ޚަބަރު

"ބިންގާ އެޅުނު ސްކޫލާއެކު މި ފެށުނީ ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތް"


  • އަލަށް ބިންގާ އެޅި މި ސްކޫލަކީ 1700 ކުދިންގެ ޖާގައިގެ ސްކޫލެއް

  • ޒަމާނީ ވަޞީލަތްތަކާއެކު 54 ކްލާސް ރޫމް ހިމެނޭނެ

  • އަމާޒަކީ 18 މަސް ދުވަހުން މަސައްކަތް ނިންމާލުން

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަލަށް ބިންގާ އެޅުނު ސްކޫލާއެކު ފެށިގެން މިދިޔައީ ހުޅުމާލޭ ދެވަނަ ފިޔަވަހި ތަރައްޤީކުރުމުގެ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ޢިމާރާތްކުރާ ސްކޫލުގެ ބިންގާ އަޅުއްވާދެއްވާ، ދެއްކެވި ވާހަކަފުޅުގައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ކައިރީ ޢިމާރާތްކުރާ މި ސްކޫލަކީ 1700 ކުދިންގެ ޖާގައިގެ ސްކޫލެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޤައުމު ބިނާކުރުމަށް ކިތަންމެ އުސްކޮށްވެސް ޢިމާރާތްތައް ހެދިދާނެކަމަށާއި، އެހެންނަމަވެސް ސިކުނޑިތައް ތަރައްޤީނުކުރެވޭނަމަ، އެ ގެނެވޭ ތަރައްޤީގެ ފައިދާ އެންމެ ހެޔޮގޮތުގައި ނުކުރާނެކަމަށެވެ. އަދި ތަޢުލީމަކީ ހެޔޮގޮތުގައި ނުދެވިއްޖެނަމަ އޭގެ ހިތާމަ މުޅި ޤައުމަށް ކުރާނެކަމެއްކަމުން، ތަޢުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ މި ސަރުކާރުގައި މަހެއްހާ ދުވަސް، 6 އެއްކަށް ހަފްތާ މިވީއިރުގައި އެންމެ ފުރަތަމަ ޢިމާރާތެއް ބިނާކުރުމަށްޓަކާ އަޅުގަނޑުމެން ގަސްތުކުރީ ތަޢުލީމަށް ބިނާކުރެވޭ ޢިމާރާތަކަށް ހަދަން. އެގޮތުން ވަރަށް އުފާކުރަން މިއަދު މިތަނުގައި މި ޢީމާރާތް 1700 އެއްހާ ކުދިންނަށް ކިޔަވައިދެވޭގޮތަށް ބައްޓަންކުރެވޭ މި ޢިމާރާތް އެޅުމުގެ މަސައްކަތް ފެށޭތީ." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިއަދު އަލަށް ބިންގާ އެޅިގެން މިދިޔަ ސްކޫލަކީ ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން ތަޢުލީމާބެހޭ ވުޒާރާއާއި އާރް.ސީ.ސީ ގުޅިގެން ހިންގާ މަޝްރޫޢެއްކަމަށެވެ. އަދި އުއްމީދަކީ މިފެށޭ ޖަނަވަރީމަހު ފައުންޑޭޝަންގެ މަސައްކަތްތައް ފަށާ، ގިނަވެގެން 18 މަސް ދުވަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމާލުންކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަށްސަކީ މީގެކުރިން މާބޮޑު އަޅާލުމެއް ދެވިފައިނުވާ ސަރަޙައްދެއްކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، މި ސްކޫލާއެކު މިއަދު މި އެޅިގެންދިޔައީ މި ސަރަޙައްދު ތަރައްޤީކުރުމުގެ ބިންގާކަމަށެވެ.

"މިއަދު މި އެޅިގެން މިދިޔަ ބިންގާއަކީ އޭގެ ހުރިހާ މާނައެއްގެ އިރާދަކުރެއްވިއްޔާ މި ސަރަޙައްދު ދެވަނަ ފިޔަވަހީގެ މި ސަރަޙައްދު ތަރައްޤީކުރުމުގެ ބިންގާ. ޕާކުތަކާއި، މައިދާންތަކާއި، އެކިއެކި އިޖްތިމާޢީ އެކި ކަހަލަ ބޭނުންތަކަށް ބިނާކުރެވޭ ޢިމާރާތްތަކާއި، އަދި ޢިޤްތިޞާދީ އެކިއެކި ބޭނުންތަކަށް ތަރައްޤީކުރެވޭ ތަންތަނާއި މިހުރިހާކަމެއް ހިމެނިގެންދާގޮތަށް އިރާދަކުރެއްވިއްޔާ މިތަނުގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ފުރިހަމަކަން ގެނެސްދިނުމަކީ އަޅުގަނޑުމެންގެ މުހިންމު ސިޔާސަތެއް." ރައީސް ވިދާޅުވިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަށްސަކީ އެތަނުގައި ދިރިއުޅޭ ފަރާތްތަކަށް ހިތްފަސޭހަތަނަކަށް ހަދައިދޭނެކަމަށް އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ހިޔާ ޓަވަރުތަކުގެ ލިފްޓްތައް އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކާގުޅޭގޮތުންވެސް މި ރަސްމިއްޔާތުގައި ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން ހިޔާ ޓަވަރުތަކުގައި 2 ލިފްޓް އިތުރަށް ހަރުކުރުމަށް ނިންމާފައިވާގޮތަށް އެކަމަށް ބޭނުންވާ ނިންމުންތައް ނިންމާ އެގްރީމެންޓްތައް ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހަފްތާ-14 ގެ ތެރޭގައި ތާވަލުކުރެވުނު ގޮތަށް އެ މަސައްކަތް ފެށިގެންދާނެކަމަށާއި ގެދޮރޮވެރިކަމަށް ދެންވެސްހުރި ދަތިތަކަށް ހައްލު ހޯދުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ތަޢުލީމީ ދާއިރާއިން އިންފްރާސްޓްރަކްޗަރ ބިނާކުރުމަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަށާފައި ނުނިމި ގިނަ މަޝްރޫޢުތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން އަންނަ އަހަރާއެކު އެ މަޝްރޫޢުތައް ބާރު ދުވެލީގައި ނިންމާ، ތަޢުލީމީ ނިޒާމު އިތުރަށް ވަރުގަދަކުރުމަށް ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތްކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ ތަޢުލީމީ ދާއިރާއަށް ބޭނުންވާ ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމުގެ އިތުރުން ފެންވަރު ރަނގަޅު ހުނަރުވެރި ދިވެހި ޓީޗަރުން ބިނާކުރުމަކީވެސް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން ކުރައްވާނެ މަސައްކަތެއްކަމަށް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި ހުރިހާ މާނައެއްގައި ދިވެހި ޤައުމުދެކެ ލޯބިވާ، ޤައުމިއްޔަތު ހިތުގެ ތެރޭގައި ފުންކޮށް ބިންވަޅު ނެގިފައިވާ ޖީލެއް ބިނާވެގެންދިއުމަކީ އެމަނިކުފާނުގެ ތަޞައްވުރެއްކަމަށްވެސް ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.