ސްރީ ލަންކާގެ ކެންޑީގައި ކުރިއަށްދިޔަ އެ ގައުމުގެ ނެޝަނަލް އަދި ޖޫނިއަރ ފެތުމުގެ މުބާރާތުގައި ބައިވެރިވި ދިވެހި ފެތުންތެރިން ޖުމްލަ 15 މެޑެއްޔާއެކު ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މި މަހުގެ 26 އިން 30 ގެ ނިޔަލަށް ލަންކާގެ ކެންޑީގެ ފިނި މާހައުލުގައި ގަދަ ވިއްސާރައިގެ ތެރޭގައި ކުރިއަށްދިޔަ މި މުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ އެއް ރަން މެޑަލް، ހަ ރިހި މެޑަލް އަދި އަށް ލޯ މެޑަލް ހޯދާފައެވެ. މިގޮތުން ރަން މެޑަލް ހޯދާފައިވަނީ 100 މީޓަރު ބަޓަފްލައިގައި ވާދަކޮށް މެރާލް އައިން ލަތީފެވެ. ރަން މެޑަލްގެ އިތުރުން މެރާލް ވަނީ 50 މީޓަރު ބަޓަފްލައި ރޭހުން ރިހި މެޑަލް އަދި 100 މީޓަރު ފްރީސްޓައިލް ރޭހުން ލޯ މެޑަލް ހޯދާފައެވެ.
ވަކިވަކި ފެތުންތެރިން ހޯދި ކާމީޔާބީތަކަށް ބަލާއިރު ޖޫނިއަރ ފިރިހެން ފެތުންތެރިޔާ ލޫތު މުހައްމަދު ހުސައިން ވަނީ 200 މީޑަރު ބްރެސްޓްސްޓްރޯކް ރޭހުން ލޯ މެޑަލް ހޯދާފައެވެ. އަދި ސީނިއަރ ފެތުންތެރިޔާ މުޙައްމަދު ރިހާން ޝިހާމް ވަނީ ލަންކާގެ އެންމެ މޮޅެތި ފެތުންތެރިންނާ ވާދަކޮށް 400 މީޓަރު އިންޑިވިޖުއަލް މެޑްލީން ލޯ މެޑަލް ހޯދާފައެވެ.
މި މުބާރާތުގެ އެންމެ ވާދަވެރި އަދި އެންމެ ކާމިޔާބު އެއް މެޑެއްޔެއްގެ ގޮތުގައި ދިވެހި ފެތުންތެރިންނަށް ހޯދުނު މެޑެއްޔަކީ މުބާރާތުގެ ތިންވަނަ ދުވަހު ކުޅަދާނަ ފިރިހެން ފެތުންތެރިޔާ މުޙައްމަދު އާން ޙުސައިން 50 މީޓަރު ބަޓަފްލައި އިވެންޓުން ހޯދި ލޯ މެޑެއްޔެވެ. 37 ފެތުންތެރިންނާ ވާދަކޮށްގެން އާން ރޭސް ނިންމާފައިވަނީ 27.06 ސިކުންތުންނެވެ.
ލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖް ސްވިމިން ޕޫލުގައި ކުރިއަށްދިޔަ މި މުބާރާތުގައި ރައްޖޭގެ ރިލޭ ޓީމުތައް ވަނީ ލަންކާގެ މޮޅެތި ފެތުންތެރިން ހިމެނޭ ޓީމުތަކާ ވާދަކޮށް އަޖައިބުކުރުވަނިވި ނަތީޖާތަކެއް ހޯދާފައެވެ. އެގޮތުން މުބާރާތުގެ ފުރަތަމަ ދުވަހު ޖޫނިއަރ ފިރިހެން ޓީމުން ހަތަރެއް ގުނަ 100 މީޓަރު މެޑްލީ ރިލޭ ހަތަރު މިނެޓު 41.82 ސިކުންތުން ރޭސް ނިންމައި ރިހި މެޑަލް ހޯދާފައެވެ. އަދި ހަމަ އެ ދުވަހު ރާއްޖޭގެ ސީނިއަރ ފިރިހެން ޓީމުން ވަނީ ހަތަރެއް ގުނަ ސަތޭކަ މީޓަރު މެޑްލީ ރިލޭ ހަތަރު މިނެޓު 10.93 ސިކުންތުން ނިންމައި ލޯ މެޑަލް ހޯދާފައެވެ.
މުބާރާތުގެ ދެވަނަ ދުވަހު ރާއްޖޭގެ ޖޫނިއަރ ފިރިހެން ޓީމުން ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ ހަތަރު މިނެޓު 14.71 ސިކުންތުން ނިންމައި ރިހި މެޑަލި ހޯދިއިރު، ސީނިއަރ ފިރިހެން ޓީމުން ވަނީ ހަތަރެއް ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ އެއް މިނެޓު 41.30 ސިކުންތުން ނިންމައި ލޯ މެޑަލް ހޯދާފައެވެ. އަދި މުބާރާތުގެ ތިންވަނަ ދުވަހު ސީނިއަރ ފިރިހެން ޓީމު ވަނީ ހަތަރެއް ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އަށް މިނެޓު 25.80 ސިކުންތުން ނިންމައި ލޯ މެޑަލް ހޯދާފައެވެ.
މީގެ އިތުރުން މުބާރާތުގެ ހަތަރުވަނަ ދުވަހު ރާއްޖޭގެ ޖޫނިއަރ ފިރިހެން ޓީމުން ވަނީ ހަތަރެއް ގުނަ 50 މީޓަރު މެޑްލީ ރިލޭގައި ވާދަކޮށް ދެ މިނެޓު 6.11 ސިކުންތުން ރޭސް ނިންމައި ރިހި މެޑަލް ހޯދާފައެވެ. އަދި ސީނިއަރ ފިރިހެން ޓީމުން ވަނީ ހަތަރެއް ގުނަ 50 މީޓަރު މެޑްލީ ރިލޭ ރޭސް އެއް މިނެޓު 52.79 ސިކުންތުން ނިންމައި ރިހި މެޑަލް ހޯދާފައެވެ.
އަދި މުބާރާތުގެ އެންމެ ފަހު ދުވަހު ރާއްޖޭގެ ޖުނިއަރ އަންހެން ޓީމު ވަނީ ހަތަރެއް ގުނަ 50 މީޓަރު ފްރީސްޓައިލް ރިލޭ ދެ މިނެޓު 8.75 ސިކުންތުން ނިންމައި ރިހި މެޑަލް ހޯދާފައެވެ. އަދި ރާއްޖޭގެ ސީނިއަރ ފިރިހެން ޓީމުން ހަތަރެއް ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ ތިން މިނެޓު 43.32 ސިކުންތުން ނިންމައި ލޯ މެޑަލް ހޯދީ އެތައް ބަޔަކު ހައިރާންކޮށްލުމަށްފަހު ފަހަތުން އަރައި ކާމިޔާބު ހޯދައިގެންނެވެ. އަދި ސީނިއަރ ފިރިހެން ޓީމު ވަނީ މުބާރާތުގައި ވާދަކުރި ދެވަނަ ޓީމުގެ މަގާމު ހޯދާފައެވެ.
މިއީ މިހާތަނަށް ދިވެހި ފެތުންތެރިން ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ލަންކާގެ އެކި ކުލަބުތަކާ ކޮލެޖްތަކުން ޖުމުލަ 49 ޓީމު ވާދަކުރިއެވެ.