ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އައްޔަން ކުރައްވާފައިވާ ވަޒީރުންނަށް ރުހުން ނުދީ ލަސްވަމުންދާތީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވަޒީރުންގެ މަޖިލީހަށް ރައީސް އައްޔަންކުރައްވާ މެންބަރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށާއި، ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ވަޒީރުންގެ ނަންތައް މަޖިލީހާ ހިއްސާކުރައްވާފައިވާއިރު ރުހުން ނުދީ ލަސްވުމަކީ ކަންބޮޑުވާ ކަމެއްކަމަށެވެ.
ވަޒީރުންނަކީ ދައުލަތް ހިންގުމުގެ އާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސަށް މަޝްވަރާދިނުމާއި އެހީތެރިވެދިނުމާއި ޤާނޫނުއަސާސީއާ އެއްގޮތްވާގޮތުގެ މަތިން ސަރުކާރު ހިންގުމުގެ ހުރިހާ ދާއިރާތަކެއްގައި ސިޔާސަތުތައް ތަންފީޒުކޮށް، ހިނގާނުހިނގާގޮތް ބެލުމުގެ ބުރަ މަސްއޫލިއްޔަރު ޤާނޫނީ އަސާސީން މަތިކޮށްފައިވާ ބައެކަން ފާހަގަކޮށް އެމްޑީއޭއިން ބުނީ ވަޒީރުންނަށް ރުހުން ނުދީ ލަސްވުމަކީ ރައްޔިތުން ވެސް ކަންބޮޑުވުމުންދާ މައްސަލައެއް ކަމަށެވެ.
މީގެ އިތުރުން ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ފުރިހަމަ އަޣުލަބިއްޔަތެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް ދީފައިވާއިރު ރައްޔިތުންގެ ނިންމުން އެއްފަރާތްކޮށް، ސަރުކާރު ހިންގަން ދަތިވާގޮތަށް ދައުލަތުގެ އެއްވެސް ބާރަކުން، އަދި ވުޒާރާއަކުން ވެސް މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށްވެސް އެ ޕާޓީން ބުންޏެވެ.
މި ސަބަބުތަކާހުރެ ރައްޔިތުންގެ މަޖިލީހުގެ މި ދައުރު ނިމުމުގެ ކުރިން ހުށަހެޅިފައިވާގޮތަށް ވަޒީރުންނަށް ރުހުން ދިނުމުގެ މަސައްކަތް މަޖިލީހުން ނިންމުމަށް އެ ޕާޓިން ވަނީ މަޖިލީހުގެ ރައީސަށް ދަންނަވާފައެވެ.
މިމަހުގެ 18 ވަނަ ދުވަހު މަޖިލީހުގެ ޖަލްސާއަށް ވަޒީރުންނަށް ރުހުން ދޭން އެޖެންޑާ ކުރިއެވެ. ނަމަވެސް ވުޒާރާތަކުގެ މެންޑޭޓު ފާސްކުރުމުގެ ކަންކަން ފުރިހަމަނުވާތީކަމަށް ބުނެ މަޖިލީހުގެ ރައީސް ވަނީ މައްސަލަ އަނބުރާ ކޮމިޓީއަށް ފޮނުއްވާފައެވެ. ނަމަވެސް މިއީ މީގެ ކުރިން މަޖިލީހުން ޢަމަލުކުރައްވާ ގޮތެއް ނޫންކަމަށް ބައެއް މެންބަރުން ވިދާޅުވެފައިވެއެވެ.
އެ ކޮމިޓީން މި މަހުގެ 24 ވަނަ ދުވަހު ބޭއްވި ބައްދަލުވުން ކޯރަމް ހަމަނުވުމުން ވަނީ ކެންސަލްކޮށްފައެވެ.