ޚަބަރު

ޙައްޖާއި ޢުމްރާއަށްދިއުމަށް ދައްކާ އަގު ކުރިއަށް އޮތްތާނގައި ކުޑަވާނެ: ޑރ.ޝަހީމް


  • ހުރިހާ ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ވަނީ ނިންމާފައި

  • ރާއްޖެއަށް ލިބެނީ 1000 ޙައްޖު ކޯޓާ

  • އިތުރަށް ކޯޓާ ލިބިއްޖެނަމަ ޙައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ޖަމާޢަތްތަކަށް ދޭނެ

ޙައްޖު ކޯޕަރޭޝަނަށް ގެންނަ ހެޔޮ ބަދަލުތަކާއެކު، ޙައްޖާއި އުމްރާއަށް ދިޔުމަށް ދިވެހިން ދައްކާ އަގު ކުޑަވެގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޝަހީމު މިހެން ވިދާޅުވީ، ރާއްޖެއަށް ލިބޭ 1000 ޙައްޖު ކޯޓާ، ޙައްޖު ކޯޕަރޭޝަނާއި، ހަވާލުކުރުމަށް ނިންމާ، އެކަމާއި ގުޅޭ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިއެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދެވެ. ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މިނިންމުމާއެކު ރައްޔިތުންނަށް ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަމަށެެވެ. އަދި މިއީ އަމިއްލަ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅުމަށް އެޅި ފިޔަވަޅެއް ނޫން ކަމަށް ވަޒީރު ވިދާޅުވިއެވެ.

" މިގޮތަށް މިނިންމީ ގިނަ ވިސްނުންތަކަކަށްފަހު، މީގެކުރިން ބައެއް ޖަމާއަތްތަކުން ފައިސާ ނަގައިގެން، ޙައްޖަށް މީހުންނަށް ނުދެވި އެބަހުރި، އަދި ބޮޑު އަގުގައި ޙައްޖު ކޯޓާ ގަނެފައި ވިއްކާފައި އެބަހުރި، އެކަންތައްތަކަށް ވިސްނާފައި މިގޮތަށް މިނިންމީ،" ވަޒީރު ޝަހީމު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރާއްޖެއަށް އިތުރަށް ކޯޓާ ލިބިއްޖެ ނަމަ، މީހުން ޙައްޖަށް ގެންދިޔުމުގެ ފުރުސަތު އަމިއްލަ ޖަމާއަތްތަކަށް ދިނުމުގެ ވިސްނުން އެބަހުރި ކަމަށެވެ. އަދި ޙައްޖު ކޯޕަރޭޝަނަށް ގެންނަ ބަދަލުތަކާއެކު ޙައްޖަށާއި، އުމްރާއަށް ގެންދިޔުމަށް ދައްކާ ފައިސާ މިހާރަށްވުރެ ކުޑަ ކުރެވޭނެ ކަމަށްވެސް ވަޒީރު ޝަހީމު ވިދާޅުވިއެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލު ވިދާޅުވީ، ޙައްޖު ކޯޕަރޭޝަނުން މީހުން ޙައްޖަށް ގެންދިޔުމަށް ނަގާ ފައިސާގެ އަދަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންދާ ކަމަށެވެ.

" މި ދައްކަން ޖެހޭ ފައިސާ ކުޑަކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކުރެވެމުންދަނީ، އެކި ދާއިރާތަކުން އިންވެސްޓުކޮށް، ޙައްޖު ކޯޕަރޭޝަނަށް ލިބޭ އާމްދަނީ އިތުރުކޮށްގެން ނަމަވެސް، ޙައްޖަށްގެންދަން ނަގާ ފައިސާ ކުޑަކުރެވޭނެ ގޮތްތައް ހޯދަމުން މިދަނީ،" ޝަކީލު ވިދާޅުވިއެވެ.

ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް ލިބޭ ކޯޓާ އިތުރުކުރައްވަން މަސައްކަތް ކުރެއްވުމާއި، ޙައްޖާއި ޢުމްރާއާއި ގުޅޭ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެވެ.

ޙައްޖަށް ދިޔުމަށް މިވަގުތު ޙައްޖު ކޯޕަރޭޝަނުގެ ކިޔުގައި 6018 މީހުން ރަޖިސްޓްރީވެފައި އެބަތިއްބެވެ. މީގެތެރެއިން 4706 މީހުން ވަނީ ޙައްޖަށް ދިއުމަށް ދައްކަން ޖެހޭ ފައިސާ އެއްކޮށް ދައްކާފައެވެ.