ޚަބަރު

ފުޓްސަލް ޗެމްޕިއަންޝިޕް: 4 ޓީމު ހދ. ގެ ސެމީއަށް


  • ސެމީއަށް ދިޔައީ ހަނިމާދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނޭކުރެންދޫ

  • ހދ. އަތޮޅުން މުބާރާތުގައި 6 ޓީމު ބައިވެރިވި

އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕުގެ ހދ. އަތޮޅު މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަތައް ކަށަވަރުވެއްޖެއެވެ.

މުބާރާތުގެ ސެމީގެ ޖާގަތައް ކަށަވަރުކޮށްފައި ވަނީ ހަނިމާދޫ، ނޮޅިވަރަންފަރު، ނައިވާދޫ އަދި ނޭކުރެންދޫއެވެ.

މި ޖާގަތައް ކަށަވަރުވީ ހޯމަ ދުވަހު ކުޅުނު މެޗުތަކަށްފަހުއެވެ.

އެގޮތުން ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ހަނިމާދޫއިން ވަނީ ކުމުންދޫގެ މައްޗަށް 1-4އިން ކުރިހޯދާފައެވެ.

މެޗުގައި ހަނިމާދޫގެ ލަނޑުތައް ޖަހައިދިނީ ނޫރުﷲ ޠާހާއާއި މުޙައްމަދު ޙަސަންއެވެ. ނޫރުﷲ ވަނީ މެޗުގައި ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައެވެ.

މެޗުގައި ކުމުންދޫއިން ޖެހި ހަމައެކަނި ލަނޑަކީ ޝައިމަން ޖައުފަރު ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މޮޅާއެކު ހަނިމާދޫއިން ސެމީގެ ޖާގަ ކަށަވަރުކުރިއިރު މި ގުރޫޕުގައި ހިމެނޭ ތިން ޓީމަށް ވެސް ތިން ޕޮއިންޓު ލިބިފައިވެއެވެ، ހަނިމާދޫއާއި ނޮޅިވަރަންފަރަށް ކުމުންދޫގެ މައްޗަށް ތާވަލުގެ ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.

ހދ. އަތޮޅުގެ ގްރޫޕް ބީއިން ސެމީގެ ޖާގައެއް ނައިވާދޫއިން ކަށަވަރުކުރީ ކުޅުނު ދެވަނަ މެޗުންވެސް މޮޅުވެގެންނެވެ. ހޯމަ ދުވަހުގެރޭ ނައިވާދޫއިން ވަނީ ކުރިނބީގެ މައްޗަށް 1-4އިން ކުރިހޯދާފައެވެ.

މެޗުގައި ނައިވާދޫގެ ލަނޑުތައް ޖަހައިދިނީ އަބްދުﷲ ވިސާމާއި މުޙައްމަދު ޝާއިންއެވެ. މެޗުގައި ވިސާމް ވަނީ ހެޓްރިކް ހަދާފައެވެ.

މި މޮޅާއެކު ނައިވާދޫ އެއްވަނައިގައި އޮތީ ކުޅުނު ދެމެޗުން ހޯދި ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި ނޭކުރެންދޫ އޮތީ ތިން ޕޮއިންޓާއެކުއެވެ. އަދި ކުރިނބިން މުބާރާތް ނިންމާލީ ޕޮއިންޓެއް ނުލިބިއެވެ.

މުބާރާތުގައި ހދ. އަތޮޅުން ޖުމްލަ ހަ ޓީމު ބައިވެރިވިއިރު މި އަތޮޅުގެ ސެމީގެ މެޗުތައް ކުޅޭނީ މިމަހުގެ 20ވަނަ ދުވަހުއެވެ.