ޚަބަރު

5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ޕްލޭންވަނީ އެކުލަވާލާފައި: ވަޒީރު ޠާރިޤު


  • 5 މިލިއަން ގަސް އިންދުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅެއް

  • އިންދާނީ ކޮންކަހަލަ ގަހެއްކަމާއި ގަސްއިންދާނެ ތަންތަންދަނީ ކަނޑައަޅަމުން

  • ސަރުކާރާއި ކުންފުނިތަކާއި ރިސޯޓުތަކާއި އަމިއްލަ ފަރާތްތަކުން މިކަމުގައި ބައިވެރިވާނެ

ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުފުޅުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ތިމާވެށި ހިމާޔަތްކޮށް ރާއްޖޭގެ ނާޒުކު ވެއްޓަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ރާއްޖޭގައި ކުރިއަށް އޮތް 5 އަހަރު ތެރޭގައި 5 މިލިއަން ގަސް އިންދަވާނެކަމަށް، ދުނިޔޭގެ ތިމާވެށީގެ އެންމެ ބޮޑު ބައްދަލުވުންކަމުގައިވާ "ކޮޕް28"ގައި ވަޢުދުވަވަޑައިގަންނަވާފައެވެ. މިކަން ފުރިހަމަކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ޙަކަތައާއި ބެހޭ ވުޒާރާއިން މިހާރުވަނީ ފައްޓަވާފައެވެ.

ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، މިކަމަށް ބޭނުންވާ ޕްލޭނެއް އެކުލަވާލެވިފައިވާކަމަށެވެ. މިގޮތުން ރާއްޖޭގައި އިންދާނީ ކޮންބާވަތެއްގެ ގަސްތަކެއްކަމާއި ގަސް އިންދާނެ ތަންތަނުގެ ޕްލޭނެއް ހަދަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ހިއްކާފައި އޮތް ބިންތައް އެބައޮތް ލޭންޑް ޔޫސް ޕްލޭން ހެދިފައިވެސް. އެހެންވީމަ އެތަންތަނުގެ ލޭންޑް ޔޫސްޕްލޭނަށް ބެލުމަށްފަހު މަގުތަކާއި އެނޫންވެސްކަންކަމަށް ބިން ބޭނުންކުރާނެ ގޮތް ބެލުމަށްފަހު އެރަށްރަށުގައިވެސް މިޕްރޮގްރާމް ހިންގޭނެ." ވަޒީރު ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް ވިދާޅުވީ، ކޮޕް28ގެ ބައްދަލުވުމުގެ ތެރެއިން ބޭއްވެވި ބައްދަލުކުރެއްވުންތަކުގައި، ރައީސުލްޖުމްހޫރިއްޔާގެ މިވަޢުދުފުޅު ފުއްދުވުމަށް އަވައްޓެރި ޤައުމުތަކުން ގަސް ހަދިޔާކުރައްވާނެކަމަށް ވިދާޅުވެފައިވާކަމަށެވެ. ވަޒީރު ވިދާޅުވީ މިއީ ހަމައެކަނި ސަރުކާރުން ކުރިއަށް ގެންދަވާނެ ޕްރޮގްރާމެއް ނޫންކަމަށާއި މިޕްރޮގްރާމްގައި ކުންފުނިތަކާއި ރިސޯޓުތަކާއި އަދި އަމިއްލަ ފަރުދުންވެސް ބައިވެރިކުރުމަށް ހަމަޖެހިފައިވާކަމަށެވެ.

އަދި މިކަމަށް ބޭނުންވާ ނަރސަރީތައް އެކުލަވާލުމުގެ މަސައްކަތްވެސް ކުރައްވަމުންދާކަމަށް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ. އެއީ ގަސްތައް މުޑުވައް ކުރުމަށާއި ރާއްޖެއިން ބޭރުން ގެންނަ ގަސްތައް ބެލެހެއްޓުމަށް މުހިއްމު ތަންތަނަށްވާނެ ކަމަށް އެވުޒާރާއިން ފާހަގަކުރައްވައެވެ.