ޚަބަރު

ގުޅިފަޅުގެ މަސައްކަތްދަނީ ތައާވަލާ އެއްގޮަތަށް، މިހާތަނަށް 90 ހެކްޓަރު ހިއްކައިފި


  • ގުޅިފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 150 ހެކްޓަރުގެ ބިން

  • މަސައްކަތް ހުއްޓުމެއް ނެތި ތާވަލާއި އެއްގޮތަށް ދަނީ ކުރިއަށް

  • އެތަނުގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް އަވަހަށް ފެށުމަކީ ސަރުކާރުގެ އަމާޒެއް

ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތް ތައާވަލާއި އެއްގޮތަށް ކުރިއަށްދާ ކަމަށާއި، މިހާތަނަށް 90 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް ޢިމާރަތްކުރުމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

ގުޅިފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 150 ހެކްޓަރުގެ ބިމެވެ. ވަޒީރު ވިދާޅުވީ، މި މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ ބިން ހިއްކުމުގެ މަސައްކަތް އަވަހަށް ނިންމާ، އެތަނުގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ފެށުން ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއި ޙަވާލުކޮށްގެންނެވެ.

މިމަޝްރޫޢަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ 2 ބޭންކެއްގެ ލޯން އެހީގެ ދަށުންނެވެ. މިމަޝްރޫޢުގެ ދަށުން ގުޅީފަޅު ހިމެނޭ ސަރަޙައްދުން 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްކުރުމަށް ގުޅިފަޅު ފަޅުން، 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލި އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ވަނީ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށްވެސް ބިން އިތުކުރެއްވުމަށް ނިންމަވާފައެވެ. ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ ނިމުނު ސަރުކާރުން ފަށާފައިވާ ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކުމުގެ މަޝްރޫޢު އިތުރަށް ފުޅާކުރެއްވުމަށް ސަރުކާރުން ނިންމަވާފައިވާ ކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އެފަޅުތަކުން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކަވާ، ގެދޮރުވެރިކަމުގެ މަސައްކަތަށް ބިން އިތުރުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.