރިތި ރަޞޫލާ މުޙައްމަދު ޞައްލައްﷲ އަލައިހި ވަޞައްލަމަ ހަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނާގައިވެއެވެ.

ޤިޔާމަތް ދުވަހުން މާތް ﷲގެ ހިޔާވަހިކަން ނޫން އެހެން ހިޔާވަހިކަމެއް ނުވާ ދުވަހު މާތް ﷲ 7 ބާވަތެއްގެ ބަޔަކަށް ހިޔާވަހިކަން ދެއްވާނެކަމަށް ޚުޠުބާގައި ވިދާޅުވިއެވެ.

އޭގެ ތެރޭގައި ޢަދުލުވެރި އިމާމާއި، އޭނާގެ ވެރި ރަސްކަނލާނގެއަށް އަޅުކަންކުރުންމަތީ ބޮޑުވި ޒުވާނާއާއި، ނަމާދުތަކަށް އިންތިޒާރުކޮށް އެއަށް ރައްކާތެރިވި މީހާ ހިމެނެއެވެ. އަދި މާތް ﷲގެ ވަޖުހުފުޅަށްޓަކައި އެކަކު އަނެކަކު ދެކެ ލޯބިވެ އެކުގައި އުޅެ އެގޮތުގައި ވަކިވެދިޔަ މީހުންނާއި، ޙަސަބާއި ނަސަބުން މަތިވެރި ރީތި އަންހެނަކު ފާޙިޝްކަމަކަށް ދާއުވަތު ދިނުމުން އަހުރެން ﷲ ދެކެ ބިރުގަނެއޭ ބުނެ އެކަމާ ދުރުހެލިވި މީހާއާއި، ކަނާތުން ޞަދާތްކުރި އެއްޗެއް އެނާގެ ވާއަތަށް ވެސް ނޭނގޭހައި މިންވަރަށް ވަންހަނާކުރި މީހާއާއި، އެކަނިމާއެކި ތަނެއްގައި އިނދެ ﷲ ހަނދުމަކޮށް އޭނާގެ ދެލޮލުން ކަރުނަ އޮހޮރި މީހާ ހިމެނޭކަން ކީރިތި ރާސޫލާގެ ޙަދީޘް ބަސްފުޅުން ޚުޠުބާގައި އަންގައިދެއްވިއެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވަނީ ޤިޔާމަތްދުވަހުގެ ގަދަ ހޫނާއި ދިލައިން ރައްކާތެރިކޮށް ދެއްވާ މީހުންގެ ތެރޭގައި ހިމެނުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ނަޞޭހަތްތެރިވެފައެވެ. އަދި މިސްކީނުންނަށާއި ފަޤީރުންނަށް އަޅައިނުލާ މުޖުތަމައެއްގައި ފާޅުކޮށް ޞަދަޤާތްކުރުމަކީ މީހުންނަށް އެކަމަށް ހިތްވަރުދިނުމަށްޓަކައި ކުރުން އެދިވެގެންވާކަމެއްކަން ފާހަގަކުރައްވާފައެވެ. ނަމަވެސް ފަޤީރުންނާއި މިސްކީނުންނަށް ހެޔޮފޮރުވާ މުޖުތަމައުއްގައި ރަނގަޅުގޮތަކީ ޞަދަޤާތް ވަންހަނާކުރުންކަންވެސް ފާހަގަކުރެއްވިއެވެ.