ޚަބަރު

ތާރީޚީ ދުވަހެއް؛ ސަރުކާރުގެ ބޮންޑެއް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފި


  • ލިސްޓުކޮށްފައިވަނީ 50 މިލިއަން ރުފިޔާގެ ބޮންޑެއް

  • މާލީ ވަޒީރު ވިދާޅުވީ، ގިނަ ބަޔަކަށް މިކަމުގެ ނަފާ ލިބޭނެ ކަމަށް

  • ކުރިމަގުގައި ސްޓޮކް އެކްސްޗޭންޖާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަންވަނީ ރާވާފައި

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ސަރުކާރުގެ ބޮންޑެއް، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކޮށްފައިވަނީ، 50 މިލިއަން ރުފިޔާގެ ޓްރެޜަރީ ބޮންޑެކެވެ.

މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ސަރުކާރުގެ ޓްރެޜަރީ ބޮންޑެއް ލިސްޓުކުރުން، ފާހަގަކުރުމަށް ފިނޭންސް މިނިސްޓްރީގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤު ވަނީ މިއީ ތާރީޚީ ދުވަހެއްކަން ފާހަގަކުރައްވާފައެވެ. އަދި ސަރުކާރުގެ ސެކިއުރިޓީއެއްގައި އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވިގެން ދިޔުމުން، ގިނަ ބަޔަކަށް މީގެ ނަފާލިބިގެން ދާނެ ކަމަށް ވަޒީރު ޑރ.ޝަފީޤު ވިދާޅުވިއެވެ.

" ސޭވް ކުރެވިފައި ހުރި ފައިސާއިން އިންވެސްޓެއްކޮށް އޭގެން ނަފާއެއް ހޯދަން ބޭނުންވާ ފަރާތްތަކަށް މިއީ ލިބިގެންދާނެ ރަނުގެ ފުރުސަތެއް، ޤަބޫލުކުރަނީ މި މަސައްކަތް ބާރަށް ކުރިއަށް ގޮސް، ސްޓޮކް އެކްސްޗޭންޖު އެކްޓިވްވެ، ކެޕިޓަލް މާކެޓު ޑިވެލޮޕްވެގެން އަންނަ އިރު، އޭގެ ނަފާ ގިނަ ބަޔަކަށް ލިބިގެން ދިޔުން،" ވަޒީރު ޝަފީޤު ވިދާޅުވިއެވެ.

ވަޒީރު ޑރ. ޝަފީޤު ވިދާޅުވީ ކެޕިޓަލް މާރކެޓު ޑިވެލޮޕްކުރުމުގައި ސްޓޮކް އެކްސްޗޭންޖާއި ގުޅިގެން ކުރިމަގުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރާއްވަވާފައިވާ ކަމަށެވެ.

މިހަފްލާގައި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި މާލީ ވުޒާރާއިންވަނީ ހަނދާނީ ފިލާ ބަދަލުކޮށްފައެވެ.

މިހަފްލާގައި މާލީ ވުޒާރާއާއި މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި ކެޕިޓަލް މާރކެޓު ޑިވެލޮޕްމަންޓުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޓީ ބޮންޑަކީ ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް ފައިސާ ހޯދުމަށް ބޭނުންކުރާ އިންސްޓުރޫމަންޓެކެވެ. އެއީ ދިގު މުއްދަތުގެ އިންޓްރެސްޓާއެކު އަނބުރާ ދައްކާ ގޮތަށް ހޯދާ ފައިސާއެވެ.