ޚަބަރު

ޕީއެސްއެމުން ބާއްވާ މާލޭ މޭޔަރު ބަހުސްގެ ސުވާލުތައް ދިންކަމަށް ބުނެ ފަތުރަނީ ދޮގު ޚަބަރެއް


  • "މާލޭ މޭޔަރ 2024" ބަހުސް އޮންނާނީ އަންނަ މަހުގެ 6 ގައި

  • ޕީއެސްއެމުންވަނީ ކެންޑިޑޭޓުންނާ ބައްދަލުކޮށް ބަހުސް ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ދީފައި

  • އެއްވެސް ކެންޑިޑޭޓަކާ ސުވާލުތައް ހިއްސާ ކޮށްފައި ނުވޭ

  • ބަހުސްގެ ސުވާލުތައް އަދި ތައްޔާރުކޮށްފައި ނުވޭ

ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުން ބާއްވާ "މާލޭ މޭޔަރ 2024" ބަހުސްގެ ސުވާލުތައް އެއްވެސް ކެންޑިޑޭޓަކާއި ހިއްސާކޮށްފައި ނުވާނެކަމަށް ޕީއެސްއެމުން ބުނެފިއެވެ. ޕީއެސްއެމުން މިހެން ބުނެފައިވަނީ ބަހުސްގެ ސުވާލުތައް ބައެއް ކެންޑިޑޭޓުންނަށް ދިންކަމަށް ސޯޝަލް މީޑިއާގައި ހާމަކުރަމުންދިއުމާއި ގުޅިގެންނެވެ.

މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން، ޕީއެސްއެމުން ބާއްވާ މޭޔަރުންގެ ބަހުސް އޮންނާނީ އަންނަ މަހުގެ 6 ވަނަ ދުވަހުއެވެ.

މި ބަހުސްގައި ބައިވެރިވުމަށް ދިން ދަޢުވަތު ހުރިހާ ކެންޑިޑޭޓުންވެސް ވަނީ ޤަބޫލުކުރައްވާފައެވެ.

މިބަހުސްގެ ސުވާލުތައް ބައެއް ކެންޑިޑޭޓުންނަށް ދިންކަމަށްބުނެ ފެތުރެމުންދާ މައުލޫމާތާ ގުޅިގެން ޕީއެސްއެމުން ނެރުނު ބަޔާނެއްގައިވަނީ މިބަހުސްގެ ސުވާލުތައް ދުރާލާ ފޯރުކޮށްދީފައިވާ ކަމަށް ފެތުރިފައިވާ ޚަބަރަކީ އެއްވެސް ހަޤީގަތެއް އެކުލެވިގެންވާ ޚަބަރެއް ނޫންކަމަށެވެ.

މޭޔަރުންގެ ބަހުސަށް ތައްޔާރުވުމުގެ ގޮތުން، މިބަހުސްގެ ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން މިމަހުގެ 20 ވަނަ ދުވަހު ޕީއެސްއެމްގައި ކެންޑިޑޭޓުންނާއި ބައްދަލުކޮށް، ބަހުސް ކުރިއަށްގެންދާނެގޮތުގެ މަޢުލޫމާތު ވަނީ ޙިއްސާކޮށްފައެވެ. އަދި ގުރުއަތު ނަގާ، ބަހުސްގައި ބައިވެރިވެވަޑައިގަންނަވާ ކެންޑިޑޭޓުންނަށް ވާހަކަ ދެއްކެވުމަށް ފުރުޞަތު ދެއްވާނެ ތަރުތީބު ވެސްވަނީ ކަނޑައަޅާފައެވެ.

މީގެ އިތުރަށް ބަހުސްގެ ސުވާލުތަކާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް ހިއްސާކުރެވިފައިނުވާނެކަމަށް ޕީއެސްއެމުންވަނީ ބުނެފައެވެ. އަދި މިވަގުތު ބަހުސްގެ ސުވާލުތައް ތައްޔާރުކުރެވިފައި ނުވާކަމަށްވެސް ޕީއެސްއެމުން ބުނެއެވެ.

މޭޔަރު އިންތިޚާބުގައި ވާދަކުރައްވާ ފަސް ކެންޑިޑޭޓުން

* އައިޝަތު ޢާޒިމާ ޝަކޫރު/ ޕީއެންސީ
* އާދަމް ޢާޒިމް/ އެމްޑީޕީ
* ސައިފް ފާތިހު/ ދަ ޑިމޮކްރެޓްސް
* ޙުސައިން ވަހީދު/ އަމިއްލަ ގޮތުން
* ޝުޢައިބު ޢަލީ/ ޢަމިއްލަ ގޮތުން

މާލޭގެ މޭޔަރުކަމަށް 5 ކޭންޑިޑޭޓުން ވާދަކުރައްވާއިރު މިއީ މާލޭގެ މޭޔަރު އިންތިޚާބުގައި މިހާ ގިނަ ކެންޑިޑޭޓުން ވާދަކުރައްވާ ފުރަތަމަ ފަހަރެވެ.

މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ބަހުސް ބޭއްވުމުގެ މަޤުޞަދަކީ އެކެންޑިޑޭޓުން މާލެއާމެދު ގެންގުޅުއްވާ ވިސްނުމާއި ތަސައްވުރު އަދި ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރައްވާނެ ކަންކަމާއި ސިޔާސަތުތައް ރައްޔިތުންނާ ހަމައަށް ތިލަކޮށްދިނުމެވެ.

މޭޔަރުންގެ ބަހުސްގެ އިތުރުންވެސް، ކެންޑިޑޭޓުންގެ ތަޞައްވުރުގެ މަޢުލޫމާތު ގެނެސްދިނުމަށް އޮންއެއަރ ވަގުތު ޕީއެސްއެމުން ދިނުމަށްވަނީ ހަމަޖެހިފައެވެ.