ކުޅިވަރު

ފޮރެސްޓް އަތްދަށުވެ ޔުނައިޓެޑަށް ލީގުގައި ނުވަވަނަ ބަލި


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް އަތްދަށުވެ، މި ފަހަރުގެ ލީގުގައި ނުވަވަނަ މެޗުން މެންޗެސްޓާ ޔުނައިޓެޑް ބަލިވެއްޖެއެވެ.

ފޮރެސްޓުގެ ދަނޑުގައި ކުޅުނު މެޗުން ޔުނައިޓެޑް ބަލިވީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ޔުނައިޓެޑް ބަލިވި ނުވަވަނަ މެޗެވެ. އަދި މިއީ ފޮރެސްޓުން މި އަހަރު ލީގުގައި ޖެހިޖެހިގެން ދެ މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ފޮރެސްޓުންނެވެ. ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެ ފޮނުވާލި ހަމަލާއަކުން މި ލަނޑު މެޗުގެ 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ނިކޮލަސް ޑޮމިންގޭޒެވެ. ނަމަވެސް މެޗުގެ 78 ވަނަ މިނެޓުގައި ފޮރެސްޓްގެ ގޯލްކީޕަރު މެޓް ޓާނާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މާކަސް ރަޝްފޯޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރިތާ ހަތަރު މިނެޓު ފަހުން ފޮރެސްޓުން ވަނީ އަލުން ލީޑު ނަގާފައެވެ. މެޗުގެ 82 ވަނަ މިނެޓުގައި އުފެއްދި ކައުންޓާ އެޓޭކް ހަމަލާއަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މޯގަން ގިބްސް-ވައިޓެވެ. މިއީ ޔުނައިޓެޑުގެ ޕެނަލްޓީ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.

މިއީ ފޮރެސްޓަށް ބޮޑު މޮޅެކެވެ. އެގޮތުން ރޭގެ މެޗުގެ ކުރިން އެންމެ ފަހުން ޔުނައިޓެޑުގެ މައްޗަށް އެ ޓީމު ކުރި ހޯދިފައިވަނީ 1994 ވަނަ އަހަރުގައެވެ.

ރޭގެ މޮޅާއެކު ފޮރެސްޓް އޮތީ ކުޅުނު 20 މެޗުން ލިބުނު 20 ޕޮއިންޓާއެކު ތާވަލުގެ 15 ވަނައިގައެވެ. ޔުނައިޓެޑް އޮތީ 31 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައެވެ. ލީގުގައި ޔުނައިޓެޑް ދެން ބައްދަލުކުރާނީ ޓޮޓްނަމް ހޮޓްސްޕާއާއެވެ. އަދި ފޮރެސްޓް ނުކުންނާނީ ބްރެންޓްފަޑާ ދެކޮޅަށެވެ.