ޚަބަރު

ދެކުނަށް މޫސުން ގޯސްވެ އޮރެންޖު ސަމާލު، ދަތުރުކުރުން ރައްކާތެރިއެއް ނޫން!


  • މިއީ އިރުވައި މޫސުމުގެ ވިއްސާރަ

  • އުތުރާއި މެދުރާއްޖެތެރެއަށް ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ

  • ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ

ރާއްޖޭގެ ދެކުނަށް މޫސުން ގޯސްވެ ވައިގަދަވާނެތީ އޮރެންޖު ސަމާލު ނެރެފިއެވެ. އޮރެންޖު ސަމާލު ނެރެފައިވަނީ ފުވައްމުލައް ސިޓީން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެމަށާއި، ފެންބޮޑުވުންވެސް އެކަށީގެންވާކަމަށެވެ. އޮރެންޖު ސަމާލަކީ މޫސުމީ ސަމާލުތަކުގެ ތެރެއިން ތިންވަނަ ދަރަޖައިގެ ސަމާލެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ނ.އަތޮޅުން ފެށިގެން ދ.އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.


ކުރިއަށް އޮތް 3 ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

މިދިޔަ ހަފްތާއިން ފެށިގެން ރާއްޖެއަށް މޫސުން ގޯސްވުމާއި ގުޅިގެން، މޫސުމާއި ގުޅޭ ޤައުމީ އިދާރާއިން ދަނީ މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށް، ސަމާލުތައް ނެރެމުންނެވެ.

ކުރިއަށް އޮތް 3 ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރެއަށް ގަދަވަޔާއެކު ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު، އަދި ބައެއް ރަށްތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާއި ގުޅޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.

މި ދުވަސްވަރު ކަނޑުދަތުރުކުރާ ފަރާތްތަކާއި ބުރިޖު ހައިވޭގައި ދަތުރުކުރައްވާއިރު، މޫސުމަށް ސަމާލުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.

ރީނދޫ އެލާޓް ނެރެފައިވާނަމަ އެ ސަރަހައްދެއްގައި 19 މީޓަރަށްވުރެ ކުދި އުޅަދު ދުއްވުން މަނާވާނެއެވެ.

ރީނދޫ ސަމާލަކީ، ދިމާވެދާނެ ކަންކަމަށް ތައްޔާރުވެދިނުމަށް އެންގުމުގެ ގޮތުން ނެރޭ އެލާޓެކެވެ. އަދި އެއީ މޫސުމާ ގުޅޭ ކާރިސާގެ ހާލަތުގައި ކަންކަން ނުރައްކާވެގެން ދިއުމުން ދެވަނަ އަށް އެންމެ މަތިން ނެރޭ އިންޒާރުގެ ސަމާލެވެ.