ޚަބަރު

މަޖިލިސް އިންތިޚާބު ބާއްވާ ތާރީޚު އަންނަ ހަފުތާގައި އިޢުލާން ކުރަނީ


  • ވޯޓާސް ލިސްޓް މި މަހު 10 ގައި އާންމުކުރާނެ

  • މިއަހަރުގެ އިންތިޚާބުގައި 93 ދާއިރާއަކަށް މެންބަރުން އިންތިޚާބު ކުރާނެ

  • 6 ދާއިރާއެއް 20 ވަނަ މަޖިލީހަށް ވަނީ އިތުރުކޮށްފައި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚު އަންނަ ހަފުތާގައި އިޢުލާން ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަންއިން ވިދާޅުވެއްޖެއެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ، އިންތިޚާބު ބާއްވާނެ ތާރީޚެއް އަންނަ ހަފުތާގައި އިޢުލާން ކުރައްވަން ނިންމެވީ އެ ކޮމިޝަނުގެ އިންތިޚާބާގުޅޭގޮތުން ބޭއްވި ޖަލްސާއިން ކަމަށެވެ. އެގޮތުން އަންނަ ހަފުތާގެ އާދީއްތަ ދުވަހު ބާއްވާ މަޝްވަރާތަކަށްފަހު ތާރީޚެއް ކަނޑައެޅިގެންދާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

އިންތިޚާބާ ބެހޭ ގޮތުން މި ހަފުތާގައި ބޭއްވި ޖަލްސާގައި މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ލިސްޓު މި މަހުގެ 10 ވަނަ ދުވަހު އާއްމު ކުރުމަށް މަޝްވަރާ ކުރެވުނުކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

މަޖިލިސް އިންތިޚާބު މިއަހަރުގެ ރަމަޟާން މަހާ ދިމާވާތީ، އިންތިޚާބު އަވަސް ކޮށްދެއްވުމަށް އީސީން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއްސަސާތަކާ ބެހޭ ކޮމިޓީގައި އެދުނެވެ. ނަމަވެސް އެ ކޮމިޓީން ލަފާ އެރުވީ ޤާނޫނުގައި ބުނާ މުއްދަތު ރަމަޟާން މަހަށް ފަހުވެސް ލިބޭތީ، ރަމަޟާން މަސް ނިމުމުން އިންތިޚާބު ބޭއްވުމަށެވެ.

އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅުމުގައި ވޯޓުލާންދާ މީހުންގެ އަދަދު މަދުނުވާނެ ގޮތަކަށާއި އޮފިޝަލުން ހޯދުމުގައި ހުރި ގޮންޖެހުންތަކަށް ރިއާޔަތް ކުރައްވާނެކަމަށް ހަބީބު ވިދާޅުވިއެވެ.

ރަމަޟާންމަހަށްފަހު މަޖިލިސް އިންތިޚާބު ބާއްވަން ގޮންޖެހުންތައް ދިމާވާނެ ކަމަށް އީސީގެ ރައީސް ފުއާދު ތައުފީޤުވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. އެގޮތުން، ރަމަޟާންމަހުގެ ފަހު 10 އަކީ ސަރުކާރު ބަންދު ދުވަސްތަކަށްވުމުން ޢީދާއެކު ގިނަ ދުވަސްތަކެއް ބަންދުވެ، އިދާރީ މަސައްކަތްތަކުގައި ދަތިތަކާ ދިމާވާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

މިއަހަރު ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 93 ދާއިރާއަށް މެންބަރުން ހޮވާނެއެވެ. އިތުރު 6 ދާއިރާ މި މަޖިލީހުގައި ހިމެނުމަށް އީސީން ނިންމީ އާބާދީއަށް ބެލުމަށްފަހުއެވެ. އެގޮތުން މާލެ ސިޓިއަށް ދެ ގޮނޑި، އައްޑޫ ސިޓީއަށް ގޮނޑިއެއް ބ އަދި ލ. އަތޮޅަށް ގޮނޑިއެއް، މާލެ އަތޮޅަށް ގޮނޑިއެއް އަދި ގއ. އަތޮޅަށް ގޮނޑިއެއް ވަނީ އިތުރުކޮށްފައެވެ.

މަޖިލިސް އިންތިޚާބުގެ ތައްޔާރީތައް ރާއްޖޭގެ ހުރިހާ ސިޔާސީ ޕަޓީއަކުންވެސް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ގިނަ ޕާޓީތަކުން މިހާރު ވަނީ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ.