ޚަބަރު

23 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް އިފްތިތާޙުކޮށްފި


  • މި ކޭމްޕް ކުރިއަށްދާނީ މިމަހު 24 އިން ފެށިގެން ޖަނަވަރީ 3 އަކަށް

  • 42 ސްކޫލަކުން، ޖުމްލަ 120 ދަރިވަރުން ބައިވެރިވޭ

  • ކޭމްޕް ކުރިއަށްދާނީ ކ. ގިރިފުށީގައި

23 ވަނަ ޤައުމީ ކެޑޭޓް ކޭމްޕް ކ. ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި އިފްތިތާޙުކޮށްފިއެވެ.

މި ކޭމްޕު އިފްތިތާޙުކުރުމުގެގޮތުން ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް މެރިން ކޯގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސް އެވެ.

މިމަހު 24 އިން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ކޭމްޕުގައި ރާއްޖޭގެ އެކިކަން ކޮޅުތަކުން 42 ސްކޫލަކުން، ޖުމްލަ 120 ދަރިވަރުން ބައިވެރިވެއެވެ. މީގެ ތެރޭގައި 80 ފިރިހެން ދަރިވަރުންނާއި، 40 އަންހެން ދަރިވަރުން ބައިވެރިވެއެވެ.

ކޭމްޕް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސް ދެއްކެވި ވާހަކަފުޅުގައި އޭނާ ވަނީ ކެޑޭޓް ކޭމްޕުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދަރިވަރުންނަށް މަރުޙަބާ ދަންނަވާފައެވެ. އަދި ކޮންމެ ދަރިވަރަކުވެސް ހިތްވަރާއެކު މަސައްކަތްކޮށް، ކޭމްޕްގައި އުނގަންނައިދޭ އިލްމާއި ހުނަރުގެ ބޭނުން އަމަލީ މައިދާނުގައި ހިފުމަށް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.

މި ރަސްމިއްޔާތުގައި، ކޭމްޕުގެ މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ކެޑޭޓް ކޭމްޕުގެ ޗީފް އިންސްޓްރަކްޓަރ ކެޕްޓަން މުޙައްމަދު ހުޝާމު މޫސާއެވެ. އަދި ދަރިވަރުންނަށް އިޤުރާރު ލައިދެއްވީ ކޭމްޕުގެ ސީނިއަރ އެންލިސްޓެޑް ލީޑަރ ސާޖަންޓް މޭޖަރ މުޙައްމަދު ޒުލާލެވެ.

މި ކެޑޭޓް ކޭމްޕްގައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ޑްރިލް، ފިޒިކަލް ޓްރޭނިންގ، ވޯޓަރމަންޝިޕް، ފަސްޓްއެއިޑް، ވެޕަން ހޭންޑްލިންގ، ބޭސިކް ފީލްޑްކްރާފްޓް، ބޭސިކް ފަޔަރ ފައިޓީންގ، ލީޑަރޝިޕް އަދި މެރިޓައިމް ސްޓަޑީޒް ހިމެނެ އެވެ. މި ކޭމްޕްގައި ކިޔަވާދެއްވަނީ އެމްއެންޑީއެފްގެ މުދައްރިބުންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް ކޭމްޕުގެ ހުރިހާ އެޑްމިނިސްޓްރޭޓިވް އަދި ލޮޖިސްޓިކް ކަންކަން ހަމަޖައްސަނީ އެމްއެންޑީއެފްގެ ފަރާތުންނެވެ. ސްކޫލްތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ ކަންކަން މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ލަފަޔާއި އިރުޝާދުގެ މަތިން ހަމަޖައްސަނީ މޯލްޑިވްސް ނެޝަނަލް ކެޑޭޓް ކޯއެވެ. އަދި ކޭމްޕުގެ މުއްދަތުގައި އެމްއެންސީސީ ގެ ފަރާތުން އެކަމަށް ކަނޑައެޅޭ މުދައްރިބުން ގިރިފުށީގައި ހަރަކާތްތެރިވާނެ އެވެ.

ކޭޑޭޓް ކޭމްޕަކީ، ކޭމްޕުގައި ބައިވެރިވާ ކޮންމެ ކެޑޭޓަކީވެސް މުޖްތަމައަށް ފާއިދާހުރި އަދި ދިމާވާ އެކިއެކި ހާދިސާތަކުގައި ރޭވުންތެރިކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރި ޒިންމާދާރު ރައްޔިތަކަށް ހެދުމަށް އަމާޒުކޮށް ހިންގާ ކޭމްޕެކެވެ.

މި ކޭމްޕުގެ ތެރޭގައި ދަރިވަރުންގެ މެދުގައި އެކުވެރިމާއި އެއްބައިވަންތަކަމުގެ ރޫހް އާލާކުރުމާއި، ހަރުދަނާ އަޚުލާގާއި ރިވެތި ސުލޫކެއްގެ ވެރި ބައެއްގެ ގޮތުގައި ބިނާކުރުމާއި، ކެޑޭޓުންގެ މެދުގައި ދީނީ އަދި ޤައުމީ ރޫޙު އާލާކޮށް ދިރުވުމާއި، ޤާނޫނާއި ޤަވާޢިދަށް ހުރުމަތްތެރިކޮށް ހިތުމުގެ މުހިންމުކަން އަންގައިދިނުމަށް ތަފާތު ހަރަކާތްތައް ކުރިއަށްގެންދެއެވެ.