ޚަބަރު

ކުރިއަތްއޮތް 3 މަސްދުވަހުގެ ތެރޭގައި އައްޑޫ ޕޯޓުން ބަންކަރިންގެ ޚިދުމަތް ދޭން ފަށަނީ


  • އައްޑޫ ޕޯޓު އަމިއްލައަށް ހިންގުމަށް ޤާބިލްކަމެއް ނެތް

  • ބަންކަރިންގެ ޚިދުމަތް ފެށުމުން މުޅި ސަރަހައްދަށް ހެޔޮ ބަދަލެއް އަންނާނެ

  • އެ ސަރަހައްދުގައި ފިޝިން ޕޯޓެއް ތަރައްޤީކުރުމަށްވެސް ދަނީ މަޝްވަރާކުރެވެމުން

ކުރިއަށްއޮތް 3 މަސް ދުވަހުގެ ތެރޭގައި އައްޑޫ ރީޖަނަލް ޕޯޓުގައި ބަންކަރިންގެ ޚިދުމަތް ފައްޓަވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ، އައްޑޫ ރީޖަނަލް ޕޯޓާއި، ކުޅުދުއްފުށި ޕޯޓަށް 18 އަހަރު ވެފައިވާއިރު އެތަނަށް އަންނަންޖެހޭ ތަރައްޤީ އެންމެ އެދެވޭ ގޮތުގައި އައިސްފައިނުވާކަމަށެވެ. ނަމަވެސް މިސަރުކާރުގެ ވިސްނުން ހުރީ މި 2 ޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރުންކަމަށެވެ.

އައްޑޫއަކީ މާލެ ފިޔަވައި ރާއްޖޭގައި އެންމެ ބޮޑު އާބާދީއެއް އޮތް ސަރަހައްދުކަން ފާހަގަކުރައްވައި ސީއީއޯ ވަޖީހު ވިދާޅުވީ، ޕޯޓާއި ގުޅިގެން އައްޑޫ ރައްޔިތުންގެ ފަރާތުން ފެންނަނީ ވަރަށް ބޮޑު މާޔޫސްކަމެއްކަމަށެވެ. ޕޯޓުގެ އިކުއިޕްމަންޓެއް ހަލާކުވެއްޖެނަމަ ފޮނުވަންޖެހެނީ މާލެއިންކަމާއި ޕޯޓު އަމިއްލައަށް ހިންގޭނެ ޤާބިލްކަން ޤާއިމްވެފައި ނެތްކަމަށެވެ. އެހެންކަމުން އަމާޒު ހުރީ އެތަން އިތުރަށް ތަރައްޤީކޮށް އާމްދަނީ ލިބޭނެ މަގު ފަހިކުރުމަށްކަމަށް ސީއީއޯ ވިދާޅުވިއެވެ. އެގޮތުން އައްޑޫ ޕޯޓުގައި ބަންކަރިންގެ ޚިދުމަތް ފުޅާކުރައްވާނެކަމަށް ވަޖީހު ވިދާޅުވިއެވެ.

"އައްޑޫ ސަރަހައްދުގެ ރައްޔިތުންނަށް ޔަޤީންކަންދެން ކުރިއަށްއޮތް 3 މަސްދުވަހުގެ ތެރޭގައި އައްޑޫ ޕޯޓުން އަޅުގަނޑުމެން ބަންކަރިންގެ ޚިދުމަތް ދޭނަން. ބަންކަރިންގެ ޚިދުމަތް ދޭންފެށީމަ އެޕޯޓަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ. ނަތީޖާއަކީ އިތުރު މުވައްޒަފުން ވެއްދޭނެ. ރައްޔިތުންނަށް ވަޒީފާ ލިބޭނެ. އެތަނުގައި ތިބި މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް އަންނާނެ." ސީއީއޯ ވިދާޅުވިއެވެ.

އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވީ، މީގެކުރިން ރާއްޖެއައި ބޭފުޅަކު ކޮށްފައިވާ ދިރާސާއަކުން އައްޑޫ ސަރަހައްދަކީ ފިޝިން ޕޯޓެއްގެ ގޮތުގައި ތަރައްޤީކުރެވިދާނެ ސަރަހައްދެއްގެ ގޮތުގައި ފާހަގަކޮށްފައިވާކަމަށެވެ. އެހެންކަމުން އެ ސަރަހައްދު ފިޝިން ޕޯޓެއްގެ ގޮތުގައި ތަރައްޤީކުރުމަށްވެސް އެމްޕީއެލްގެ ވިސްނުން ހުރިކަމަށް ވިދާޅުވިއެވެ. ދާދިފަހުން މިކަމާއި ގުޅޭގޮތުން މިފްކޯއާއި މަޝްވަރާކުރައްވާފައިވާކަމަށްވެސް އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.