ޚަބަރު

ވިއްސާރައިގައި ގެއްލުން ލިބިގެން މިހާތަނަށް 5 ރަށަކުން ރިޕޯޓްކޮށްފައިވޭ: އެންޑީއެމްއޭ


  • މާލޭގެ 140 ގޭބިސީއަކަށް ފެނުގެ އަސަރުކުރި

  • 11 ގެއެއްގެ 54 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ވަނީ ދީފައި

  • އޮންނަ އުޞޫލުގެ ތެރެއިން މާލީ އެހީދެވޭނެ

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ފެންބޮޑުވެ، ގޭގެއަށް އެކިވަރުގެ ގެއްލުން ލިބިގެން 5 ރަށަކުން ރިޕޯޓްކޮށްފައިވާކަމަށް ނޭޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭން ވިދާޅުވެއްޖެއެވެ.

ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެން.ޑީ.އެމް.އޭގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަން ވިދާޅުވީ، ހޮނިހިރު ދުވަހުގެ މެންދަމުން ފެށިގެން މާލެއަށާއި، އަތޮޅުތަކުގެ އެކި ސަރަޙައްދުތަކަށް ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، އެކި ވަރުގެ ގެއްލުންތައް ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓްތައް ލިބިފައިވާކަމަށެވެ. އެގޮތުން މިހާތަނަށް މާލޭގެ އިތުރުން އަތޮޅުތަކުން 5 ރަށަކުން ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް އެން.ޑީ.އެމް.އޭއަށް ރިޕޯޓްކޮށްފައިވާ ރަށްތަކުގެ ތެރޭގައި ލ. ފޮނަދޫ، ލ. ގަން، ފ. ނިލަންދޫ، ކ. ކުރައިދޫ، ކ. ހުރާ ހިމެނެއެވެ. އަދި ކ. ހިންމަފުށްޓާއި، ބ. ގޮއިދޫއިންވެސް ވިއްސާރައިގެ ސަބަބުން ގެއްލުން ލިބި ރިޕޯޓްކޮށްފައިވާކަމަށް ހިސާން ވިދާޅުވިއެވެ.

އަތޮޅުތަކުން ލިބުނު ރިޕޯޓްތަކުގެ އިތުރުން ވިއްސާރައިގެ ސަބަބުން ދެންމެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މާލެއަށްކަން ފާހަގަކުރައްވާ، މާލޭގެ 140 ގެގަޔަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ހިސާން ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން 11 ގެއެއްގެ 54 މީހަކަށް މިރެއިން މިރެއަށް ގެސްޓް ހައުސްތަކުން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިކަމަށް ހިސާން ވިދާޅުވިއެވެ. މިއީ ޗުއްޓީ ދުވަސްވަރުކަމުން ގެސްޓްހައުސްތަކުން ޖާގަ ހޯދުމުގައިވެސް ދަތިތަކެއް ދިމާވިކަމަށް ހިސާން ވިދާޅުވިއެވެ.

އެހެންނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މިކަމަށް އިޖާބަދީ، ގެސްޓްހައުސް ވިޔަފާރިތަކުންވެސް ދެއްވި އެއްބާރުލުން އޭނާ ފާހަގަކުރެއްވިއެވެ. ވަގުތީ ހިޔާތައް ހަމަޖައްސައިދިން ފަރާތްތަކަށް 3 ދުވަހުގެ ހުރުމާއި ކެއުންބުއިމުގެ ހުރިހާ ޚަރަދެއް ހަމަޖައްސައިދޭނީ ސަރުކާރުންކަމަށް ހިސާން ވިދާޅުވިއެވެ.

ހިސާން ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ގެއްލުން ލިބުނު ގޭބިސީތަކުގެ މަޢުލޫމާތު އެއްކޮށް، ލިބިފައިވާ ގެއްލުންތަކުގެ އެސެސްމަންޓްތައް ހަދާ، ކަނޑައެޅިފައިވާ އުޞޫލުގެ ތެރެއިން މާލީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެން.ޑީ.އެމް.އޭއިން ކައުންސިލްތަކާގުޅިގެން ކުރަމުންދާނޭކަމަށެވެ.