ކުޅިވަރު

"އަޅުގަނޑުމެން ޚަރަދުކުރާ ފައިސާގެ ތަފުސީލު ބޭނުންވާނެ"


ކުޅިވަރު އިދާރާއިން އެސޯސިއޭޝަންތަކަށް ކުރާ ޚަރަދުތަކު ތަފްސީލު ބޭނުންވާނެ ކަމަށް ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މީގެ ފަހުން ކުޅިވަރު އެސޯސިއޭޝަންތަކަށް ދޫކުރެވޭ ފައިސާއަކީ ވަކިކަމެއް ނޭނގި ޚަރުދުކުރެވޭ ފައިސާއަކަށް ވެގެންނުވާނެ ކަމަށެވެ. އަދި ފައިސާ ޚަރަދު ކުރެވިގެންދިޔައީ ކޮންކަމަކަށްތޯ ވަރަށް ބޮޑަށް ބެލިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވި މިހާރުވެސް ކުރަމުންދާ މަސައްކަތްތަކަށް ބަލާއިރު ކުރިން ކޮށްފައިހުރި ޚަރަދުތަކާއި، ރާއްޖެއިން ބޭރުގައި ޓްރެއިނިން ޕްރޮގްރާމްތަކުގައި ތިބި އެތުލީޓުންނަށް ކުރެވިފައިވާ ޚަރަދުތަކާއި، ކުރަމުންދާ ޚަރަދުތަކަށް ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ.

ކުރިއަށްވުރެ ކުޅިވަރާ ބެހޭ ވުޒާރާގެ އަޅާލުން ވަކި ކުޑައެއް ނުވާނެ ކަމަށާއި، އަމާޒަކީ ކުރިއަށްވުރެ ބޮޑަށް ކުޅިވަރަށް އަޅާލުން ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެންމެ ބޮޑު ބޭނުމަކީ އެހީތެރިކަން ފޯރުކޮށްދީގެން ރާއްޖޭގެ ކުޅިވަރު ކުރިއެރުން ކަމަށާއި، ބޭނުމަކީ އެހީތެރިކަމާއެކު ކުޅިވަރު އެސޯސިއޭޝަންތަކުން ކުރިއެރުން ހޯދުން ކަމަށެވެ. އަދި ވަކި އުސޫލެއްގެ ތެރެއިން މީގެ ފަހުން ފައިސާ ބެހޭ ހުރިހާ ލިޔެކިޔުމެއް ބެލެހެއްޓޭނެ ނިޒާމެއް ގާއިމުކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"
އަޅުގަނޑުމެން ޚަރަދުކުރާ ފައިސާގެ ތަފުސީލު އަޅުގަނޑުމެން ބޭނުންވާނެ. އެއީ ހަމަޔަގީނުންވެސް ވަކި ކަމެއް ނޭނގި ޚަރަދުކުރެވޭ ފައިސާއަކަށް ނުވާނެ. ކޮންކަމަކަށް ޚަރަދުކުރެވުނު ފައިސާއެއްތޯ ބެލިގެންދާނީ.
ޢަބްދުﷲ ރާފިޢު - ކުޅިވަރާ ބެހޭ ވަޒީރު

ސަރުކާރުގެ މާލީ އެހީއަށް މަދު ކުލަބެއް ފިޔަވައި ހުރިހާ ކުލަބު ޖަމުޢިއްޔާއަކާއި އެސޯސިއޭޝަންތައް ބަރޯސާވާން ޖެހެއެވެ. ނަތީޖާއެއްގެ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެ ހިންދެމިލެވޭވަރުގެ ކުލަބުތައް ރާއްޖޭގައި މަދުވުމުގެ ސަބަބުން، ކުޅިވަރުގެ ދާއިރާ ކުރިއެރުމަށް ހުރަސް އެޅިފައިވާކަން މީގެ ކުރިން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.