ޚަބަރު

މަސީގެ ބޮޑުރަސްގެފާނު ލަގަބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒަށް އަރުވައިފި


  • މިއީ މިލަޤަބް އެރުވި ފުރަތަމަ ފަހަރު

  • ލަޤަބް ރައީސަށް އެރުވީ މަސީގެ ފުރަތަމަ ބިލްޑަރސް އެވޯޑް ދިނުމުގެ ހަފްލާގައި

  • ރައީސަށް ލަޤަބް އެރުވީ މިދާއިރާއަށް ގެނެސްދެއްވި އިންގިލާބީ ބަދަލުގެ ސަބަބުން

މޯލްޑިވްސް ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ، މަސީން ދޭ އެންމެ ފަޚުރުވެރި ލަގަބް "ބޮޑުރަސްގެފާނު ލަގަބް" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް އަރުވައިފިއެވެ. މިލަޤަބް ރައީސަށް އަރުވާފައިވަނީ މަސީގެ ފުރަތަމަ ބިލްޑަރ އެވޯޑް ދިނުމުގެ ހަފްލާގައެވެ.

މިއީ މި ލަގަބް މަސީން އެރުވި ފުރަތަމަ ފަހަރެވެ. މިލަގަބު ރައީސަށް އަރުއްވާދެއްވީ މަސީގެ ރައީސް މުޙައްމަދު އަލީ ޖަނާހްއެވެ. މި ލަގަބު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒަށް އަރުވާފައިވަނީ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް އެމަނިކުފާނު ގެނެސްދެއްވާފައިވާ ކުރިއެރުމާއި ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް އެކަން ފާހަގަކުރެއްވުމުގެ ގޮތުން ކަމަށް މަސީން ވަނީ ބުނެފައެވެ.

ހައުސިން މިނިސްޓަރުގެ މަގާމުގައާއި މާލޭ ސިޓީ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތައް ގިނަ ކުރިއެރުންތަކެއް ގެނެސްދެއްވާފައިވާކަން މަސީންވަނީ ފާހަގަކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ހައުސިން މިނިސްޓަރުކަމުގެ މަޤާމުގައި ހުންނަވައިގެން ރާއްޖެއަށް އިންގިލާބީ ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯއްދަވައިދެއްވާފައެވެ. އެގޮތުން ރާއްޖޭގައި މިހާތަނަށް އިމާރާތްކުރެވުނު އެންމެ އުސް އިމާރާތްތައް ބިނާކުރެވިގެން ދިޔައީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. އޭގެތެރޭގައި އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތާއި، ހިޔާ މަޝްރޫއު ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން ރާއްޖޭގެ ތާރީޚުގައި އެޅުނު ފުރަތަމަ ބްރިޖް "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އެޅިގެން ދިޔައީވެސް އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. މީގެއިތުރުން ބިން ހިއްކުމުގެ އެތައް މަޝްރޫއެއްވެސް އެމަނިކުފާނުގެ ވަޒީރުގެކަމުގެ ދަށުންވަނީ ކުރިއަށްގެންގޮސްފައެވެ.