ޚަބަރު

10 މަސްދުވަހުން ގްރީން ފަންޑަށް 832 މިލިއަން ރުފިޔާ


  • ގްރީން ފަންޑުން މި މުއްދަތުގައި 492 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވޭ

  • ގްރީން ފަންޑުގައި މިހާރު ޖުމްލަ 1.11 ބިލިއަން ރުފިޔާ އެބަހުރި

  • ގްރީން ފަންޑުން ތިމާވެއްޓާ ގުޅުންހުރި މަޝްރޫއުތަކަށް ދަނީ ހިންގަމުން

މިއަހަރުގެ ފުރަތަމަ ހަތްމަސް ދުވަސްތެރޭ ގްރީން ފަންޑަށް 832 މިލިއަން ރުފިޔާ ޖަމާވެފައިވާކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

މާލީ ވުޒާރާގެ ގްރީން ފަންޑު ރިޕޯޓުން ދައްކާގޮތުން މިއަހަރުތެރޭ ފަންޑަށް 832 މިލިއަން ރުފިޔާ ޖަމާވެފައިވާއިރު، އެ ފަންޑުންވަނީ 492 މިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި ބާކީހުރި ޢަދަދާއި، މިއަހަރުގެ ފުރަތަމަ 10 މަސްދުވަހު ގްރީޓް ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއާއެކު ގްރީން ފަންޑުގައި މިހާރު ޖުމްލަ 1.11 ބިލިއަން ރުފިޔާ އެބަހުއްޓެވެ.

ފުރަތަމަ 10 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވާ ޢަދަދު:

• ޖެނުއަރީ - 100.7 މިލިއަން ރުފިޔާ
• ފެބުރުވަރީ - 91.8 މިލިއަން ރުފިޔާ
• މާރިޗް - 105.4 މިލިއަން ރުފިޔާ
• އެޕްރީލް - 94.9 މިލިއަން ރުފިޔާ
• މެއި - 83.0 މިލިއަން ރުދިޔާ
• ޖޫން - 50.2 މިލިއަން ރުފިޔާ
• ޖުލައި - 91.0 މިލިއަން ރުފިޔާ
• އޮގަސްޓް – 69.5 މިލިއަން ރުފިޔާ
• ސެޕްޓެމްބަރ - 53.2 މިލިއަން ރުފިޔާ
• އޮކްޓޯބަރ – 92.5 މިލިއަން ރުފިޔާ

ގްރީން ފަންޑުން ރާއްޖޭގެ އެކި ރަށްރަށުގައި ތިމާވެއްޓާ ގުޅުންހުރި ގިނަ ތަރައްޤީގެ މަޝްރޫއުތަކަށް ދަނީ ޚަރަދުކުރަމުންނެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތައް ހިމެނެއެވެ.

ފުރަތަމަ 10 މަސް ދުވަހު ގްރީން ފަންޑުން ކޮށްފައިވާ ޚަރަދު

• ޖެނުއަރި - 74.5 މިލިއަން ރުފިޔާ
• ފެބްރުވަރީ - 66.0 މިލިއަން ރުފިޔާ
• މާރިޗް - 77.4 މިލިއަން ރުފިޔާ
• އެޕްރީލް - 35.9 މިލިއަން ރުފިޔާ
• މެއި - 7.6 މިލިއަން ރުފިޔާ
• ޖޫން - 26.2 މިލިއަން ރުފިޔާ
• ޖުލައި – 69.9 މިލިއަން ރުފިޔާ
• އޮގަސްޓް – 78.2 މިލިއަން ރުފިޔާ
• ސެޕްޓެމްބަރ – 29.5 މިލިއަން ރުފިޔާ
• އޮކްޓޯބަރ – 27.4 މިލިއަން ރުފިޔާ

ރާއްޖޭގައި ގްރީން ޓެކްސް ނަގަމުން އަންނަނީ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ކޮންމެ ދުވަހަކަށް، މީހަކަށް 6 އެމެރިކާ ޑޮލަރުގެ ރޭޓުންނެވެ.

އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 6 އެމެރިކާ ޑޮލަރު ނަގައެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި، ޓޫރިސްޓް ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން ދުވާލަކަށް 3 ޑޮލަރުގެ ނަގައެވެ.