ޚަބަރު

"މި 5 އަހަރު ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ބައިވެރިވުން ބޮޑުވާނެ"


  • ފަތުރުވެރިކަމުގެ ސިނާއަތުގައި މިހާރު މަސައްކަތްކުރަނީ 891 ދިވެހި އަންހެނުން

  • ރަށާއި ކައިރި ރިސޯޓްތަކުން ވަޒީފާ ހަމަޖައްސައިދިނުމަށް މަސައްކަތް ކުރަނީ

މި 5 އަހަރު ވެގެންދާނީ ފަތުރުވެރިކަމުގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން ބޮޑު 5 އަހަރަށްކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ. ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަންހެނުންގެ ނިސްބަތަކީ މިހާރު މަދު އަދަދެކެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ، އަންހެނުން ބާރުވެރިކޮށް ރިސޯޓްތަކުގެ ވަޒީފާއަށް އަންހެނުން ނެރުމަށް ޚާއްސަ މަސައްކަތެއް ސަރުކާރުން ކުރަމުންދާކަމަށެވެ. މި ސިނާއަތުގައި އަންހެނުންނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ފާހަގަވެފައިވަނީ ރަށާއި ދުރުގައި މަސައްކަތްކުރަންޖެހުންކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ބޭނުންވާ ދިވެހި އަންހެނުންނަށް ރަށާއި ކައިރި ރިސޯޓްތަކުން ވަޒީފާ ހޯދައިދިނުމަށް ޚާއްސަ މަސައްކަތްތަކެއް ފައްޓަވާނެކަމަށެވެ.

މި މަސައްކަތްތަކާއެކު މި 5 އަހަރު ތެރޭގައި އެކަށީގެންވާ އަދަދަކަށް އަންހެނުން ފަތުރުވެރިކަމުގެ ސިނާއަތަށް ނެރެވިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މިއަންނަ މަހުގެ ތެރޭގައި އަޅުގަނޑުމެން އުންމީދުކުރަނީ އެ ލޯންޗްކުރެވިގެންދާނެ ކަމަށް. އެއީ އަންހެނުންނަށް ރިސޯޓްތަކުގައި ހުރި ވަޒީފާގެ ފުރުސަތުތައް ހޯދައި ޓްރެއިނިން ދިނުމަށްފަހު އެ ރިސޯޓްތަކާއި ވާހަކަދެކެވިގެން އެކުދިންނަށް ވަޒީފާގެ ފުރުސަތު ހޯދާދިނުން. އިންޑަސްޓްރީގެ ފަރާތްތަކާއި ވާހަކަދައްކާލިއިރު އެންމެ ބޮޑަށް ދިމާވާ މައްސަލައެއްކަމަށް ފާހަގަވަނީ ރަށާއި ދުރުގައި ވަޒީފާ އަދާކުރަންޖެހުން." ވަޒީރު ވިދާޅުވިއެވެ.

މޯލްޑިވްސް ސްޓެޓިސްޓިކްސް ބިއުރޯގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި 52،464 މީހުން އަންނަނީ ހަރަކާތްތެރިވަމުންނެވެ. މީގެތެރެއިން ދިވެހިންގެ ނިސްބަތަކީ 15،597 އެވެ. އެއީ 14،706 ފިރިހެނުންނާއި 891 އަންހެނުންނެވެ.

މި ސިނާއަތުގައި 36،885 ބިދޭސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެއީ 32،246 ފިރިހެނުންނާއި، 4639 އަންހެނުންނެވެ.