އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ފުލަމް އަތުން ބަލިވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އާސެނަލުން ނަގާލައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މެޗުން އާސެނަލް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއާއެކު ލީގުގައި އާސެނަލުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިިން ތިން މެޗުން އެ ޓީމު ވަނީ ބަލިވެފައެވެ. އަދި ފުލަމް އަތުން ބަލިވުމާއެކު، މިއީ އެ ޓީމު ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ.
އާސެނަލުން ވަނީ ރޭގެ މެޗުގެ ފުރަތަމަ ހާފުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައިވަނީވެސް އާސެނަލުންނެވެ. މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި އާސެނަލުގެ ފޯވާޑް ގެބްރިއަލް މާޓިނެއްލީ ފޮނުވާލި ބާރު ހަމަލާއެއް ފުލަމްގެ ގޯލްކީޕަރުގެ އަތުގައި ޖެހިފައި ނުކުތް ވަގުތު ލިބުނު ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯވާޑް ބުކާޔޯ ސަކާއެވެ.
ފުލަމުން މެޗުގެ ނަތީޖާ އެއްވަރުކުރީ ފުރަތަމަ ހާފުގެ 29 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ފޯވާޑް ރައުލް ހިމެނޭޒެވެ. މިއީ އެ ޓީމުގެ މިޑްފީލްޑަރު ޓޮމް ކެއާނީގެ އެހީއާއެކު އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
އާސެނަލަށް ނަތީޖާ ފުޅާކުރަން މި މެޗުގައި އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ މާޓިނެއްލީއަށެވެ. އެކަމަކު މެޗުގެ 43 ވަނަ މިނެޓުގައި ކެޕްޓަން މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި މާޓިނެއްލީ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މި މެޗުން ފުލަމް މޮޅުވި ލަނޑު ކާމިޔާބުކުރީ ދެވަނަ ހާފުގެ 14 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު ބޮބީ ޑި ކޯޑޯވާ ރީޑެވެ. ނަމަވެސް އޭގެ ހަތަރު މިނެޓު ފަހުން މެޗުގެ ނަތީޖާ އެއްވަރުކުރުމަށް އާސެނަލުގެ ފޯވާޑް ސަކާއަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
މި މޮޅާއެކު ފުލަމް އޮތީ ކުޅުނު 20 މެޗުން ލިބުނު 24 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައިގައެވެ. ހަމަ މި އަދަދަށް މެޗު ކުޅެގެން އާސެނަލް އޮތީ 40 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައެވެ.