ކުޅިވަރު

ބާންލީ ބަލިކޮށް ލިވަޕޫލް ތާވަލުގެ އެއްވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބާންލީ އަތުން ހޯދި މޮޅާއެކު ތާވަލުގެ އެއްވަނައަށް ލިވަޕޫލް އަރައިފިއެވެ.

ބާންލީގެ ދަނޑުގައި ރޭ ކުޅުނު މެޗު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ލިވަޕޫލަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްފައިވަނީ ޑާވިން ނުނޭޒްއެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި ނުނޭޒް މި ލަނޑު ކާމިޔާބުކުރީ ބާންލީގެ ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ހަމަލާއެއް، ގޯލުގެ ކަނަށް އަމާޒުކޮށްލައިގެންނެވެ. މި ލަނޑަށްފަހު ބާންލީ ވަނީ ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފައެވެ. ޚާއްސަކޮށް ބާންލީގެ އުއްމީދީ ފޯވާޑް ޖޭމްސް ޓްރެފަޑުގެ މޮޅު ކުޅުން ފާހަގަކޮށްލެވެއެވެ.

މި މެޗުން ލިވަޕޫލް ތިން ޕޮއިންޓް ކަށަވަރުކުރި ލަނޑު ފެނިގެންދިޔައީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގެ ތެރޭގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑިއޮގޯ ޖޮޓާއެވެ.

މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި ލިވަޕޫލް އޮތީ 19 މެޗުން ލިބުނު 42 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ލިވަޕޫލަށްވުރެ އެއް މެޗު މަދުން ކުޅެ 40 ޕޮއިންޓާ އެކު އޮތީ އާސެނަލެވެ. ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާއެވެ. އަދި މެޗުގެ ބަލިވި ބާންލީ ނުކުންނާނީ އެސްޓަން ވިލާއާ ދެކޮޅަށެވެ.