ކުޅިވަރު

އެފްއޭއެމްގެ ރައީސްކަމަށް މުފާވެސް ކުރިމަތިލައްވައިފި


ކުރިއަށް އޮތް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ އިންތިޚާބުގައި ރައީސްގެ މަގާމަށް ވާދަކުރެއްވުމަށް މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ހިންގާ ކޮމިޓީގެ މެންބަރު މުފާވިޒު ހާޝިމު (މުފާ) ކެންޑިޑެސީ ފޯމު ހުށަހަޅުއްވައިފިއެވެ.

އެފްއޭއެމުގެ އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުގެ މެންދުރުފަހު 14:00 އަށް ހަމަވުމުގެ ކުރިން މުފާ ވަނީ އޭނާގެ ކެންޑިޑެސީ ފޯމު ހުށަހަޅުއްވާފައެވެ.

މުފާގެ ޓީމުގައި ނައިބު ރައީސުންގެ ގޮތުގައި ހުށަހެޅުއްވީ ބައްސާމުގެ ހިންގާ ކޮމިޓީން އިސްތިއުފާދެއްވި ކުލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ޚަލީލާއި، ބުރު ސްޕޯޓްސްގެ މުޙައްމަދު އަހުސަނެވެ. އަދި ހިންގާ ކޮމިޓީއަށް ހުށަހެޅުއްވި ނަންތަކަކީ މިހާރުވެސް އެ މަގާމު ފުރުއްވަމުން އަންނަ އަޙްމަދު ޝަކީބު (ޑޮކް) އާއި، ބުރު ސްޕޯޓްސްގެ މެނޭޖަރު އަރުޝަދު އަޝްރަފާއި، ކުޑަހެންވޭރު ޓީމުގެ ފަރާތުން ކުރީގެ ގައުމީ ޓީމުގެ ފޯވާޑް ހަސަން އަދުހަމް (ސަޑޭ) އާއި، ޔުނައިޓެޑް ވިކްޓަރީގެ ރައީސް އިސްމާޢީލް ޝަފީއު (އިއްސެ) އަދި ބުރު ސްޕޯޓްސްގެ މުޙައްމަދު ހަސަން އެވެ. އަންހެން މެންބަރުގެ މަގާމަށް ހިމަނާފައިވަނީ ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކުރީގެ ކުޅުންތެރިޔާ މަރްޔަމް މިރުފަތެވެ.

ކުރިއަށް އޮތް އިންތިޚާބުގައި އެފްއޭއެމުގެ ރައީސަކަށް ބައްސާމް ކުރިމަތިނުލައްވާނެކަން އިއުލާން ކުރައްވާފައިވާއިރު، މުފާ ކުރިމަތިލެއްވީ ބައްސާމުގެ ތާއިދާއެކު ކަމަށް މައުލޫމާތު ލިބެއެވެ. މުފާ އަންނަވަނީ ބައްސާމުގެ ފުރަތަމަ ދައުރުގެ ފަހު ކޮޅުން ފެށިގެން އޭނާގެ ހިންގާ ކޮމިޓީގެ މެންބަރުކަން ކުރައްވަމުންނެވެ.

މުފާގެ އިތުރުން ދެން އެފްއޭއެމުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވަނީ މީގެ ކުރިންވެސް އެ މަގާމު ފުރުއްވި ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަޙްމަދު ތޯރިގު (ޓޮމް) އެވެ.

ދާދި ފަހުން އެފްއޭއެމުން ވަނީ އެ އިދާރާގެ ހިންގާ ކޮމިޓީގެ 20 ވަނަ ބައްދަލުވުމުގައި އަސާސީ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އައު އިންތިޚާބެއް ބޭއްވުމަށް ނިންމާފައިވާކަން ހާމަކޮށްފައެވެ. އެކަމަކު އެފްއޭއެމުގެ އިންތިޚާބާ ބެހޭ ކަންތައްތަކެއް ސާފުކޮށްދިނުމަށް އެދި، ކޮމިޝަނާ އޮފް ސްޕޯޓްސް މުޙައްމަދު ތޮލާލް ވަނީ އެފްއޭއެމަށް ސިޓީއެއް ފޮނުއްވާފައެވެ.