ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބަށް ކުރިމަތިލެއްވި ދެ ކެންޑިޑޭޓުންވެސް ކުލަބު ވެލެންސިއާގެ ތާއީދު އޮތް ސިޓީއެއް ހުށަހެޅުއްވުމުން، ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ ފީފާ އާއި އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭއެފްސީގެ ލަފަޔަކަށް އެދިއްްޖެއެވެ.
އެފްއޭއެމުން މި މަހުގެ 31 ވަނަ ދުވަހު އައު އިންތިޚާބެއް ބޭއްވުމަށް ނިންމާފައިވާއިރު، އެ އިންތިޚާބުގައި ވާދަކުރެއްވުމަށް ލިޔެކިޔުންތައް ހުށަހެޅުއްވި ދެ ކެންޑިޑޭޓުންނަކީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ހިންގާ ކޮމިޓީގެ މެންބަރު މުފާވިޒު ހާޝިމް (މުފާ) އާއި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ތޯރިގު (ޓޮމް) އެވެ. އެ ދެ ކެންޑިޑޭޓުންވެސް ވަނީ ވެލެންސިއާގެ ތާއީދު އޮތް ސިޓީއެއް ހުށަހަޅުއްވާފައެވެ.
އެފްއޭއެމުގެ އިލެކްޓޯރަލް ކޮމިޓީން މިރޭ ނެރުނު ނޫސް ބަޔާނުގައި ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި އިލެކްޓޯރަލް ކޮމިޓީގެ ބައްދަލުވުމުގައި ދެ ކެންޑިޑޭޓުންގެ ފޯމުތައް ކަނޑައި ބެލިއިރު، ދެ ކެންޑިޑޭޓުންނަށްވެސް ވެލެންސިއާއިން ތާއީދުކޮށް ސިޓީއެއް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެހެންކަމުން މިފަދަ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ލަފަޔަކަށް ފީފާ އާއި އޭއެފްސީގައި އެދިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެފްއޭއެމުން މިހެން ބުނިއިރު، ވެލެންސިއާގެ ޗެއާމަން އަބްދުﷲ އަޒްމީން މަގާމުން އިސްތިއުފާ ދެއްވިކަމުގެ "ފޭކް ސިޓީ" އަކާ ގުޅުވައިގެން ސައްހަ ނޫން މައުލޫމާތެއް ފީފާ އާއި އެފްސީއަށް ދިންކަމުގެ މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ.
އެގޮތުން އޭއެފްސީގެ ޖެނެރަލް ސެކްރެޓަރީ ދަތުކް ވިންޑްސޯ ޖޯންއަށް، އިލެކްޓޯރަލް ކޮމިޓީގެ ޗެއާޕާސަން އަބްދުﷲ އަލީ ފޮނުއްވާފައިވާ ސިޓީގައި ވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހު ވެލެންސިއާގެ ބޯޑު މެންބަރުންގެ ރިޒޮލިއުޝަނަކުން، އެފްއޭއެމުގެ އިންތިޚާބުގައި ތޯރިގަށް ތާއިދުކުރަން ނިންމާފައިވާ ކަމަށް، ވެލެންސިއާގެ ޗެއާމަން އަޒްމީން ސޮއިކޮށްފައިވާ ސިޓީއެއް ލިބިފައިވާ ކަމަށް ބުނެފައެވެ.
އެކަމަކު އޭގެ ކުރިން 26 ވަނަ ދުވަހުގެރޭ ވެލެންސިއާގެ ޗެއާމަންކަމުން އަޒްމީން އިސްތިއުފާދެއްވި ސިޓީއެއް، ވެލެންސިއާގެ އީމެއިލް މެދުވެރިކޮށް އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ މުޙައްމަދު ޖައުޝަން ޝަރީފަށް ލިބިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
އެއާއެކު އެފްއޭއެމުގެ އިންތިޚާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަދި މީގެ ކުރިންވެސް އެފްއޭއެމުގެ ރައީސްކަން ކުރެއްވި ތޯރިގު ވަނީ ވެލެންސިއާގެ ޗެއާމަންކަމުން އަޒްމީން އިސްތިއުފާދެއްވި ކަމަށް ބުނެ އެފްއޭއެމުން ގެންގުޅެނީ "ފޭކް ސިޓީއެއް" ކަމަށް ވިދާޅުވެފައެވެ.
މީގެ ކުރިން ވެލެންސިއާއިން ވަނީ ކެންޑިޑެސީއާއެކު މުފާ ހުށަހެޅުއްވީ ސޮއި ފޯޖުކޮށްފައިވާ ސިޓީއެއް ކަމަށް ތުހުމަތުކޮށް، އެ މައްސަލަ ފުލުހުންގެ އިދާރާއަށް ހުށަހަޅާފައިވާ ކަމަށް ބުނެފައެވެ. އެކަމަކު އެފަދަ ސިޓީއެއްގެ މައްސަލަ ހުށަހަޅާފައި ނެތް ކަމަށް ފުލުހުންގެ އިދާރާއިން ރޭގެ ވަގުތެއްގައި ހާމަކޮށްފައިވަނިކޮށް، ވެލެންސިއާއިން މިހާރު އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް މައުލޫމާތުލިބެއެވެ. އެހެން ނަމަވެސް އެ ތުހުމަތަށް އިންކާރުކުރައްވައި ކުލަބު އީގަލްސްގެ ވައިސް ޗެއާމަން މުފާ ވަނީ ވެލެންސިއާ ނުލައިވެސް އޭނާއަށް ފުރަތަމަ ޑިވިޝަނުގެ ފަސް ކުލަބެއްގެ ތާއީދު ލިބިފައިވާ ކަމަށް ވިދާޅުވެފައެވެ.
އެފްއޭއެމުގެ އިންތިޚާބާ ގުޅޭ ގިނަ މަސައްލަތަކެއް ފެންމަތިވެފައިވާއިރު، ދާދި ފަހުން ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލް ވަނީ އިންތިޚާބުގެ ކަންކަން ކުރިއަށް ނުގެންގޮސް ހުއްޓާލުމަށް އަންގާފައެވެ. އެގޮތަށް އެންގީ ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން ކަމަށް ވަނީ ބުނެފައެވެ. ނަމަވެސް އެފްއޭއެމުގެ އިންތިޚާބުގެ ކަންކަން ހުއްޓާލާފައިނުވާ ކަމަށް ޖައުޝަން ވަނީ ވިދާޅުވެފައެވެ.