ކުޅިވަރު

ފެތުމުގެ ޖޫނިއަރ ފިރިހެން ޓީމަށް ރިހި މެޑަލް، ސީނިއަރ ފިރިހެން ޓީމަށް ލޯ މެޑަލް


ސްރީ ލަންކާގެ ކެންޑީގައި މިހާރު ކުރިއަށްދާ އެ ގައުމުގެ ނެޝަނަލް އަދި ޖޫނިއަރ ޝޯޓްކޯސް މުބާރާތުން ރާއްޖޭގެ ފިރިހެން ޖޫނިއަރ ޓީމު ރިހި މެޑަލް އަދި ސީނިއަރ ފިރިހެން ޓީމު ލޯ މެޑަލް ހޯދައިފިއެވެ.

މި ދެ ޓީމުވެސް މެޑަލް ހޯދާފައިވަނީ ހަތަރެއް ގުނަ ސަތޭކަ މީޓަރު މެޑްލީ ރިލޭއިންނެވެ.

ލަންކާގެ ކެންޑީ ހިލްވުޑް ކޮލެޖް ސްވިމިން ޕޫލުގައި އިއްޔެ ކުރިއަށްދިޔަ އިވެންޓުން ޖޫނިއަރ ފިރިހެން ޓީމު ރިހި މެޑަލް ހޯދީ ލަންކާގެ ކޮލެޖުތަކާއި އެކިއެކި ކުލަބުތައް ހިމެނޭގޮތުން ނުވަ ޓީމަކާ ވާދަކޮށްގެންނެވެ. އަދި ސީނިއަރ ފިރިހެން ޓީމު ލޯ މެޑަލް ހޯދީ ލަންކާގެ އެންމެ ވަރުގަދަ މޮޅެތި ފެތުންތެރިން ހިމެނޭހެން އެކިއެކި ކުލަބުތަކާއި ކޮލެޖުތަކުން 14 ޓީމަކާ ވާދަކޮށްގެންނެވެ.

މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖޭގެ ފެތުންތެރިން ވާދަކުރަނީ ޖޫނިއަރ ނެޝަނަލް ފިރިހެންގެ އިތުރުން ނެޝަނަލް އަންހެން އަދި ފިރިހެން ބައިގައެވެ. މި ހަތަރު ބައިގައި ޖުމްލަ 25 ދިވެހި ފެތުންތެރިން ވާދަކުރެއެވެ.

މި މުބާރާތުގައި އިއްޔެ ކުރިއަށްދިޔަ 400 މީޓަރު ފްރީސްޓައިލް ޖޫނިއަރ އަންހެން އިވެންޓުގައި ވާދަކޮށް ދިވެހި ފެތުންތެރިޔާ ލައިބާ ޙަސަންމަނިކު ރޭސް ނިންމީ ރޭހުގައި ބައިވެރިވި 14 ފެތުންތެރިންގެ ތެރެއިން 12 ވަނައަށެވެ. އަދި ޖޫނިއަރ ފިރިހެން 400 މީޓަރު ފްރީސްޓައިލްގައި ވާދަކުރި 12 ފިރިހެން ފެތުންތެރިންގެ ތެރެއިން ދިވެހި ފެތުންތެރިޔާ ޔާސީން މުޙައްމަދު ޔޫސުފް ރޭސް ނިންމާފައިވަނީ ހަވަނައިގައެވެ. މީގެ އިތުރުން ސީނިއަރ ނެޝަނަލް ފިރިހެން ފެތުންތެރިންގެ ބައިގައި ވާދަކުރި 23 ފެތުންތެރިންގެ ތެރެއިން 400 މީޓަރު ފްރީސްޓައިލް ރޭސް މުޙައްމަދު ރިހާން ޝިހާމް ނިންމާފައިވަނީ 12 ވަނައިގައެވެ.

މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ލަންކާގެ އެކި ކުލަބުތަކާ ކޮލެޖުތަކުން ޖުމްލަ 49 ޓީމު ވާދަކުރެއެވެ.