ކުޅިވަރު

އަައްޑޫގައި ބާއްވާ ސްކޫލުތަކުގެ އެތުލެޓިކްސް މުބާރާތުގައި މި އަހަރު 37 ސްކޫލް


އަންނަ ފެބްރުއަރީ މަހު އައްޑޫ ސިޓީގައި ބާއްވަން ތައްޔާރުވާ އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތުގައި 37 ސްކޫލަކުން ވާދަކުރާނެ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

އައްޑޫ ސިޓީ ސްޓޭޑިއަމުގައި މި މުބާރާތް ކުރިއަށްދާނީ އަންނަ މަހުގެ 11-16 އަށެވެ. މުބާރާތުގައި މާލޭގެ އިތުރުން ދެކުނުގެ އަތޮޅުތަކާއި އުތުރުގެ އަތޮޅުތަކާއެކު 33 ސްކޫލެއް ވާދަކުރާއިރު، މީގެ ތެރޭގައި އެންމެ ފަހުން ބޭއްވި ސްކޫލް އެތުލެޓިކްސް މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލުތައް ހިމެނެއެވެ.

މިދިޔަ އަހަރު 33 ސްކޫލަކުން ވާދަކުރި އިންޓަރ ސްކޫލް އެތުލެޓިކްސް މުބާރާތް ބޭއްވީ ފުވައްމުލަކުގައެވެ. އެ މުބާރާތުގައި 809 އެތުލީޓުން ވާދަކުރިއެވެ. އަދި ޖުމްލަ 108 އިވެންޓެއް އެ މުބާރާތުގައި ކުރިއަށްދިޔައެވެ. އެ މުބާރާތުގެ އެންމެ ކާމިޔާބު ސްކޫލަކީ ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ސްކޫލެވެ.

މި އަހަރުގެ މުބާރާތް އައްޑޫ ސިޓީގައި ބޭއްވުމާ ގުޅޭގޮތުން އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ އައްޑޫ ސިޓީ ކައުންސިލާ ބައްދަލުކޮށް މީގެކުރިން ގިނަ މަޝްވަރާތަކެއް ކޮށްފައެވެ. ކައުންސިލުން ބުނީ މީގެ ކުރިންވެސް އައްޑޫގައި އިންޓަރ ސްކޫލް އެތުލެޓިކްސް މީޓް ވަރަށް ފުރިހަމަކޮށް ބާއްވާފައިވާ ކަމަށާއި، އެހެންކަމުން މި މުބާރާތް ބާއްވަންވެސް ކައުންސިލުން ދެވެން އޮތް ހުރިހާ އެއްބާރުލުކަމާއި އެހީތެރިކަމެއް ދޭނެ ކަމަށެވެ.

މި އަހަރުގެ ކުޅިވަރު ކަލަންޑަރުގެ ތެރެއިން އެތުލެޓިކްސް އެސޯސިއޭޝަނުން ވަނީ ގިނަ މުބާރާތްތަކެއް ތާވަލުކޮށްފައެވެ. މި އަހަރުގެ އިވެންޓުތައް ސްކޫލް އެތުލެޓިކްސް މުބާރާތުން ފަށާއިރު، މުޅި ރާއްޖޭގެ ބައިވެރިވުމާއެކު މުބާރާތްތަކާއި ހަރަކާތްތަކެއް ރޭވިފައިވާ ކަމަށް އެތުލެޓިކްސް އެސޯސިއޭޝަނުން މައުލޫމާތުދެއެވެ.