ޚަބަރު

އަންނަ އަހަރު ގިނަ ހޮސްޕިޓަލްތަކެއްގެ ޢަމަލީ މަސައްކަތް ފެށޭނެ: ޑރ. ޚަލީލް


  • ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް އަދިވެސް ހޮސްޕިޓަލްތައް ތަރައްޤީކުރަންޖެހޭ

  • ކެންސަރ ހޮސްޕިޓަލްގެ ފަންޑު ހަމަޖެހި ކަރުދާހަށް ތިރިކުރުމުގެ މަސައްކަތް ކުރިއަށް

  • މެންޓަލް ހޮސްޕިޓަލްގެ ކޮންސެޕްޓްގެ މަސައްކަތް ނިމި ޑިޒައިނިންގ މަރުޙަލާގައި

އަންނަ އަހަރުގެ ތެރޭގައި ގިނަ ހޮސްޕިޓަލްތަކެއްގެ ޢަމަލީ މަސައްކަތް ފެށިގެންދާނެކަމަށް ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ސިއްޙަތާބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދަޅުވީ، ރާއްޖޭގެ ސިއްޙީ ނިޒާމު ވަރުގަދަ ކުރެވޭނީ ވަށާޖެހޭ ސިޔާސަތެއްގެ ދަށުން ސިއްޙީ ނިޒާމަށް ބޭނުންވާ ވަޞީލަތްތައް ޤާއިމުކުރެވިގެންކަމަށެވެ.

ސިއްޙީ ނިޒާމު ހަރުދަނާކުރެއްވުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރުމަށް ބޭނުންވަނީ ވަށާޖެހޭ ޙައްލެއް ކަމަށެވެ. އެގޮތުން ޢުމްރާނީ ގޮތުން ދާއިރާ ތަރައްޤީކުރުމާއި، ސިއްޙީ ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ވަޞީލަތް ޤާއިމުކުރަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ލ. ގަމުގައި ތަރައްޤީކުރާ ޓަރޝިއަރީ ހޮސްޕިޓަލާއެކު ނަފްސާނީ ބަލީގެ ފަރުވާ ރާއްޖޭގައި އިތުރު ހަރުފަތަކަށް ދާނެކަމަށެވެ. އަދި ތިނަދޫ ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށޭނެކަމަށާއި، މާލެ ސަރަޙައްދުގައި ތަރައްޤީކުރާ ކެންސަރ ހޮސްޕިޓަލްގެ މަސައްކަތްކުރުމަށް ބޭނުންވާ ފަންޑު ހަމަޖެހި، ކަރުދާހުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ވިލިމާލޭ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް މިހާރު ޗައިނާ ކުންފުންޏަކާއެކު ފެށިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ވަރަށް ގިނަ ހޮސްޕިޓަލުތަކުގެ ޢަމަލީ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފަށައިގަނެވޭނެ. މިދެންނެނީ އިންފްރާސްޓްރަކްޗަރގެ އިތުރުން އިކުއިޕްމަންޓް ހަމަކުރުމުގެ މަސައްކަތްވެސް ހިމެނޭހެން." ވަޒީރު ވިދާޅުވިއެވެ.

ސިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލު ވިދާޅުވީ، އަތޮޅުތަކުގެ ހޮސްޕިޓަލުތަކުގައި ބޭނުންވާ ގިނަ ޚިދުމަތްތަކެއް ލިބެން ނެތްކަމަށެވެ. އެގޮތުން އެންމެ މުހިއްމު އެއް ޚިދުމަތްތަކުގައިވާ ލެބޯޓްރީގެ ޚިދުމަތް ލިބެން ނެތް 64 ރަށެއް ހިމެނޭކަމަށާއި، އެ ރަށްރަށުގައި ލެބޯޓްރީ ޤާއިމުކުރުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އެހެންކަމުން މިފަދަ މަޝްރޫޢުތައް އަންނަ އަހަރު ފެށިގެން ދިޔުމާއެކު ސިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ބައެއް ގޮންޖެހުންތައް ހައްލުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ރަވާފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ހަމައެހެންމެ މެޑިކަލް ޓޫރިޒަމް ރާއްޖެއަށް ތަރައްޤީކުރުމަކީ ސަރުކާރުގެ ތަޞައްވުރެއްކަމަށާއި، އެކަން ކުރުމަށް ރާއްޖޭގެ ސިއްޙީ ނިޒާމު ވަރަށް ބޮޑަށް ކުރިއަރުވަންޖެހޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.