ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢާރަފު ކުރައްވާފައިވާ "ޕްރެޒިޑެންޝަން ޔޫތު އެޑްވައިޒަރސް" ބޯޑަށް އައްޔަން ކުރައްވާ މެންބަރުންނަށް އެމަނިކުފާނާއެކު ގާތުން މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޒުވާނުން ބާރުވެރިކުރުވުމާއި، މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރަމުން އަންނަ މަސައްކަތްތައް ހިއްސާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ ޔޫތު އެޑްވައިޒަރީ ބޯޑަކީ ވަރަށް ޝަރަފުވެރި ބޯޑެއް ކަމަށާއި ބޯޑުގައި ބައިވެރިވާން ގިނަ އަދަދެއްގެ ޒުވާނުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ. މި ބޯޑުގެ އެންމެ ބޮޑު ފައިދާއަކީ ރައީސުލްޖުމްހޫރިއްޔާއާއެކު މަސައްކަތް ކުރެވުން ކަމަށާއި ކޮންމެ ތިން މަހަކުން އޮންނަ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޔޫތު އެޑްވައިޒަރީ ބޯޑުން ނިންމާ ކަންކަން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި، މަޝްވަރާ ކުރެވޭނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. އަދި ރާއްޖޭން ބޭރުގައި ވެސް ޚާއްސަކޮށް ތިމާވެއްޓާ ގުޅުންހުރި ކަންކަމުގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތުވެސް އެބޯޑުގެ މެންބަރުންނަށް ލިބޭނެ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ޔޫތު އެޑްވައިޒަރީ ބޯޑަށް މެންބަރުން އައްޔަން ކުރުމުގައި 18 އަހަރާއި 30 އަހަރާ ދެމެދުގެ އުމުރު ކަނޑައަޅާފައިވަނީ ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
"އަޅުގަނޑުމެން ވަރަށްބޮޑަށް ބަހުސްކުރުމަށްފަހު އަޅުގަނޑުމެންނަށް ނިންމުނީ 18 އަހަރަކީ ލީގަލް އުމުރޭ. 30 އަޅުގަނޑުމެން ކެޕް ކުރި ސަބަބަކީ 30 އަހަރާއި 35 އަހަރާ ދެމެދުގަ އެބަތިބި ވަރަށް ގިނަ ޒުވާނުން. އެކަމަކު އެބޭފުޅުންނަށް ސިޔާސީ ކަންކަމުގަޔާއި އެހެނިހެން ކަންކަމުގައި ހަރަކާތްތެރިވުމުގެ ފުރުސަތު އިންތިހާއަށް އެބައޮތް. އެބޭފުޅުންނަށް ސިޔާސީ ކަންކަމަށް އަދި އިޖުތިމާއީ އެހެން މަސައްކަތްތަކަށް ނުކުތުމަށް ބެރިއާއެއް ނެތް،" ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވިއެވެ.
ޔޫތު އެޑްވައިޒަރީ ބޯޑުގައި 15 މެންބަރުން ތިއްބަވާނެއެވެ. މީގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ދެ ބޭފުޅުންނާއި ޤައުމީ ޔުނިވަރސިޓީއާއި އިސްލާމިކް ޔުނިވަރސިޓީއާއި އަމިއްލަ ޔުނިވަރސިޓީއެއްގެ ސްޓޫޑެންޓް ކައުންސިލްގެ ރައީސުންނާއި ޤައުމީ ލެވެލްގެ އެތުލީޓުންގެ ތެރެއިން ހޮވާލެވޭ ދެ މެންބަރުންނާއި ޒުވާނުންނަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޖަމިއްޔާތައް ތަމްސީލް ކުރައްވާ ދެ މެންބަރުންނާއި ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާ ތަމްސީލުކުރައްވާ ދެ މެންބަރުންނާއި މަތީ ސާނަވީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރެއް ހިމެނޭނެއެވެ. މި ބޯޑުގެ ރިޔާސަތު ބަލަހައްޓަވާނީ ރައީސް އައްޔަން ކުރައްވާ ދެ މެންބަރުންގެ ތެރެއިން މެންބަރެކެވެ.
މި ބޯޑުގެ މެންބަރުންނަށް ޚާއްސަ ބެޖެއް ތައާރަފު ކުރެވޭނެކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެބެޖަކީ ޢިއްޒަތް އަރުވާފައިވާ ބޭފުޅުންނަށް ލިބޭފަދަ ޝަރަފަކަށް ވެގެންދާނެ ބެޖެއް ކަމަށެވެ.