ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ކުރީގެ ރައީސް ޑޮކްޓަރ މުޙައްމަދު ވަހީދު ހަސަން މަނިކާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ރައީސް އޮފީހުގައެވެ. ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ހުރި އިޖުތިމާއީ އަދި ސިޔާސީ މައްސަލަތަކާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.
މީގެ އިތުރުން ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ވެސް ދެބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާވެސް ބައްދަލުކުރައްވާފައެވެ. ރައީސް މައުމޫނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވެސް ޤައުމުގެ އިޖުތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައި ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާވަނީ ފާއިތުވި ހަފުތާ ތެރޭގައި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ އިސް ބޭފުޅުންނާ ވެސް ބައްދަލުކުރައްވާފައެވެ.