ސްޕެނިޝް ލީގުގައި ރޭ މަޔޯކާ ބަލިކޮށް ތާވަލުގެ އެއްވަނަ މަގާމު ރެއާލް މެޑްރިޑުން ދަމަހައްޓައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މި ސީޒަނުގައި ރެއާލުން ކުޅުނު 25 މެޗުގެ ތެރެއިިން އެ ޓީމު ބަލިވެފައިވަނީ އެންމެ މެޗަކުންނެވެ. އަދި އޭގެ ތެރެއިން 21 މެޗުން އެ ޓީމު މޮޅުވެފައިވާއިރު، ތިން މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. އަދި ރޭގެ މޮޅާއެކު ރެއާލުން ވަނީ ހުރިހާ މުބާރާތެއްގައި ބަލިނުވެ ދަމަހައްޓަމުން އައި ރިކޯޑު 18 މެޗަށް އިތުރުކޮށްފައެވެ.
ރޭގެ މެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ރެއާލުން ކުޅުނުއިރު، މި ހާފުގައި އެންމެ ހުސް ފުރުސަތެއް ލިބުނީ ބްރެޒިލްގެ ފޯވާޑް ވިނީޝިއުސް ޖޫނިއަރ އަށެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ލޫކާ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުސަތެއްގައި މަޔޯކާގެ ޕެނަލްޓީ އޭރިއާ ތެރޭގައި މުޅިން ހުހަށްހުރެ ވިނީޝިއުސް ފޮނުވާލި ހަމަލާ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މިހާފުގައި މަޔޯކާ ޓީމުން އެންމެ ހުސް ފުރުސަތެއް ތަނަވަސްކޮށްފައިވަނީ އެ ޓީމުގެ މިޑްފިލްޑަރު އެންޓޯނިއޯ ސަންޗޭޒްއެވެ. އެގޮތުން މެޗުގެ 43 ވަނަ މިނެޓުގައި ރެއާލުގެ ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ހުސް ފުރުސަތުގައި އޭނާ ބޮލުން ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މި މެޗުގެ ދެވަަނަ ހާފުގައިވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ، މެޗު ޑޮމިނޭޓުކުރީ ރެއާލުނެވެ. އެކަމަކު 54 ވަނަ މިނެޓުގައި މަޔޯކާގެ މިޑްފިލްޑަރު ޑެނިއަލް ރޮޑްރިގޭޒް, ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ. އޭގެ ފަހުން ރެއާލުގެ ބްރަހީމް ޑިއާޒް ބޮލުން ފޮނުވާލި ބޯޅައެއްވެސް ވަނީ ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވެފައެވެ.
މި މެޗުގައި ރެއާލުން ލީޑު ނަގާފައިވަނީ 78 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖަރުމަނުގެ ޑިފެންޑަރު އެންޓޯނިއޯ ރުޑިގާއެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި ކްރޮއޭޝިޔާގެ ތަޖުރިބާކާރު މިޑްފިލްޑަރު ލޫކާ މޮޑްރިޗް ހުރަސްކޮށްދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
ރޭގެ މެޗުން ރެއާލް މޮޅުވިއިރު، ތާވަލުގެ ދެވަނައިގައި އޮތް ޖިރޯނާއިން ވަނީ ރޭ ފަހު ވަގުތު ލަނޑު ޖަހައި، 4-3 ގެ ނަތީޖާއަކުން އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފައެވެ. އެއާއެކު އެއްވަނައިގައި އޮތް ރެއާލާއި ދެވަނައިގައި އޮތް ޖިރޯނާއަށް ވަނީ 19 މެޗުން 48 ޕޮއިންޓް ލިބިފައެވެ. ތިންވަނައިގައި އޮތް އެތުލެޓިކޯއަށް ވަނީ 19 މެޗުން 38 ޕޮއިންޓް ލިބިފައެވެ. އަދި ހަތަރުވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއަށް 18 މެޗުން ވަނީ 38 ޕޮއިންޓް ލިބިފައެވެ.