ޚަބަރު

ތިން މީހަކަށް ފައިސާ ދޭން އަލްހާންގެ ކުންފުންޏަށް ހުކުމް ކޮށްފި


  • ކިންގްސް ކެޕިޓަލް ހޯލްޑިންގސްއަކީ އަލްހާނު އިސްވެ ހުންނަވާ އުފެއްދި ކުންފުންޏެއް

  • އެ ކުންފުންޏާ ދެކޮޅަށް ޕީޖީން ވެސް ވަނީ ދައުވާކޮށްފައި

  • ތިން މީހަކަށް ޖުމްލަ 730،250 ރުފިޔާ ދިނުމަށް ވަނީ ހުކުމް ކޮށްފައި

ފޮރެކްސް ޓްރޭޑްކުރުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ފައިސާ ނަގައިގެން ޕޮންޒީ ސްކީމެއް ހިންގިކަމަށް ތުހުމަތުވާ "ކިންގްސް ކެޕިޓަލް ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް"ގެ މައްޗަށް ތިން މީހަކަށް ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓަށް ތިން މީހަކު ވަކިން ހުށަހަޅާފައިވާ މައްސަލަތަކުގައި ޖުމްލަ 730،250 (ހަތްލައްކަ ތިރީސް ހާސް ދުއިސައްތަ ފަންސާސް) ރުފިޔާ އެ ތިން މީހުންނަށް ދިނުމަށް ކޯޓުން ވަނީ ކިންގްސް ކުންފުންޏަށް ހުކުމް ކޮށްފައެވެ.

މި ތިން މައްސަލައިގެ ތެރެއިން އެއް މައްސަލައިގައި ދައުވާ ކުރި ފަރާތުން ހޯދަން އެދުނު 485،000 ރުފިޔާ އާއި ޝަރީއަތުގެ ޚަރަދަށްވާ 72،750 ރުފިޔާއާއެކު ޖުމްލަ 557،750 ރުފިޔާ ދިނުމަށް ކޯޓުން ހުކުމް ކުރިއެވެ. އަދި ދެވަނަ މައްސަލައިގައި ޖުމްލަ 57،000 ރުފިޔާ ދިނުމަށް ހުކުމް ކޮށްފައިވާއިރު ތިންވަނަ މައްސަލައިގައި ދައުވާ ހުށަހެޅި ފަރާތަށް 115،000 ރުފިޔާ ދިނުމަށް އެ ކޯޓުން ވަނީ ކިންގްސް ކުންފުނީގެ މައްޗަށް ހުކުމް ކޮށްފައެވެ.

ކިންގްސް ކުންފުނީގެ ހިއްސާދާރުންގެ ޣައިރު ހާޒިރުގައި ކުރި މި ހުކުމުގެ ދަށުން އެ ކުންފުނިން ދައްކަން ޖެހޭ ފައިސާ 25 ޑިސެމްބަރ 2023 އިން ފެށިގެން 15 ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދެއްކުމަށް ވަނީ އަންގާފައެވެ.

ސިވިލް ކޯޓުން ބުނީ މި މައްސަލައާ ގުޅިގެން ދައުވާގެ ލިޔެކިޔުންތައް މި މަހުގެ ތިން ވަނަ ދުވަހު ކިންގްސް ކުންފުންޏަށް ރައްދު ކުރި ނަމަވެސް ދީފައިވާ މުއްދަތުގައި އެ ކުންފުނިން ރައްދު ދީފައި ނުވާ ކަމަށެވެ. ކޯޓުން އެ ކުންފުނީގެ ޣައިރު ހާޒިރުގައި ހުކުމް ކޮށްފައިވަނީ ދީފައިވާ މުއްދަތުގައި ކިންގްސް ކުންފުނިން ދައުވާއަށް ރައްދު ދީފައިނުވާތީއެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގސްއަކީ އަލްހާނު ފަހުމީ އިސްވެ ހުންނަވާ އުފެއްދި ކުންފުންޏެކެވެ. އަލްހާންވެސް ހިމެނޭހެން އެކުންފުނީގެ 3 ހިއްސާދާރުންގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވެސް ވަނީ ދައުވާކޮށްފައެވެ. ދަޢުވާކޮށްފައިވަނީ އެކުންފުނިން އާންމުންނަށް ހުޅުވާލައިގެން އިންވެސްޓްމަންޓް ސްކީމެއް ތަޢާރަފްކޮށް އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައިގެން، މަކަރާ ޙީލަތުން ގިނަ ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ހޯދާ އެ ފައިސާ ލޯންޑަރކޮށްފައިވާ މައްސަލައިގައެވެ.