ޚަބަރު

މާރޗުމަހު ރާއްޖޭގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފަށްޓަވަން ނިންމަވައިފި


  • މިޚިދުމަތް ކުރިއަށްގެންދާނީ ހެލްތު މިނިސްޓްރީއާ އައިލެންޑު އޭވިއޭޝަން ގުޅިގެން

  • ޚިދުމަތް ފެށުމަށްޓަކައި 2 އެއަރ އެމްބިއުލަންސެއް ބޭނުންކުރާނެ

މާރޗުމަހުގެ އެއްވަނަ ދުވަހުން ފެށިގެން ރާއްޖޭގައި އެއަރ އެމްބިއުލަންސްގެ ޚިދުމަތް ފެށުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވައިފިއެވެ.

ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާ ނިންމެވުންތަކާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ މިޚިދުމަތް ރާއްޖޭގައި ދޭން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ފެށުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މި ޚިދުމަތް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް ހެލްތާއި އައިލެންޑު އޭވިއޭޝަން ގުޅިގެން ކަމަށް ޢަބްދުﷲ ނާޡިމް ވިދާޅުވިއެވެ.

އެއަރ އެމްބިއުލަންސްގެ ޚިދުމަތް ރާއްޖޭގައި ދޭން ފެށުމަށްޓަކައި 2 އެއަރ އެމްބިއުލަންސެއް މިޚިދުމަތުގައި ބޭނުންކުރުމަށް ނިންމާފައިވާ ކަމަށް ނާޡިމް ވިދާޅުވިއެވެ.

“ މިމަޝްރޫޢު ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ހެލްތު މިނިސްޓްރީގެ ދަށުން އިމަރޖެންސީ އެމްބިއުލަންސްގެ ޚިދުމަތް ދިނުމަށް ގާއިމްކޮށްފައިވާ ޑިޕާޓްމަންޓުން،" ނާޡިމް ވިދާޅުވިއެވެ.

ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކޮށް ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އެގޮތުން ޞިއްޙީ ދާއިރާއަށް އެއަރ އެންބިއުލަންސްގެ ޚިދުމަތްތައް ފެށުމަކީވެސް އެމަނިކުފާނު ޚާއްޞަ އިސްކަމެއްދެއްވައިގެން ކުރައްވަން ނިންމަވާފައިވާކަމެކެވެ.

ޞިއްހަތާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މީގެކުރިން ވިދާޅުވެފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މި ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަށައި، ރައްޔިތުންނަށް ލުއިފަސޭހަ ޞިއްހީ ޚިދުމަތެއް ފޯރުކޮށްދިނުންކަމަށެވެ. ވަޒީރު ވިދާޅުވީ އެއަރ އެންބިއުލަސްގެ ޚިދުމަތާއެކު ބަލިމީހުން އުފުލުމަށް ކުރަމުން ދިޔަ ބޮޑެތި ޚަރަދުތައް ބޮޑުތަނުން ކުޑަވެގެން ދާނެކަމަށެވެ.

އަންނަ އަހަރު ސިއްޙީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ސަރުކާރުންވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން އެއަރ އެމްބިއުލަންސްގެ ޚިދުމަތުގެ އިތުރުން، ޑްރޯން ބޭނުންކޮށްގެން ބޭސް އުފުލުމުގެ ޚިދުމަތަކީ އަންނަ އަހަރު އެންމެ އިސްކަންދެއްވާނެ ޚިދުމަތެވެ.