ބަލިތަކުން އަރައިގަތުމަށް ރާއްޖޭގައި އެކި ޒަމާންތަކުގައި އެކި މަސައްކަތް ކުރެވިފައިވާކަން ތާރީޚީ ފަތްފުއްތަކުން އެނގެން އޮވެއެވެ.
މިގޮތުން ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއާއި ރާއްޖޭގެ ގުޅުން ފެށިގެން އައީ 1951 ވަނަ އަހަރު ފައިލޭރިއާއާއި ދެކޮޅަށް ރާއްޖެއިން މަސައްކަތް ކުރި ދުވަސްވަރުގައެވެ. މިކަމުންވެސް އެނގޭ ޙަގީގަތަކީ ރާއްޖެއިން މިބައްޔާއި ދެކޮޅަށް މީގެ 70 އަހަރު ކުރިންވެސް މަސައްކަތް ފަށާފައިވާކަމެވެ.
ފައިލޭރިއާއަކީ ދުނިޔެއަށް ބަލާއިރުވެސް ވަރަށް ޒަމާންވީ ބައްޔެކެވެ. ފަޤީރު ޤައުމުތަކުގައާއި ތަރައްޤީވަމުންދާ ބައެއް ޤައުމުތަކުންވެސް ފެންނަ ބައްޔެކެވެ. ރާއްޖޭގައި މިބައްޔާއި ގުޅޭގޮތުން 1960 ގެ އަހަރުތަކުގައި ހެދުނު ސަރވޭއަކުން ދައްކާގޮތުގައި އޭރުގެ އާބާދީގެ 6 އިންސައްތަ މީހުންގެ ހަށިގަނޑުގައި ފައިލޭރިއާ ޖައްސާ ފަނި ނުވަތަ ޕެރަސައިޓްވަނީ ފެނިފައެވެ.
ރާއްޖޭގައި ފައިލޭރިއާއާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރުމަށް 3900 އަށްވުރެ ގިނަ މީހުންގެ ހަށިގަނޑުން ސާމްޕަލް އޭރު ނަގާފައިވެއެވެ. މީގެތެރޭގައި 939 މީހަކު ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. އަދި އަންހެނުންނަށްވުރެ ނިސްބަތުން ގިނައީ ފިރިހެނުންކަންވެސް ސަރވޭގެ ތަފާސްހިސާބުތަކުން ވަނީ ދައްކާފައެވެ. މިސަރވޭއިން ދައްކާގޮތުން ރާއްޖޭގެ 3 ސަރަޙައްދަކުން އޭރު ބަލި ވަނީ ފެނިފައެވެ. އެއީ ހައްދުންމައްޗާއި، ހުވަދުއަތޮޅު އަދި އައްޑޫއެވެ.
ރާއްޖޭގައި މިބައްޔާ ދެކޮޅަށް ބޭސް ފޯރުކޮށްދީ، އާބާދީ މިބަލިން ރައްކާތެރިކުރުމަށް 2004 ވަނަ އަހަރާއި 2008 ވަނަ އަހަރާއި ދެމެދު ވަނީ މަސައްކަތްކޮށްފައެވެ. ކްލިނިކަލީ ރާއްޖޭގައި މިބަލި ޖެހިފައިވާ މީހަކު އެންމެ ފަހުން ރިޕޯޓުކޮށްފައިވަނީ 2004 ވަނަ އަހަރުގައެވެ. މިއާއެކު މިބަލި ރާއްޖެއިން ނައްތާލެވި އެކަން ކަށަވަރު ކުރުމަށް ކުރެވުނު މަސައްކަތުން 2016 ވަނަ އަހަރު ވަނީ ރާއްޖެއަކީ ފައިލޭރިއާ ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯގެ ފަރާތުން ކަނޑައަޅާފައެވެ.
