ޚަބަރު

އަޙްމަދު މޫސާގެ ޕާސްޕޯޓު ދޫކޮށްލަން ކުރެއްވި ޢަމުރު ސުޕްރީމް ކޯޓުގައި އިސްތިޢުނާފު ކުރައްވަނީ


  • ކްރިމިނަލް ކޯޓުން ވަނީ ޕާސްޕޯޓު ވަގުތީގޮތުން ދޫކޮށްލަން އަމުރުކޮށްފައި

  • ހައި ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާއީދުކޮށްފައި

މަކަރާއި ޙީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދާފައިވާ ސީލައިފް ގްލޯބަލް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހުމަދު މޫސާ މުޙައްމަދު (އައްމަޓީ)ގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އަހުމަދު މޫސާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅަފައިވާ ޚިޔާނާތްތެރިވުމުގެ ކުށުގެ ދަޢުވާތަކާ ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ ވަގުތީގޮތުން އެ ޕާސްޕޯޓު ދޫކޮށްލުމަށް ޢަމުރުކޮށްފައެވެ. އެ އަމުރު ޕީޖީން ވަނީ ހައި ކޯޓުގައި ވެސް އިސްތިއުނާފުކޮށްފައެވެ. ނަމަވެސް އެ ކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރަށް ތާޢީދުކޮށްފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ކްރިމިނަލް ކޯޓުގެ އަމުރަށް ހައި ކޯޓުން ތާއީދުކުރުން އެ އޮފީހުން ހިތްހަމަ ނުޖެހޭ ކަމަށެވެ. އެހެންކަމުން، ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރަން ނިންމާފައިވާކަމަށާއި، މިއަދުގެ ވަގުތެއްގައި ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަހުމަދު މޫސާގެ ޕާސްޕޯޓް ވަގުތީ ގޮތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރު ކުރީ މިމަހުގެ 6ވަނަ ދުވަހުންން ފެށިގެން މިމަހުގެ 25 ވަނަ ދުވަހާއި ހަމައަށެވެ. މި މައްސަލަ ހައިކޯޓުން ނިންމިއިރު އޭނާގެ ޕާސްޕޯޓު ދޫކޮށްލުމަށް ކަނޑައެޅި މުއްދަތު ވަނީ ހަމަވެފައެވެ.

ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކުރުމަށް ނިންމާފައިވަނިކޮށް އަހުމަދު މޫސާގެ ޕާސްޕޯޓް އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ތާވަލުކޮށްފައެވެ.

ޕީޖީން ވިދާޅުވީ ޕާސްޕޯޓް ދޫކޮށްލުމުގެ އަމުރު މުރާޖައާ ކުރުމުގެ އަޑުއެހުން ބާއްވަން ތާވަލުކޮށްފައިވާއިރު އެ މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަވަންދެން ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު މުރާޖަޢާކުރުމުގެ އަޑުއެހުން ކުރިއަށް ނުގެންދެވުމަށް އެ އޮފީހުން ކްރިމިނަލް ކޯޓުގައި އެދިވަޑައިގެންފައިވާކަމަށެވެ.