ޚަބަރު

މުޅި ރާއްޖެއަށް މޫސުން ގޯސް؛ ސަމާލުވާން އަންގައިފި


  • މުޅި ރާއްޖެއަށް ވަނީ ހުދު ސަމާލު ނެރެފައި

  • ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހޭނެ

  • ރާއްޖޭގެ އެކި ހިސާބުތަކުގައި ވިއްސާރަ ވިލާ އެބަހުރި

މިހާރު ރާއްޖެއަށް ކުރަމުންދާ މިވިއްސާރައިގައި ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެތީ ހުރިހާ ފަރާތްތަކުން، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފިއެވެ.

އެއިދާރާއިން ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ވިއްސާރަ ވިލާ ހުރުމުން ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިއަދު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.

އެންމެ ބޯކޮށް ވިލާ ދައްކަނީ މެދުރާއްޖެ ތެރެއާއި އުތުރުގެ ރަށްތަކަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. އެހެންކަމުން ބޯކޮށް ވިއްސާރަ ކުރާނީ މި ސަރަހައްދުތަކަށް ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. ނަމަވެސް ދެކުނުގެ ރަށްތަކަށްވެސް ވިއްސާރަ ކުރާނެކަމަށް މެޓް އޮފީހުން ބުނެއެވެ.



މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން މިހާރު ވަނީ މިއަދު މެންދުރު 13:30 އާ ހަމައަށް މުޅި ރާއްޖެއަށް ހުދު ސަމާލުވެސް ނެރެފައެވެ. މެޓް އޮފީހުން ބުނީ މި ވަގުތުގައި ބޯކޮށް ވާރޭ ވެހުމާއެކު ގުގުރާނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި ނ.އަތޮޅުން ފެށިގެން ވ.އަތޮޅު ހިމެނޭ ސަރަހައްދަށް މެންދުރު 13:00އާ ހަމައަށްވަނީ ރީނދޫ ސަމާލުވެސް ނެރެފައެވެ. މޫސުމާބެހޭ އިދާރާއިން ބުނީ މިސަރަހައްދަށްވެސް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށެވެ. އަދި ގަދަވަޔާއެކު ކަނޑުތައްވެސް ގަދަވާނެ ކަމަށެވެ.

އެހެންކަމުން ހުރިހާ ފަރާތްތަކުން، ޚާއްޞަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިންވަނީ އިލްތިމާސްކޮށްފައެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީންވެސްވަނީ ވިއްސާރައިގެ ސަބަބުން ލިބިދާނޭ ގެއްލުން ކުޑަކުރުމަށް ދުރާލާ ފިޔަވަޅުއެޅުއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ރާއްޖެއަށް މިހާރު ކުރަމުން މިދާ ވިއްސާރައަކީ މޫސުމީ ވިއްސާރައެއް ކަމަށާއި، ވިއްސާރަ ދެން ދާނީ އަލިވާން ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެގޮތުން އަންނަ މަހުގެ ކުރީކޮޅު ވިއްސާރަ އަލިވާނެ ކަމަށް އެއިދާރާއިންވަނީ ލަފާކޮށްފައެވެ.