އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލޫޓަން ޓައުން ބަލިކޮށް ވިދިދިން ދެވަނަ މެޗުން ޗެލްސީ މޮޅުވެއްޖެއެވެ.
ލޫޓަންގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ބޮޑު ލީޑަކާއެކު ޗެލްސީ މޮޅުވާން ދަނިކޮށް, ލޫޓަންއިން ވަނީ ފަހު 10 މިނެޓު ތެރޭގައި ޖެހި ލަނޑުތަކުން ޗެލްސީ ހާސްކޮށްލާފައެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ މެޗު ޑޮމިނޭޓްކުރީ ލޫޓަން އިންނެވެ.
މި މެޗުގެ 12 ވަނަ މިނެޓުގައި ކޯލް ޕާމާ ކާމިޔާބުކުރި ލަނޑުން ޗެލްސީ ލީޑުނެގިއިރު، ފުރަތަމަ ހާފުގައި ނިމުމުގެ ކުރިން އެ ޓީމުގެ ނޯނީ މަޑުއެކޭ ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި މެޗުގެ ދެވަނަ ހާފުގައި ޗެލްސީގެ ޕާމާ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރިއިރު، މި މެޗުގައި އިނގިރޭސި ޒުވާން ކުޅުންތެރިޔާ ވަނީ ދެ ލަނޑު ޖެހުމުގެ އިތުރުން އެއް ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އަދި މި ސީޒަނުގެ ހަތަރު މެޗެއްގައި އޭނާ ވަނީ މި ރިކޯޑު ދަމަހައްޓާފައެވެ. މިއީ އެ ޓީމުގެ ކުރީގެ ދެ ކުޅުންތެރިން ކަމަށްވާ މޭސަން މައުންޓާއި ޖިމީ ފޯއީ ހަސަލްބޭންކަށްފަހު މި ރިކޯޑު ގާއިމުކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.
ލޫޓަންއިން ރޭގެ މެޗުގެ ތެރައަށް ވަނީ ފަހު 10 މިނިޓުގެ ތެރޭގައެވެ. މެޗުގެ 80 ވަނަ މިނެޓުގައި ލޫޓަންގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ރޮސް ބާކްލީއެވެ. މިއީ ޗެލްސީގެ ކުރީގެ ކުޅުންތެރިޔާ އެޓީމާ ދެކޮޅަށް ކުޅުނު 10 މެޗުގެ ތެރެއިން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އަދި މެޗު ނިމެން ތިން މިނެޓަށްވެފައި ވަނިކޮށް ލޫޓަންގެ އެލިޖާ އަޑެބައޯ ކާމިޔާބުކުރި ލަނޑާއެކު މެޗު ފޯރިގަދަވެގެން ދިޔައެވެ.
މި ނަތީޖާއެކު ޗެލްސީ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ އަލަށް ލީގަށް ޕްރޮމޯޓުވި ޓީމުތަކާ ދެކޮޅަށް އެންމެ ފަހުން ރަށުން ބޭރުގައި ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފައެވެ. އަދި މި މޮޅާއެކު ޗެލްސީ ވަނީ ލީގުގައި ކުޅުނު 20 މެޗުން 28 ޕޮއިންޓް ހަމަކޮށްފައެވެ. އެކަމަކު މެޗުން މޮޅުވި ނަމަވެސް އެ ޓީމު އަދިވެސް އޮތީ ތާވަލުގެ 10 ވަނައިގައެވެ.