ވިޔަފާރި

"މެރިން ހަލް އިންޝުއަރެންސް" ސްކީމް އެލައިޑުން ތަޢާރަފްކޮށްފި


ފެތިގެން ނުވަތަ އެނޫންވެސް ހާދިސާއެއް ދިމާވެގެން، ބޭނުން ނުކުރެވޭވަރަށް ގެއްލުންލިބޭ ކަނޑު އުޅަނދުފަހަރަށް ބަދަލު ދެވޭ "މެރިން ހަލް އިންޝުއަރެންސް" ސްކީމް އެލައިޑް އިންޝުއަރެންސުން ތަޢާރަފު ކޮށްފިއެވެ.

މުޅިރާއްޖެއަށް ޚާއްސަކޮށްގެން އެލައިޑުން ފަރުމާކޮށްފައިވާ މި ސްކީމް ތައާރަފުކޮށްދެއްވީ ހޮޓެލް ޖެންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. "މެރިން ހަލް އިންޝުއަރެންސް" ނަމުގައި ތައާރަފުކުރި މި ސްކީމް ހިންގުމަށް ހަމަޖެހިފައި ވަނީ ޓްރާންސްޕޯޓް އޮތޯރިޓީއާ ގުޅިގެންނެވެ. މި ސްކީމްގެ ދަށުން އުޅަނދުފަހަރުގައި ހިނގާ އަލިފާނުގެ ހާދިސާތަކާއި އުޅަނދު ބިންދައިގެން ދިއުމާއި ފަރަށް އެރުމުގެ އިތުރުން އުޅަނދުފަހަރު ފެތުން ފަދަ ހާދިސާތަކަށް ވެސް ބަދަލު ދެވޭނެއެވެ.

img:http://s3.psmnews.mv/images/660x400/14600408834483.jpg|މެރިން ހަލް އިންޝުއަރެންސް" ސްކީމް ތައާރަފް ކުރުމަށް ބޭއްވި ޕްރެސްކޮންފަރެންސްގެ ތެރެއިން- ފޮޓޯ: ޕީއެސްއެމް

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސަޢީދު ވިދާޅުވީ ރާއްޖެއަށް މިފަދަ ސްކީމެއް މުހިންމުވަނީ ރާއްޖޭގެ ޢިޤްތިސާދަކީ މައިގަނޑު ގޮތެއްގައި ކަނޑަށް ބަރޯސާވެފައި ޢިޤްތިސާދަކަށް ވުމުން ކަމަށެވެ. އެލައިޑް އިންޝުއަރެންސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަމީލް ވިދާޅުވީ އެކުންފުނިން މި ޚިދުމަތް ތަޢާރަފް ކޮށްފައި ވަނީ ޚިދުމަތް ހޯދާ ފަރާތްތަކާއި ވީހާވެސް ގާތުން ޚިދުމަތް ދިނުމަށް ކަމަށެވެ. އެގޮތުން ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި އެސްޓީއޯގެ ބޭސްފިހާރަތަކާއި ބޭންކްގެ ބްރާންޗުތަކުގެ އިތުރުން ޕޯސްޓް އޮފީސްތައް މެދުވެރިކޮށް މި ޚިދުމަތަށް އެދުމާއި، އިންޝުއަރެންސް ފައިސާ ލިބިގަތުމުގެ ޚިދުމަތް ދެވޭނެކަމަށް އަމީލް ވިދާޅުވިއެވެ.

އުޅަނދުފަހަރު އެއްކޮށް އިންޝުއަރކުރުމާއި ގުޅޭގޮތުން އެމްއޯޔޫއެއްގައި ޓްރާންސްޕޯޓް އޮތޯރިޓީ އާއި އެލައިޑާއި ދެމެދުވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. އެލައިޑުން އިންޝުއަރެންސްގެ ޚިދުމަތް ދެނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އަދި އެކުންފުނީގެ މެރިން އިންޝުއަރެންސްގެ ހިދުމަތް ދެނީ ރާއްޖޭގެ މާކެޓުގައި ދެވޭ އެންމެ ހެޔޮ އަގު ރޭޓުގައި ކަމަށް އެލައިޑުން މަޢުލޫމާތުދެއެވެ.