ތަޢުލީމު

ދަރިވަރުންގެ ސިއްޚީ ދުޅަހެޔޮކަމުގެ ޕްރޮގްރާމް އިފްތިތާޙްކޮށްފި


ސްކޫލްތަކުގެ ދަރިވަރުންނަކީ، ޙަރަކާތްތެރި، އަދި ޞިއްޙަތަށް ފައިދާ ހުރި ކާނާ ކެއުމަށް ބާރުއެޅުމުގެ ޕްރޮގްރާމެއް ރާއްޖޭގައި މިއަދު އިފްތިތާޙުކޮށްފިއެވެ.

ހީލް ސްކޫލް ޗެލެންޖުގެ ނަމުގައި ފެށި މި ޕްރޮގްރާމަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާ ގުޅިގެން އާކްގެ ފަރާތުން ހިންގާ ޕްރޮގްރާމެކެވެ. ޕީއެސްއެމްގެ ސެނެކޯ މާލަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ރަސްމީގޮތުން ފަށްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ ޢަބްދުﷲ ނަޒީރެވެ.

ރާއްޖޭގައި ކިޔަވާ ކުދިންނަކީ، ދުޅަހެޔޮ އަދި ޙަރަކާތެރި ދަރިވަރުންނަށް ހެދުމަކީ އިސްކަންދޭންޖެހޭ ކަމެއްގެ ގޮތުގައި ރާއްޖޭގެ ކަމާބެހޭ ރަސްމީ މުއައްސަސާތަކާއި އިޖްތިމާޢީ ޙަރަކާތްތެރިން ޤަބޫލުކުރެއެވެ. މިދިޔަ އަހަރު ކުރެވިފައިވާ ދިރާސާއެއް ބުނާ ގޮތުގައި ރާއްޖޭގެ ސްކޫލްތަކުގެ ގްރޭޑް އެކެއްގެ ދަރިވަރުންގެ ތެރެއިން ބަރުދަން ހުންނަންވީ މިންގަނޑުގެ ތެރޭގައި ތިބީ 40 އިންސައްތަ ކުދިންނެވެ. އަދި 22 އިންސައްތަ ކުދިންގެ ބަރުދަން ހުރީ ހުންނަންވާ ޞިއްޙީ މިންގަނޑަށްވުރެ ބަރުކޮށް. އަދި ޞިއްޙީ މިންގަނޑަށްވުރެ ބަރުދަން ލުއިކޮށް 38 އިންސައްތަ ކުދިން ތިބިކަމަށް ވަނީ ފާހަގަކުރެވިފައެވެ.

img:http://s2.psmnews.mv/images/660x400/14600448143844.jpg|މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ ޢަބްދުﷲ ނަޒީރު، ހީލް ސްކޫލް ޗެލެންޖް ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ- ފޮޓޯ: ޕީއެސްއެމް

ސްކޫލް ހެލްތު ސްކްރީނިންގ ގެ ނަތީޖާއަކީ އެދެވޭ ނަތީޖާއަކަށް ނުވުމާއެކު، ދަރުވަރުންނަކީ ރަނގަޅު ކާނާ ބައިބޮއި އުޅޭ އަދި ޙަރަކާތްތެރި ދަރިވަރުންނަށް ހެދެމަށްޓަކައި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާ ގުޅިގެން އާކްގެ ފަރާތުން ހިންގާ މި ޙަރަކާތުގައި މިހާރު ވަނީ މާލޭގެ ބައެއް ސްކޫލްތައް ބައިވެރިވެފައެވެ. ބައިވެރިވި ސްކޫލްތަކަށް، މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވަނީ ސެޓްފިކެޓްދީފައެވެ. ސެޓްފިކެޓް ދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިޔުކޭޝަން ޑޮކްޓަރ އަބްދުއްﷲ ނަޒީރެވެ.

ޑޮކްޓަރ ޢަބްދުﷲ ނަޒީރު މި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުން ސްކޫލްތަކަށް ފޮނުވާއިރު ހެނދުނުގެ ނާސްތާ ދިނުމަށްފަހު ސްކޫލަށް ފޮނުވުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދަޅާއި ޕެކެޓްގައި ބަންދުކޮށްފައިވާ ބުއިންތައް، ޚާއްޞަކޮށް ގިނަޢަދަދަކަށް ހަކުރުއަޅައިފައި ހުންނަ ތައްޔާރީ ބުއިންތައް ބޭނުންކުރުމުގެ އާދައިން ދުރުހެލިވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ޚާއްޞަކޮށް ހެނދުނުގެ ނާސްތާ ދިނުމަށްފަހު ދަރިވަރުން ސްކޫލްތަކަށް ފޮނުއްވުމަށް އިލްތިމާސްކުރެއްވިއެވެ.

img:http://s1.psmnews.mv/images/660x400/14600448296390.jpg|ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔާން، ހީލް ސްކޫލް ޗެލެންޖް ޕްރޮގްރާމް އިފްތިތާހް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަނީ- ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ޕަބްލިކް ސަރވިސް މީޑިއާގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އާމިނަތު ޝާޔާން ދެއްކެވި ވާހަކައިގައި، އާކްގެ ޤައުމީ އަދި އިޖްތިމާޢީ ޚީދުމަތް ފާހަގަކުރައްވައި ތަޢުރީފްކުރައްވަމުން އާކަކީ ރާއްޖޭގެ އެހެން ޖަމްޢިއްޔާތަކަށް ނަމޫނާ އެއް ކަމުގައި ވިދާޅުވިއެވެ. އަދި އާރކްގެ މިފަދަ އިޖްތިމާޢީ ޙަރަކާތްތަކަށް ޕީއެސްއެމުން ފުޅާދާއިރާއެއްގައި އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު، އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރަން، އާކްގެ ފަރާތުން ޢާންމުކޮށް ވަނީ ހުޅުވާލާފައެެވެ. ހިލޭސާބަހަށް މިކަމުގައި ބައިވެރިވާ ސްކޫލްތަކުން މިކަމުގައި ޢަމަލުކުރާނެ ގޮތުގެ އިރުޝާދު ދެމުން ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިކަމުގައި ބައިވެރިވާ ސްކޫލްތަކުގެ ތެރެއިން ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރާ ސްކޫލްތައް ދަރަޖަކުރައްވައި އެކަން ފާހަގަކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.