ޚަބަރު

ހިތި ހަނދާންތަކެއް، ނަމަވެސް އެއްބައިވަންތަވުމުގައި ދިވެހިން ނަމޫނާ ދެއްކި ދުވަހެއް!


  • ސުނާމީ ކާރިޘާއަށް މިއަދަށް 19 އަހަރު

  • ދިވެހިންގެ ތެރެއިން 82 މީހަކު ނިޔާވެ، 26 މީހަކު ގެއްލުނު

  • 4 ރަށެއް އެއްކޮށް ސުންނާފަތިވި

  • މިއީ ދިވެހިން އާދަޔާ ޚިލާފު ހިތްވަރެއް ދެއްކި ދުވަހެއް

ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރަނީ، ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިޘާގެ ހަނދާން އާކޮށް ދިވެހިން އެދުވަހު ދެއްކި އެއްބައިވަންތަކާމުގެ އާދަޔާ ޚިލާފު ރީތި ނަމޫނާގެ ހަނދާން އާކުރާ ދުވަހުގެ ގޮތުގައެވެ.

ސުނާމީ ކާރިޘާއަށް މިއަދު 19 އަހަރު ފުރޭއިރު، އެ ދުވަހުގެ އެ ބިރުވެރި މަންޒަރުތަކާއި އަޑުތައް އިއްޔެވީކަމެއްހެން ދިވެހިންގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ.

2004 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 26 ވަނަ ދުވަހު އިންޑޮނޭޝިއާގެ ސުމަޓްރާގެ ކަނޑު އަޑިއަށް އައި ރިކްޓަރ މިންގަނޑުން 9.1 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ގުޑުންތައް 8 މިނިޓާއި 10 މިނިޓާއި ދެމެދަށް ދެމިގެން ދިޔައިރު، މިބިން ހެލުމުގައި މުޅި ދުނިޔެ ވައިބްރޭޓްވިއެވެ.

ރާއްޖޭގެ ގަޑިން 5:58 ގައި އައި ބިންހެލުމާއި ގުޅިން ސުނާމީގެ ބިޔަރާޅުތައް އުފެދުނެވެ. އެ ރާޅުތަކުގެ އުސްމިނުގައި 50 ފޫޓާއި 160 ފޫޓާއި ދެމެދުގެ އުސްމިން ހުރި އިރު ރާއްޖެއަށް ސުނާމީގެ ރާޅުތައް އަރަންފެށީ ހެނދުނު 9:20 ގައެވެ.

އެހާތަނަށް ވެސް ދިވެހިންގެ ތެރެއިން ގިނަ ބަޔަކަށް ސުނާމީ އަކީ ކޮބައިކަން އެނގިފައި ނުވާތީ، އެތައް ބަޔަކު ތިބީ ވާނުވާގޮތެއް ނޭނގިފައެވެ.

ރާއްޖެއަށް އެރި ސުނާމީގެ ބިޔަ ރާޅުތަކަކީ ދިވެހި އެތައް އާއިލާއެއްގެ ދިރިއުޅުން މުޅިން ސުންނާފަތިކޮށްލި ބިރުވެރި ރާޅުތަކެކެވެ. މި ބިރުވެރި ކާރިޘާގައި ދިވެހިންގެ ތެރެއިން 82 މީހަކު ނިޔާވެ، 26 މީހަކު ވަނީ ގެއްލިފައެވެ. 23 ރަށަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އޭގެ ތެރެއިން 4 ރަށެއް އެއްކޮށް ސުންނާފަތިވިއެވެ. 15000 މީހުންގެ ގެދޮރުގެއްލި، 13 ރަށަކުން މީހުން ހުސްކޮށް، އެހެން ރަށްރަށަށް ބަދަލުކުރަން ޖެހުނެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް ސުނާމީގެ އަސަރު ކުރިއެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އާރާސްތުކުރި މުޅި ދިރިއުޅުން ބަލަބަލަ ތިއްބައި ސުނާމީގެ ބިޔަ ރާޅުގެ ތެރޭގައި ސުންނާފަތިވެ މުޅި ދިރިއުޅުން އަލުން ފަށަން އެތައް އާއިލާއަކަށް މަޖުބޫރުވިއެވެ.

