ޚަބަރު

ރަސްމާލެ ހިއްކަން ކޮންޓްރެކްޓަރު އަތުން 10.7 ބިލިއަން ރުފިޔާ، ސަރުކާރުން އެއްވެސް ޚަރަދެއް ނުކުރޭ!


  • މަޝްރޫއުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ނުފޮރުވާނެކަމަށް

  • މަދުވެގެން 500އާއި 700 މިލިޔަން ޑޮލަރު ޚަރަދުވާނެ

  • 1153 ހެކްޓަރުގެ ބިން ހިއްކާނެ

ރަސްމާލެ ހިއްކުމަށް މަދުވެގެން 700 މިލިޔަން ޑޮލަރު ނުވަތަ 10.7 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޢިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ވިލިމާލެ މަގުތައް ހެދުމަށް ދިރާސާ ކުރުމަށާއި ނިލަންދޫ އެއާޕޯޓު އެޅުމަށް ބިން ހިއްކުމަށް ދިރާސާ ކުރުން ބަޔަކާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތަށް ފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޢިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުﷲ މުއްޠަލިބް ވަނީ ރަސްމާލެ މަޝްރޫއުގެ އެއްވެސް ތަފްސީލެއް ސަރުކާރުން ފޮރުވާފައިނުވާކަމަށާއި، އެ މަޝްރޫޢުއަށް ސަރުކާރުން އެއްވެސް ފައިސާއެއް ޚަރަދު ނުކުރައްވާކަމަށް ވިދާޅުވެފައެވެ.

ވަޒީރު ވިދާޅުވީ ފުށިދިއްގަރު ފަޅު ސަރަހައްދުގެ ގޮތުން ބަލާއިރު ބިން ހިއްކުމަކީ ވަރަށް އަގުބޮޑު މަޝްރޫއެއްކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ބިން ހިއްކުމުގެ މަސައްކަތް ކުރުމަށްޓަކައި މަދުވެގެން 500އާއި 700 މިލިޔަން ޑޮލަރާ ދެމެދުގެ އަދަދަކަށް ފައިސާ ޚަރަދުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެއީ ތިލަކޮށް އޮންނަ އެއް މީޓަރު ފުންތަނަކަށް ވިސްނައިފިނަމަ. އެތަނުގެ ފުންމިނާއި، ހިއްކާ ތަނާއި، ވެލި ބޭނުންވާ މިންވަރާއި، ވެލި ގެންނަން ޖެހޭ ދުރުމިނާއި މި ހުރިހާ ކަމަކަށް ބަލައިފައި އެއީ އަގު ބޮޑު މަޝްރޫޢުއެއް. އެ މަޝްރޫއުގައި ހުރިހާ ކަމެއްގައި 'ރިސްކް' ނަގާނީ ކޮންޓްރެކްޓަރު. ދައުލަތުން މިވެނި ވަރަކަށް ބިން ކޮމިޓް ކުރީމަ ބާކީބައި އެއްކޮށް ހިއްކަ ދޭ ގޮތަށް. އެއީ އެއްވެސް ވަރަކަށް ފައިސާގެ މުއާމަލާތް ހިނގާ މަޝްރޫއެއް ނޫން." ޢިމާރާތް ކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދަޅުވިއެވެ.

ރަސްމާލެ ހިއްކުމަށް ހަވަލުކޮށްފައިވަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، ސީއެމްސީއާއެވެ.

ވަޒީރު ވިދާޅުވީ ސަރުކާރަށް ރަސްމާލެ ހިއްކައިގެން 1093 ހެކްޓަރު ބިން ލިބޭއިރު ސީއެމްސީސީ އަށް ލިބެނީ އެތަނުން 60 ހެކްޓަރު ބިމާއި ހުޅުމާލެއިން 10 ހެކްޓަރު ބިން ކަމަށެވެ.

ރަސްމާލެ ހިއްކުމުގެ މަޝްރޫޢުގެ ދަށުން ދަށުން، 1153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. އެއީ ހުޅުމާލެ ފޭސް އެކެއް އަދި ދޭއް އެއްކޮށްލައިގެން، އޭގެ ތިންގުނައަށްވުރެ ބޮޑު ރަށެކެވެ. މިމަޝްރޫޢުގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ އަމާޒު ހިފާފައެވެ. ބިން ހިއްކާ ނިމުމުން، ރަސްމާލެއިން 11000 ގޯއްޗާއި، 26000 އަށްވުރެ ގިނަ ފްލެޓް ދޫކުރުމަށްވަނީ ނިންމާފައެވެ.

ފެހިކަން ގަދަ ހިތްގައިމު މާހައުލެއްގެ ކޮންސެޕްޓަށް މިތަން ތަރައްޤީވެގެންދާއިރު، އެތަން ވެގެންދާނީ ޒީރޯ ކާބަން ރަށަކަށްކަމަށް ސަރުކާރުން ވިދާޅުވެއެވެ. މިއާއެކު އެތަނުގައި ބޭނުންކުރާނީ އިއާދަކުރަނިވި ހަކަތަ ކަމަށާއި، އިންޖީނުލީ އުޅަނދު އެތަނުގައި ދުއްވުން މަނާވާނެކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.