ޚަބަރު

ފުނަދޫ ތެޔޮ ރައްކާކުރާ ނިޒާމު ބަދަލުކޮށް، ބައިނަލްޢަޤްވާމީ މާލީ މަރުކަޒެއް ޤާއިމްކުރަނީ


  • ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު އެހެން ތަނަކަށް ބަދަލުކުރާނެ

  • އެތަނުގައި އެސްއީޒެޑު ޤާއިމްކުރާނެ

  • ބުރިޖަކުން މާލެއާއި ހުޅުލެއާއި ގުޅުވާލާނެ

މާލެ އަތޮޅު ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު އެހެންތަނަކަށް ބަދަލުކޮށް، އެރަށުގައި އިޤްތިޞާދީ ޚާއްޞަ ސަރަޙައްދެއް ތަރައްޤީކޮށް ބައިނަލްއަގުވާމީ މާލީ މަރުކަޒެއް ޤާއިމްކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަންލް އެއަރޕޯޓު ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުއާއި، ސްޕެޝަން އިކޮނޮމިކް ޒޯން ތަރައްޤީކުރުން ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މާލެއަތޮޅު ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ސްޓޯރޭޖު އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަމަށެވެ. އަދި ގިނަވެގެން 18 މަހާއި 24 މަސްދުވަހުގެތެރޭގައި އެ މަސައްކަތް ނިންމަވާނެކަމަށް ރައީސް ވިދާޅުވިއެވެ. މިއާއެކު އެތަނަކީ އެސްއީޒެޑު ނުވަތަ ޚާއްޞަ އިޤްތިޞާދީ ސަރަހައްދަކަށް އެތަން ކަނޑައަޅައި، ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް އެރަށުގައި ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފުނަދުއާއި މާލެ އަދި ފުނަދުއާއި ހުޅުލެ ބުރިޖަކުން ގުޅުވާލައި، ޕަބްލިކް ޓްރާންސްޕޯޓް ނިޒާމަކާއި މޮނޮ ރެއިލް ނިޒާމެއް ޤާއިމްކޮށް ދަތުރުފަތުރުގެ ފަސޭހަ ނިޒާމެއް ޤާއިމްކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

"މީގަ މިހުރީ ގިނަ ކަންތައްތަކެއް އެއްފަހަރާ ޕެރަލަލްކޮށް ފެށޭކަހަލަ މަސައްކަތް. އެ މަސައްކަތްތަކަށް އިންވެސްޓަރުން ހޯދުމާ އެކިކަހަލަ ލުއި ފައިނޭންސަލް ފެސިލިޓީތައް ފަހިކުރުމާ، މިފަދަ ކަންކަމަކީ އަޅުގަނޑުމެން މިހާރުން ފެށިގެން ކުރުމަށް ގަސްތުކުރާ ކަންކަން. މިއަދުން ފެށިގެން ފެށިފައިވާ ކަންކަން." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް ޤާއިމްކުރުމަށް ބޭނުންވާ ކުންފުނި ހެދުމުގެ މަޝްވަރާ އަންނަ އާދިއްތަ ދުވަހު ކެބިނެޓުގައި ފަށްޓަވާނެކަމަށެވެ.

"އިރާދަކުރެއްވިޔާ މި އަންނަ އާދީއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމޭނެ، މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސާސް އޮތޯރިޓީގެ ނަމުގައި އާ އޮތޯރިޓީއެއް އެސްޓެބްލިޝް ކުރަން. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާރވިސަސް އޮތޯރިޓީ ވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރސް ރާއްޖޭގައި ގާއިމުކުރުމުގެ މަގު މިވަގުތަށް އެޅޭ ފުރަތަމަ ފިޔަވަޅުކަމަށް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ސީޕްލޭން ޓަރމިނަލްވެސް އެހެން ސަރަހައްދަކަށް ބަދަލުކުރައްވާނެކަމަށް ވިދާޅުވިއެވެ. އެއަރޕޯޓު ތަރައްޤީކުރުމާއި އެހެން މަސައްކަތްތައްވެސް ބާރު ސުވެލީގައި ކުރިއަށްދާނީ ސީޕްލޭން ޓަރމިނަލް އެހެން ތަނަކަށް ބަދަލުކުރެވިގެންކަން ރައީސް ފާހަގަކުރެއްވިއެވެ.