ރާއްޖޭގައި ބަލިން އަރައިގަތުމަށް ކުރި އެންމެ މުހިއްމު މަސައްކަތަކީ ރާއްޖެއަށް އަންނަ ބިދޭސީންގެ ފަރާތުން ބަލި އެތެރެވުން ހުއްޓުވުމަށް ބޯޑަރާއި ހިސާބުން ބިދޭސީންގެ ހަށިގަނޑުގައި މިބަލި ހުރިތޯ ދެނެގަތުމަށް ހަދަމުން ދިޔަ މެޑިކަލްއެވެ. 2020 ވަނަ އަހަރު ސަރުކާރުން ދެއްވި ލުޔާއެކު މެޑިކަލް ހެދުމާއި ނުލާ ރާއްޖެއަށް ބިދޭސީން އެތެރެކުރުމުގެ ނަތީޖާއަކަށްވެގެން ދިޔައީ މިބަލި ހުރި މީހުން އަނެއްކާވެސް ރާއްޖެއިން ފެނިގެންދިއުމެވެ.
މިފަހުން ރާއްޖެއިން ފައިލޭރިއާގެ ކޭސްތައް ފެނިފައިވަނީ ބައިނަލްއަޤުވާމީ އެއިޑްސް ދުވަހާއި ގުޅިގެން ކުޅުދުއްފުށީގައި ބިދޭސީންނަށް އަމާޒުކޮށް ކުރިއަށްގެންދިޔަ ހެލްތު ސްކްރީނިންގ ޕްރޮގްރާމެއްގެ ތެރެއިންނެވެ. މިހާހިސާބުން ރާއްޖޭގައި މިބަލި އޮތް މިންވަރު ދެނެގަނެ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، އެޗް.ޕީ.އޭއިންވަނީ ފައްޓަވާފައެވެ.
ރާއްޖޭގައި ބިދޭސީން އެންމެ ގިނައިން އުޅޭކަމަށް ރިކޯޑުކުރެވިފައިވާ ސަރަޙައްދުތަކާއި، ކުނީގެ މައްސަލަ އެންމެ ބޮޑު ސަރަޙައްދުތައް ފާހަގަކޮށް، އެ ސަރަޙައްދުތަކުގައި މަސައްކަތްކުރާ މީހުން ސްކްރީން ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މިބަލީގެ ފަރުވާއަށް ބޭނުންކުރާ ބޭހުގެ ތެރޭގައި އައިވަރމެކްޓިންއާއި، ޑައިތަކަރބަމެޒިން އަދި އަލްބެންޑަޒޯލް ހިމެނެއެވެ.
މީގެތެރެއިން މިވަގުތު ބޭނުންވާ ބޭސްތައް ރާއްޖޭގައި ލިބެންހުރިއިރު، ފަރުވާއަށާއި ރައްކާތެރިކަމަށް ބޭނުންވާ ބޭހާއި، ޓެސްޓުކުރެވޭނެ ވަޞީލަތް އިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހަމައެއާއެކު ދިވެހީންގެ ތެރެއިންވެސް ރެންޑަމް ސާމްޕަލްނަގާ، ޓެސްޓުކުރުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ޢާއްމުންނާއި ރާއްޖޭގައި މަސައްކަތްކުރާ އެކި ޤައުމުތަކުގެ މީހުން ހޭލުންތެރިކުރުވުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
މީގެއިތުރުން މިބަލި ޖައްސަނީ މަދިރީގެ ޒަރީއްޔާއިންކަމުގައިވާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށްޓަކައި ސާފުކުރުމުގެ އެކި ޕްރޮގްރާމްތައްވެސް މުޅި ރާއްޖޭގައި އަންނަނީ ހިންގަމުންނެވެ.
ބަލި ރާއްޖެއިން ފެނުނުނަމަވެސް މިބަލި ފެނިފައިވަނީ މުޅިންވެސް ބިދޭސީންގެ ކިބައިން ކަމުގައިވާއިރު އެއީ މުޅިންވެސް އިމްޕޯޓެޑް ކޭސްތައްކަމުން ރާއްޖެއަށް މިބައްޔާއި ގުޅިގެން ލިބިފައިވާފައިވާ ސްޓެޓަސް ބަދަލުވެދާނެކަމަށް ނުބެލެވެއެވެ. އެހެންނަމަވެސް ޙާލަތު އޮތްގޮތުން މިކަމުގެ މަޝްވަރާތައް ޑަބްލިއުއެޗްއޯއާއެކު އަންނަނީ ކުރަމުންނެވެ.