ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ބިނާކުރައްވާ ފުރަތަމަ ސްކޫލްގެ ބިންގާ އަޅުއްވައިފި


  • މިއީ 1700 ކުދިންގެ ޖާގައިގެ ސްކޫލެއް

  • ކީސްޓޭޖް 1 އިން 4 އަކަށް ކިޔަވައިދޭނެ

  • 54 ކްލާސްރޫމް ހުންނާނެ

  • އަމާޒަކީ 18 މަސް ދުވަހުން ނިންމުން

ހުޅުމާލޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ ގޮތުން ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ސްކޫލްތަކުގެ ތެރެއިން އަޅާ ފުރަތަމަ ސްކޫލްގެ ބިންގާ އަޅައިފިއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ މި ސްކޫލްގެ ބިންގާ އަޅުއްވާދެއްވީ އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިޔްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ހުޅުމާލެ ދެވަނަ ފިިޔަވަހީގައި ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އަކާއި ހަމައަކަށް ކިޔަވައި ދިނުމަށް ތަރައްޤީކޮށްފައިވަނީ އެންމެ ސްކޫލްއެކެވެ. އެއީ ޞަލާޙުއްދީން ސްކޫލެވެ. އެހެންނަމަވެސް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ އާބާދީ އިތުރުވެ، އެ ސްކޫލްއިން ޖާގަ ލިބުންދަތިވުމާއި، ދިގު ދަތުރެއް ކުރުމަށްފަހު ސްކޫލަށް ދާން ޖެހެނީ ހުޅުމާލެ ފުރަތަމަ ފިޔަވަހި ނުވަތަ މާލެއަށެވެ.

މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން ސަރުކާރުން މިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ހިމެނޭ ސަރަހައްދުގައި އިތުރު ސްކޫލެއް އެޅުމުގެ މަސައްކަތް ފަށާފައެވެ. މި ސްކޫލަކީ ގްރޭޑް 1 އިން ފެށިގެން ގްރޭޑް 10 އަކާއި ހަމައަށް ކިޔަވައިދޭނެ ސްކޫލެކެވެ.

މިއީ 54 ކްލާސްރޫމާއި، ހޯލާއި، ސްކޫލްތަކުގައި ހިމެނޭ އެހެނިހެން ވަޞީލަތްތަކުގެ އިތުރުން ކުޅިވަރު ކުޅެވޭނެ ޓާފްދަނޑެއް ހިމެނޭހެން ޢިމާރާތްކުރެވޭ ސްކޫލެޖެވެ. އަަދި މިއީ ގާތްގަނޑަކަށް 1700 ދަރިވަރުންގެ ޖަގައިގެ ސްކޫލްއެކެވެ.

މި ސްކޫލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ތަޢުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވަނީ ހުޅުމާލޭގެ ސްކޫލްތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ބަހުގައި ދިގު ދަތުރެއް ކުރުމަށްފަހު ފޭސް 1 ނުވަތަ މާލެއަށް އަންނަން ޖެހުމަކީ ދަރިވަރުންނާއި ބެލެނިވެރިންނަށްވެސް ބޮޑު ތަކުލީފެއްކަން ފާހަގަކުރައްވާފައެވެ.

ވަޒީރު ވިދާޅުވީ، ފާއިތުވެ ދިޔަ ދުވަސްތަކުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންގެ އެ ތަކުލީފަށް އެކަށީގެންވާ ސަމާލުކަމެއް ދެވިފައިނުވާކަމަށެވެ.

ނަމަވެސް އަލަށް އިމާރާތް ކުރާ ސްކޫލުން މިހާރު ދިމާވަމުން އަންނަ އުނދަގޫތަކުން ލުޔެއް ލިބި އެކަށީގެންވާ ވަޞީލަތްތަކާއި ޓެކްނޮލަޖީގެ އެހީގައި ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން ކަށަވަރުކުރައްވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ތަންފީޒްކުރުމަށް ކަނޑައަޅާފައިވަނީ ތަޢުލީމީ ވަރަށް މުހިއްމު ޕޮލިސީތަކެއް. އޭގެ ތެރޭގައި ރާއްޖޭގައި ތަޢުލީމް ފޯރުކޮށްދިނުމުގައި ދިވެހި މުދައްރިސުން ބިނާކުރުމުގެ ޚާއްސަ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްގެންދާނަން. އަދި ޤައުމިއްޔާތުގެ މާއްދާ ކަރިކިއުލަމްގައި ހިމަނަ ދިވެހި ކޮންމެ ދަރިވަރަކީ ދިވެހި ޤައުމުދެކެ ލޯބިވާ ދިވެހި ވަޠަން ދެކެ ލޯބިވާ ދަރިނަތަކަކަށް ހެދުމަކީ ރައީސްގެ ވިސްނުންފުނު. ރާޢްޖޭގައި ފެށިގެން މިދަނީ ތަޢުލީމީ އައު ފަލްސަފާއެއް." ތައުލީމީ ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.

މި ސްކޫލް އިމާރާތް ކުރަނީ ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން އާރު.ސީ.ސީއާ ޙަވާލުކޮށްގެންނެވެ. މި ސްކޫލްގެ އަމަލީ މަސައްކަތް އަންނަ މަހުގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ 18 މަސްދުވުގެ ތެރޭގައެވެ.

ސްކޫލް ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވަނީ ޚާއްސަ ފްރޭމެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވެދުމަށް އަރުވާފައެވެ. މި ފްރޭމް އެރުވީ ސަލާޙުއްދީން ސްކޫލްގެ ދަރިވަރުންނާއި ކާމިލް ދީދީ ޕްރީ ސްކޫލްގެ ދަރިވަރުންނެވެ.