ޚަބަރު

"ނިމުނު ރިޔާސީ އިންތިޚާބަކީ ދުސްތޫރީ ތާރީޚުގައި އެންމެ އަމާންކޮށް ކުރިއަށްދިޔަ އިންތިޚާބު"


  • އިންތިޚާބު ބޭއްވީ ސިޔާސީގޮތުން ހަލަބޮލި ދުވަސްވަރެއްގައި

  • މިއީ މިހާތަނަށް ބޭއްވުނު އެންމެ އަމާން އިންތިޚާބު

  • ކާމިޔާބުކަމާއެކު އިންތިޚާބު ކުރިއަށްގެންދަން އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވޭ

ނިމިދިޔަ ރިޔާސީ އިންތިޚާބަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ތާރީޚުގައި މިހާތަނަށް އެންމެ އަމާންކަމާއި އޮމާންކަމާ އެކު ކުރިއަށްދިޔަ އިންތިޚާބު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. އިލެކްޝަން ކޮމިޝަނުން މިހެން ވިދާޅުވެފައިވަނީ އެކޮމިޝަނުން ނެރުނު ރިޔާސީ އިންތިޚާބު 2023 ގެ ރިޕޯޓުގައެވެ.

އިލެކްޝަން ކޮމިޝަނުން ނެރުއްވި ރިޔާސީ އިންތިޚާބު 2023 ގެ ރިޕޯޓުގައި ވާގޮތުން ރިޔާސީ އިންތިޚާބު 2023 އަކީ ފެށިގެން ނިމެންދެން އެންމެ އަމާންކަމާއި އޮމާންކަމާއެކު މިހާތަނަށް ކުރިއަށް ދިޔަ ރިޔާސީ އިންތިޚާބެވެ. ސިޔާސީ ގޮތުން ހަލަބޮލި ދުވަސްވަރެއްގައި ބޭއްވި މި އިންތިޚާބުގައި ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންނާއި ދިވެހި ރައްޔިތުންގެ ފަރާތުން ފެނުނު ކެތްތެރިކަމާއ،ި ސުލޫކަކީ ތައުރީފު ޙައްޤު މިސާލެއްކަމަށް މިރިޕޯޓުވަނީ ހާމަކޮށްފައެވެ.

އިންތިޚާބާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ނިންމާ ނިންމުންތަކަށް ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުންނާއި ޢާންމުން ބޯލަނބައި، އެނިންމުންތައް ބަލައިގަތުމަކީ އިލެކްޝަންސް ކޮމިޝަނަށް މަތިކުރެވިފައިވާ ޤާނޫނީ ޒިންމާ އަދާކުރުމަށް އެންމެ ފަސޭހަވެގެންދިޔަ ކަންތަކުގެ ގޮތުގައި މި ރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ. މިއީ ރައްޔިތުންނާއި ސިޔާސީ ޕާޓީތަކުނ،ް އިލެކްޝަންސް ކޮމިޝަނަށް އިތުބާރު އުފެއްދުމަށް ކުރެވުނު ގިނަ މަސައްކަތްތަކެއްގެ ނަތީޖާ ކަމަށާއި އަދި ޕާޓީތަކާ މަޝްވަރާކުރުމާއި މަޢުލޫމާތު ޢާންމު ކުރުމުގައި އަވަސްވެގަތުމާއި އިންތިޚާބުގެ ނިޒާމަކީ ދެފުށްފެންނަ ނިޒާމެއްގެ ގޮތުގައި ދެމެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން ކުރައްވާފައިވާ މަސައްކަތުގެ ނަތީޖާ ކަމަށް މިރިޕޯޓްގައި ވަނީ ހާމަކޮށްފައެވެ.

މިއިންތިޚާބު އޮބްޒާވްކުރި ހުރިހާ ފަރާތްތަކުން ޚާއްޞަ ގޮތެއްގައި ބޭރުގެ އޮބްޒާވަރުންގެ ރިޕޯޓުތަކުންވެސް މި އިންތިޚާބުގެ އިންސާފުވެރިކަމާއި މިނިވަންކަމަށް ވަރަށްބޮޑަށް ތައުރީފު ކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައިވަނީ ހާމަކޮށްފައެވެ.

އިންތިޚާބުގެ ޞައްޙަކަމާއި މިނިވަންކަން ކަށަވަރުކޮށް އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއެކު ހިނގާތޯ ބަލައި އެކަމަށް ފާރަވެރިވި އޮބްޒާވަރުންނާއި މޮނީޓަރުންނާއި ކެންޑިޑޭޓުންގެ މަންދޫބުން އަދާކުރި ދައުރަކީވެސް އިންތިޚާބުގެ ކާމިޔާބީގެ ބައެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ނެރުނު ރިޕޯޓުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރިޕޯޓުގައިވަނީ މިއިންތިޚާބު ކާމިޔާބުކަމާއެކު ނިންމުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.