ޚަބަރު

މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ މާދަމާ


  • ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައި

  • މިއީ މިއަހަރުގެ ފަހު ޖަލްސާ

  • އެޖެންޑާ އަދި ނުނެރޭ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާ މާދަމާ ބާއްވަން ތައާވަލުކުރަން ނިންމައިފިއެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވީ މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެވެ. ނަމަވެސް ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންކަން އަދި އާއްމުކޮށްފައި ނުވެއެވެ.

އެންމެފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މި މަހުގެ 18 ގައެވެ. އެ ޖަލްސާގައި 28 ޑިސެމްބަރާ ހަމައަށް ދައުރު ދަންމާލަން ވަނީ ފާސްކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ގިނަ މަސައްކަތްތަކެއް ހުރިއިރު މުހިންމު މަސައްކަތްތަކުގެ ތެރޭގައި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ހިމެނެއެވެ. އެ މައްސަލަ ކުރިއަށް ނުގެންގޮސް ލަސްވާތީ ބައެއް މެންބަރުންނާއި ސިޔާސީ ޕާޓީތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.