ޚަބަރު

ބޯކޮށް ވާރޭވެހުނު ނަމަވެސް އެއަރޕޯޓްގެ އޮޕަރޭޝަންސްތައް ނުހުއްޓި ކުރިއަށް


  • ބައެއް ފްލައިޓްތައް ޑިލޭވެ ކެންސަލްވި

  • އޮޕަރޭޝަންސްތައް ނުހުއްޓި ދަނީ ކުރިއަށް

  • ފުރަންދާ ފަރާތްތަކުން ވަގުތު އޮއްވާ އެއަރޕޯޓަށް ދިއުމަށް ވަނީ އެދިފައި

ބޯކޮށް ވާރޭވެހި ފެންބޮޑުވި ނަމަވެސް އެއަރޕޯޓްގެ އޮޕަރޭޝަންސްތައް ނުހުއްޓި ކުރިއަށްދާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޑެޓް، އެމްއޭސީއެލްއިން ބުނެފިއެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި މިއަދު ހެނދުނުއްސުރެ ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހިވަނީ ފެންބޮޑުވެފައެވެ. އަދި އެއަރޕޯޓްގެ އޮޕަރޭޝަންސްތަކަށްވެސް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ.

ވިއްސާރައާއި ގުޅިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭގައި ޖައްސަން ޝެޑިއުލްކޮށްފައިވާ 8 ފްލައިޓެއް ވަނީ ޑިލޭވެފައެވެ. އަދި 2 ފްލައިޓެއް ވަނީ ކެންސަލްވެފައެވެ.

ވިއްސާރަވުމުގެ ސަބަބުން ޖައްވު ފުސްވެ ވީއައިއޭއަށް ޖައްސައް އައި ބައެއް ފްލައިޓްތައް ޑައިވާޓްވެސް ކޮށްފައިވެއެވެ. ނަމަވެސް ވާރޭ ތުނިކޮށްލުމުން އަލުން ފްލައިޓްތައް ވަނީ ވީއައިއޭގައި ޖައްސާފައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަންސް މެނޭޖަރ ޝަމްއާން ޝާކިރު ވިދާޅުވީ، ވާރޭ ވެހުނު ނަމަވެސް އޮޕަރޭޝަންސް ނުހުއްޓި ކުރިއަށްދާކަމަށެވެ. އެއަރޕޯޓްގެ ބައެއް ސަރަހައްދުތަކުގައި ފެން ބޮޑުވި ނަމަވެސް ގެއްލުމެއް ނުވާކަމަށް އޭނާ ވިދާޅުވިއެވެ. ފެންބޮޑުވެފައިވާ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދާކަން ޝަމްއާން ފާހަގަކުރެއްވިއެވެ.

އެއަރޕޯޓަށް އަންނަ މަގުގައި ފެންބޮޑުވެފައިވާތީ އެކަމަށް އާންމުން ސަމާލުވުމަށް އެމްއޭސީއެލްއިންވަނީ އިލްތިމާސްކޮށްފައެވެ. އަދި ފުރަން ދާ ފަރާތްތަކުން އެއަރޕޯޓަށް ދުރާލާ ދިއުމަށްވެސް ވަނީ އެދިފައެވެ. އަދި ބައެއް ފްލައިޓްތައް ޑިލޭވެ ކެންސަލް ވަމުންދާތީ ފްލައިޓްތަކުގެ ޝެޑިއުލް ބަލައިގެން އެއަރޕޯޓަށް ދިއުމަށްވަނީ އިރުޝާދު ދީފައެވެ. މީގެއިތުރުން ފުރަން ދާ ފަރާތްތަކާއެކު އިތުރު މީހުން އެއަރޕޯޓަށް ނުދިއުމަށްވެސް އެމްއޭސީއެލްއިން ވަނީ އިލްތިމާސްކޮށްފައެވެ.