ކުޅިވަރު

ނިއުކާސަލް ބަލިކޮށް ލިވަޕޫލަށް ތިން ޕޮއިންޓުގެ ލީޑެއް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، ތާވަލުގެ އެއްވަނައިގައި ލިވަޕޫލުން ތިން ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ 4-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުން ވަނީ މި މެޗުގައި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ލިވަޕޫލަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހް ފޮނުވާލި ޕެނަލްޓީ ނިއުކާސަލްގެ ގޯލްކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. މިއީ އޭރިއާ ތެރެއިން ލިވަޕޫލުގެ ލުއިސް ޑިއާޒަށް، ނިއުކާސަލުގެ ސްވެން ބޮޓްމަން ކުރި ފައުލަކާ ގުޅީގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ލިވަޕޫލުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައެވެ. ޑާވިން ނުނޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސަލާހެވެ. އެކަމަކު އޭގެ ފަސް މިނެޓު ފަހުން އަލެކްޒަންޑާ އިސާކް ވަނީ ލަނޑެއް ޖަހައި، ނިއުކާސަލަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑު ނެގީ މެޗުގެ 74 ވަނަ މިނެޓުގައެވެ. ބަދަލަކަށް ކުޅެން ނުކުތް ފޯވާޑް ޑިއޭގޯ ޖޯޓާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ކާޓިސް ޖޯންސްއެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން ސަލާހް ދިން ބޯޅައަކުން ފޯވާޑް ކޯޑީ ގަކްޕޯ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ނިއުކާސަލުން ނަތީޖާގެ ފަރަގުކުޑަކުރި ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު ބޮޓްމަންއެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ލިވަޕޫލަށް ލިބުނު އިތުރު ޕެނަލްޓީއަކުން ސަލާހް ވަނީ އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ. މިއީ އޭރިއާ ތެރެއިން ލިވަޕޫލުގެ ޖޮޓާއަށް، ނިއުކާސަލުގެ ކީޕަރު ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީއެކެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ލިވަޕޫލުން ތިން ޕޮއިންޓުގެ ލީޑެއް ނެގިއިރު، އެ ޓީމަށް ވަނީ ކުޅުނު 20 މެޗުން 45 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އެސްޓަން ވިލާއަށް 20 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި ހަތަރުވަނައިގައި އޮތް އާސެނަލަށް ވަނީ 40 ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ރޭގެ މެޗުން ބަލިވި ނިއުކާސަލް ވަނީ އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިިން ހަތް މެޗުން ބަލިވެފައެވެ. އަދި މިއީ ލީގުގައި އެ ޓީމު ޖެހިޖެހިގެން ބަލިވި ތިންވަނަ މެޗެވެ. އެއާއެކު ނިއުކާސަލް އޮތީ ތާވަލުގެ ނުވަވަނައިގައި 20 މެޗުން ލިބުނު 29 ޕޮއިންޓާއެކުއެވެ.