ކުޅިވަރު

އޭޝިއާގެ އިންޑޯ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނީ ސާއިދާއި ފަސޫހާ


އީރާނުގެ ތެހެރާނުގައި އަންނަ އަަހަރު ބާއްވާ 11 ވަނަ އޭޝިއާގެ އިންޑޯ ގޭމްސްގައި ރާއްޖެ ތަމްސީލުކުރާނެ އެތުލީޓުންނަށް ހަސަން ސާއިދާއި ފަސޫހާ އަޙްމަދު ހޮވައިފިއެވެ.

މުބާރާތް ކުރިއަށްދާނީ ފެބްރުއަރީ މަހުގެ 17-19 އަށެވެ. ރާއްޖެއިން ވާދަކުރާ އެތުލީޓުން ހޮވާފައިވަނީ ދާދިފަހުން ނިމުނު ފަސްވަނަ ގައުމީ ގްރޯން ޕްރީގެ ނަތީޖާތަކަށް ބެލުމަށްފަހުއެވެ.

ސާއިދު ވަނީ މި އަހަރުގެ ގްރޯން ޕްރީގައި ވާދަކޮށް 100 މީޓަރު ދުވުން 10.73 ސިކުންތު އަދި 200 މީޓަރު ދުވުން 22.04 ސިކުންތުން ނިންމާފައެވެ. ރަން މެޑަލް ހޯދައިފަ އެވެ.

އެ ގޮތުން، ފިރިހެނުންގެ 100 މީޓަރު ދުވުމުން ސާއިދު އެއްވަނަ ހޯދި ޓައިިމިންއަކީ 10.73 ސިކުންތެވެ. އަދި 200 މީޓަރު ދުވުމުގެ ރޭހުގައި ސާއިދު އިވެންޓް ނިންމީ 22.04 ސިކުންތުންނެވެ. ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދު މީގެ ކުރިން ވަނީ އޭޝިއާ އާއި ދުނިޔޭގެ އިންޑޯ މުބާރާތުގައިވެސް ވާދަކޮށްފައެވެ.

ގްރޯން ޕްރީގެ މި ފަހަރުގެ އެންމެ މޮޅު އަންހެން އެތުލީޓަކަށް ހޮވުނު ފަސޫހާ ވަނީ ގައުމީ ދެ ރިކޯޑެއް ގާއިމުކޮށްފައެވެ. އެގޮތުން ފަސޫހާ ވަނީ މުބާރާތުގެ ފުރަތަމަ ދުވަހު ރާއްޖޭގެ އަންހެނުންގެ 1500 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު މުގުރާލައެވެ. ގްރޯން ޕްރީގެ 1500 މީޓަރު ރޭސް ފަސޫހާ ނިންމީ ފަސް މިނެޓު 4.02 ސިކުންތުންނެވެ. މި ރިކޯޑު މީގެ ކުރިން އޮތީ އައިޝަތު ޖާއިޝާ ޖުނީޒްގެ އަތުގައެވެ.

ފަސޫހާ ވަނީ މުބާރާތުގެ ދެވަނަ ދުވަހު އަންހެނުންގެ 800 މީޓަރު ދުވުމުން އެއްވަނަ ހޯދައި، ގައުމީ ރިކޯޑާއި މީޓު ރިކޯޑު އައުކޮށްފައެވެ. މީޓް ރިކޯޑު މީގެކުރިން އޮތީ ޖާއިޝާގެ އަތުގައެވެ. އެއީ ދެ މިނެޓު 28.97 ސިކުންތުން ނިންމައިގެންނެވެ. މި އަހަރުގެ ގްރޯން ޕްރީގައި ވާދަކޮށް ފަސޫހާ މި ރިކޯޑު މުގުރާލީ ދެ މިނެޓު 19.73 ސިކުންތުން ނިންމައިގެންނެވެ. 800 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު މީގެކުރިންވެސް އޮތީ ފަސޫހާ އަތުގައެވެ. އެއީ ދެ މިނެޓު 20.66 ސިކުންތުން ނިންމައިގެންނެވެ.