ޚަބަރު

އެއްމެދު އިމާރާތްތައް މެނޭޖްކުރުމާބެހޭ ދާއިރާއިން ކޯސްތައް ހިންގަން ތައްޔާރުވެއްޖެ


  • މިއީ މުޅިން އަލަށް ފަށާ ކޯހެއް

  • މި ދާއިރާއިން މުސްތަޤްބަލުގައި މަތީ ތަޢުލީމަށްވެސް މަގު ފަހިކޮށްދޭނެ

  • ސޯޝަލް ހައުސިން އިމާރާތްތައް ގިނަވަމުން އަންނައިރު މީހުން ބިނާކުރުން މުހިންމު

ސްޓްރާޓަރ ކޮމިއުނިޓީ މެނޭޖްމަންޓްގެ ދާއިރާ ނުވަތަ އެއްމެދު އިމާރާތްތައް މެނޭޖްކުރުމާބެހޭ ދާއިރާއިން މީހުން ބިނާކުރުމަށް ގެދޮރުވެރިކަމާއި ބިމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މުޅިން އަލަށް ފަށާ ކޯހެކެވެ. އަދި މިއީ ރާއްޖެއަށް ވަރަށް އައު ދާއިރާއެއްކަމަށް އެ ޔުނިވަރސިޓީން ވަނީ ބުނެފައެވެ.

އެމް.އެން.ޔޫގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ގެދޮރުވެރިކަމާއި ބިމާ އުމްރާނީ ތަރައްޤީއާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނިޡާމެވެ. އަދި ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ އައިޝަތު ޝެހެނާޒް އާދަމެވެ.

ސްޓްރާޓަރ ކޮމިއުނިޓީ މެނޭޖްމަންޓްގެ ދާއިރާއިން މީހުން ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ-14 ގައި ހިމެނޭ ތަޢުލީމީ ދާއިރާއިން މުހިންމު ސިޔާސަތެކެވެ.

ސްޓްރާޓަރ ކޮމިއުނިޓީ މެނޭޖްމަންޓުގެ ދާއިރާ ނުވަތަ އެއްމެދު އިމާރާތްތައް މެނޭޖްކުރުމާބެހޭ ދާއިރާއަކީ އެކަކަށްވުރެ ގިނަ ފްލެޓްތައް ހުންނަ އިމާރާތްތަކުގައި ހުންނަ ކޮމަން އޭރިއާ ނުވަތަ އެންމެންނަށް ބޭނުންކުރެވޭ ގޮތަށް ހުންނަ ސަރަޙައްދު މެނޭޖްކުރުމަށް މީހުން ބިނާކުރުމެވެ. ރާއްޖެއިން ބޭރުގައިވެސް މިފަދަ އިމާރާތްތައް މެނޭޖްކުރުމަށް ވަކި ކުންފުނިތައް ނުވަތަ އެޖެންޓުން ތިބެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު ވިދާޅުވީ، މިދިޔަ 10 ނުވަތަ 15 ވަރަކަށް އަހަރުގެ ތެރޭގައި އިމާރާތްކުރަމުން ދިޔައީ ވަރަށް އުސް އިމާރާތްތަކެއްކަމަށެވެ. އިމާރާތްތަކަކީ އެކި މީސް މީހުންނަށް ވަކިވަކި ފްލެޓްތައް ލިބިގެން އިމާރާތް ކުރެވިފައި ހުންނަ އިމާރާތްތަކެއްކަމަށެވެ.

އެހެންނަމަވެސް މުޅި އިމާރާތުގެ އާންމުކޮށް ބޭނުންކުރާ ސަރަޙައްދުތަކަކީ އިމާރާތުގެ ހުރިހާ އެންމެންނަށް މިލްކުވާ ތަނެއްކަން ފާހަގަކުރައްވާ، ވަޒީރު ވިދާޅުވީ، މިތަންތަން މެނޭޖްކުރުމަށް މީހުން ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށެވެ.

"މިފެށޭ ކޯހުން މިކަމުގައި ހުރި ހުރިހައި ޓެކްނިކަލް ކަންތައްތަކަކާއި ޤާނޫނީ ކަންތައްތަކާއި އިދާރީ ކަންތައްތަކާއި އެހެންގޮސް ހުރިހައި ކަމެއް އަޅުގަނޑުމެން ބައިވެރިންނަށް އުނގަންނައި ދޭނަން. އެބައިވެރިން ވެގެންދާނީ އަޅުގަނޑުމެންގެ ދިރިއުޅުމުގައި މިހާރު ބޭނުންކުރައި އިމާރާތްތައް ބެލެހެއްޓުމުގެ ވަރަށް ބޮޑު އިސްދައުރެއް އަދާކުރާ ބަޔަކަށް. މިހާތަނަށް އަޅުގަނޑުމެންނަށް ރަނގަޅަށް މިކަންތައްތައް ނުކުރެވޭތީ ވަރަށް ގިނަ މައްސަލަތައް ދިމާވޭ." ވަޒީރު ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީން ވިދާޅުވީ އެއްމެދު އިމާރާތްތައް މެނޭޖްކުރުމާއި ބެހޭ ޤާނޫނެއް އޮތްއިރު މިކަމަށް ބަޔަކު ތަމްރީންކުރުމަކީ މުހިންމު ކަމެއްކަމަށެވެ. މި ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުޞަތުވެސް ކުރިއަށްއޮތް ތަނުގައި އެމްއެންޔޫއިން ފަހިކޮށްދޭނެކަމަށް އެ ޔުނިވަރސިޓީން ވަނީ ބުނެފައެވެ.