ޢުމްރާނީ އެތައް ވަޞީލަތްތަކެއް ބިމާ ހަމަވެ، އިޤްތިޞާދީގޮތުންވެސް ޤައުމަށް ފޫނުބެދޭވަރުގެ ގެއްލުންތަކެއް ލިބުނެވެ. ތަރައްޤީގައި
އެތައް އަހަރެއް ފަހަތައްޖެހި، މުޅި ޤައުމު އެއްކޮށް ހުއްޓުމަކަށް އައެވެ.

މި ހިތާމަވެރި ކާރިޘާގެ ހަނދާން ދިވެހިން މިއަދު އާކުރަނީ ފަހުގެ ތާރީޚެއްގައި އެއްބައިވަންތަކަމުގެ ރީތި ނަމޫނާ ދިވެހިންދެއްކި ދުވަހުގެ ގޮތުގައެވެ.

26 ޑިސެމްބަރ 2004ވަނަ ދުވަހު ދިވެހިންގެ ފަރާތުން ފެނިގެންދިޔައީ އެކުވެރިކަމާއި، އެއްބައިވަންތަކުގެ އާދަޔާޚިލާފު ނަމޫނާއެވެ. ބަޔަކު އެހީދޭނެ އިރެއްގެ އިންތިޒާރުގައި ތިބުމުގެ ބަދަލުގައި، އެކަކުއަނެކަކަށް ވަގުތުންވަގުތަށް ދެވެންއޮތް އެހީއެއް ދޭންފެށިއެވެ. ބޮޑެތި ގެއްލުންތައްވި ރަށްރަށަށް މަސްދޯނިތަކާއި، ބޯޓްތަކުގައި އެހީގެތަކެތި ހިފައިގެން ދަތުރުކުރިއެވެ.

ސުންނާފަތިވެފައިވާ ގޭގެއާއި، އެހީބޭނުންވާ މީހުންނަށް އެހީތެރިވާންފެށީ މަޖުބޫރުކަމެއްނެތި ހިތުންރުހުމުންނެވެ. މިއަދު މި ދުވަހުގެ ހަންދާން އަޅުގަނޑުމެން މި އާކުރަނީ ދިވެހިން ދެއްކި އެއްބައިވަންތަކަމުގެ ރީތި ނަމޫނާގެ ހަނދާން އާކުރަމުންނެވެ.

ސުނާމީ ކާރިޘާގައި ދިވެހިން ދައްކުވައިދިން އެއްބައިވަންތަކަމުގެ ރީތި ނަމޫނާ ފާހަގަކޮށް، އެހަނދާން އާކުރުމުގެ ގޮތުން 2005ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެވެސް ޑިސެމްބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ދިވެހިންގެ
އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

މިފަދަ ދުވަހެއް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ ސުނާމީގައި އަޅުގަނޑުމެންނާ ވަކިވެގެންދިޔަ ލޮބުވެތި އަޚުންނާއި، އުޚްތުންގެ ހަނދާންތައް އައު ކުރުމުގެ އިތުރުން، ދިވެހިން އެދުވަހު ސާބިތުކޮށްދިން އެކުވެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބައެއްވަންތަކުގެ މަތިވެރި ރޫޙު ދިރުވައި އާލާކުރުމެވެ.

ދިވެހިންނަކީ ޒަމާނުއްސުރެވެސް އެކުވެރި، ބަދަހުގުޅުމެއް ބާއްވަމުން އަންނަބައެކެވެ. ރާއްޖެއަށް ދިމާވާ ކޮންމެކަމެއްގައި އެއްބައިވަންތައްކަމުގެ ރީތި ނަމޫނާ ދިވެހިން ދައްކައެވެ.

ކުޑަ ޤައުމެއްނަމަވެސް، މިނިވަން މި ދައުލަތުގެ ސިޔާސަތާއި މިނިވަންކަމުގެ އަސްލަކީ ދިވެހިންގެ ދީނާއި، ދިވެހިންގެ މެދުގައި މިއޮތް އެއްބައިވަންތަކާއި، އަޚްވަންތަކަމުގެ ރޫޙެވެ. މި އެއްބައިވަންތަކަމާއި އަޚްވަންތަކަމުގެ މިސާލު ކޮންމެ ދުވަހަކު ދައްކާ ބައެއް ކަމުގައި އަޅުގަނޑުމެން ވާންއެބަޖެހެއެވެ.