ޚަބަރު

މަޖިލީހަށް ވާދަކުރަން ޖޭޕީގެ ޓިކެޓަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި


  • ފުރަތަމަ ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހު

  • އެ ފުރުޞަތު އިއްޔެއަށް ވަނީ ހަމަވެފައި

  • މުއްދަތު އިތުރުކުރީ އަންނަ މަހުގެ 25 އާއި ހަމައަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީ، ޖޭޕީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޖޭޕީގެ ޓިކެޓުގައި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ހުރިހާ ދާއިރާއަކުން ވާދަކުރުމަށް ފުރުޞަތު އެ ޕާޓީން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި އެ ފުރުޞަތު އިއްޔެ ވަނީ ހަމަވެފައެވެ. މިއާއެކު އެ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަވާ މެންބަރުންނަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިހާރު ވަނީ އަންނަ މަހުގެ 25 ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފައެވެ.

ޖޭޕީން ބުނީ މުއްދަތު އިތުރުކުރީ މިދުވަސްވަރަކީ ސްކޫލްތަކުގެ ޗުއްޓީ ދުވަސްކޮޅާ ގުޅިގެން ރާއްޖެއާއިން ބޭރަށާއި އަތޮޅުތަކުގެ ރަށްތަކަށް ގިނަބަޔަކު ދަތުރުކުރަންޖެހޭ ދުވަސްވަރަކަށް ވާތީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތަށް އެދި ހުށައަޅަން ލިބުނު މުއްދަތުގައި ފޯމް ހުށައެޅުމަށް ގިނަ މީހުންނަށް ދަތިވާތީކަމަށެވެ.

ޖޭޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 25ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން އެކަމަށް ޚާއްސަކޮށްފައިވާ ފޯމު ފުރުމަށްފަހު، އެ ފަރާތެއްގެ ވަނަވަރާއި، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ހުށަހެޅުމަށް ޖޭޕީން ވަނީ އެދިފައެވެ.

ކުރިއަށްއޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ މަޢުލޫމާތުގެ ޞައްޙަކަމާއި ޤާބިލުކަން ބެލުމަށްފަހު އެ ފަރާތްތަކުގެ ކެންޑިޑެސީ ކަށަވަރު ވާނީ ޕާޓީގެ ކައުންސިލުން ނުވަތަ އެކަމަށްޓަކާ ކައުންސިލުން ކަނޑައަޅާ ކޮމިޓީއަކުން ވަޒަންކޮށް ބެލުމަށްފަހު ކަމަށް ޖޭޕީން ބުނެފައިވެއެވެ.

19 ވަނަ މަޖިލީހުގައި ޖުމްހޫރީ ޕާޓީ ތަމްޞީލު ކުރާ ތިއްބެވީ އެންމެ 2 މެންބަރުންނެއެވެ. އެއީ އެޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި، ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިންއެވެ.

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޖޭޕީން މީގެ ކުރިން ވަނީ ސިޔާސީ ޕާޓީތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.